ވިލާ ހައި ސްކޫލްގައި ތައުލީމު ހާސިލްކުރެއްވި އިރު އެމްޑީޕީގެ ސްޓޭޖަށް އަރުއްވައި، ވާހަކަ ދެއްކެވި ހިސާބުން މީކާއީލް ނަސީމު އާންމުންނަށް ފެނިއްޖެ އެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުނު ގޮތުން އޭނާގެ ޝުއޫރު ފާޅުނުކޮށް ނުހުންނެވުނީ އެވެ. އުމުރުން އެންމެ 18 ގައި، އެގޮތަށް ސިޔާސީ ޕޯޑިއަމަކަށް އެރުއްވުމުން އޭނާ ވިލާ ހައި ސްކޫލުން ވަކިކުރި އެވެ. އަދި އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީން އޭނާ ލިބިފައި އޮތް ސްކޮލަޝިޕެއް ވެސް އޭރުގެ ސަރުކާރުން ހުއްޓުވި ކަމަށް ވިދާޅުވެ އެވެ.
މީކާއީލް ފަހުން ވަނީ އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވެފަ އެވެ. ރާއްޖޭގެ ޓީވީގެ އިނގިރޭސި ނިއުސް ޑިޕާޓްމަންޓުގައި 2015-2016 އަށް އުޅުއްވި އެވެ.
އެމްޑީޕީގެ ޕޯޑިއަމަށް އެރުއްވި ފަހުން މީކާއީލް ސިޔާސީ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ޕާޓީގެ ޒުވާނުންގެ ވިންގުގެ ރައީސްކަމަށް 2017 ގައި އިންތިހާބުވެ، އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީން ހިންގި ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުއްވި އެވެ. އަދި އެކި ފަހަރު މަތިން އޭނާ ހައްޔަރު ވެސް ކުރި އެވެ.
މީކާއިލް އަންނަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސޭބިލިޓީޒް (އެމްއޭޕީޑީ) ގައި 2015 ވަނަ އަހަރުން ފެށިގެން ހިލޭ ސާބަހަށް މަސައްކަތްކުރައްވަމުންނެވެ. އަދި އެތަނުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ވެސް އުޅުއްވި އެވެ.
"އިހުލާސްތެރިކަމާއި ނަޒާހާތްތެރިކަމާ އެކު އެއްގޮތެއްގައި، ވަރުގަދަ އަޒުމަކާ އެކު ދެމިހުންނާނެކަން އަޅުގަނޑު ވާނީ ކަށަވަރުކޮށްދީފައި،" މީކާއީލް ވިދާޅުވި އެވެ.
"ދަތި އުނދަގުލާ އެކު ވެސް، ގޮތުގައި ހަތް އަހަރު ވަންދެން ސާބިތުވެ ހުރި މީހަކަށް ވޯޓް ދޭން އަޅުގަނޑު ގޮވާލަން."