ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abdulla Jabir

Kaashidhoo Dhaairaa Kaafu Atoll

ޕްރޮފައިލް

އޭނާ އަށް ފެނިވަޑައިގަންނަވަނީ މުޅިން އެހެން މަންޒަރެކެވެ؛ އޭނާ ވިދާޅުވާ ގޮތުން ރައްޔިތުން ވަނީ ވަރަށް ނިކަމެތި ހާލެއްގަ އެވެ. ރައީސް މައުމޫން އަބްދުލްްގައްޔޫމްގެ ވެރިކަމުން ފެށިގެން، މިވީހާ ދުވަހަކު ރައްޔިތުންނަށް ސާފު ދިރިއުޅުމެއް ހޯދައިދެވިފައިވާ ނުވާ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވާ ގޮތުން އޭނާގެ އަތްޕުޅުގައި ހުރިއްޔާ ހުރި ފައިސާއެއް ހޭދަކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ހާލަތު ބަދަލު ކުރުމަށެވެ. އެ މަސައްކަތްޕުޅު އޭނާ ކުރައްވަނީ އެ ވަގުތަކު އޮތް ސަރުކާރަކާ ގުޅިވަޑައިގެންނެވެ. އެކަމަކު ޖާބިރު ވިދާޅުވާ ގޮތުން، އާޚިރުގައި އޭނާ އަށް ލިނެބީ ހުސް ކޮޅު ކެއްސެވެ.

"އެކަމަކު ވެސް އަޅުގަނޑު ހިތްްވަރު ދުލެއް ނުކުރަން،" ރިސޯޓް ވިޔަފާރީގައި ހުރިހާ ތަޖުރިބާއެއްހެން ކުރައްވާފައިވާ ޖާބިރު ވިދާޅުވި އެވެ.

ދެން ވެސް އޮތް މަސައްކަތަކީ ހަމަ އެެ އެވެ؛ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކާށިދޫ ދާއިރާ އަށް ކުރިމަތިލައްވަނީ ހަމަ އެންމެ ބޭނުމެއްގަ އެވެ؛ މުޅި ރާއްޖެ އަށް ތަރައްގީ ގެނައުމެވެ. އޭނާގެ އަމާޒަކީ ދިވެހިންނަށް ރަނގަޅު ގޮތްތައް ވުމެވެ. ޒަމާނީ ތަރައްގީއާ އެކު ތަހުޒީބީ މުޖުތަމައެއް ބިނާ ކުރުމެވެ. ސަރުކާރު ޒިންމާދާރު ކުރުވުމެވެ. މަޖިލިސް ނަޒާހަތްތެރިވުމެވެ.

ޖާބިރު ދައްކަވާ މިސާލަކީ މި އެވެ. އޭނާ މާލެ އަށް ހިޖުރަ ކުރެއްވީ ރަށަކުން އެންމެ ނިކަމެތި ހާލުގަ އެވެ. މިއީ ފަހަރެއްގައި އެވަރުގެ އެހެން މުއްސަންޖަކު ކުރައްވާފައި ނުވާނެ ތަޖުރިބާއެކެވެ.

އައްޑު އަތޮޅަށް އުފަން ބައްޕައަކާއި، ހުވަދު އަތޮޅަށް އުފަންވެ ވަޑައިގަތް މަންމަ އަކަށް ލިބިވަޑައިގަތް ޖާބިރު މާލެ ހިޖުރަ ކުރައްވައި، ނިކަމެތި ހާލުގައި އުޅެން ޖެހިވަޑައިގަތެވެ. އޭނާ އަށް އޭރު ވެސް ފެނިވަޑައިގަތީ ސަރުކާރުން ރައްޔިތުންނާ މެދު ދުރުމިނެވެ. މާލޭގެ އެކި ހިސާބުތަކުގައި ލޮލީ ވިއްކަން އުޅުއްވި އެވެ. ލޮލީ ޑެލިވަރީ ކުރައްވަން އުޅުއްވި އެވެ.

އެކަމަކު އެއީ މާޒީ އެވެ. މިއަދު ޖާބިރަކީ ޓޫރިޒަމް ދާއިރާގައި ވެސް، އަދި ސިޔާސީ ދާއިރާގައި ވެސް ނުފޫޒު ގަދަ ނަމެކެވެ. އޭނާ ވެފައި ވަނީ އާންމުންގެ ހިތްތަކާ ކުޅެލައި، ވާހަކަ ދެއްކެވުމުގައި ދޫފަރިތަ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފަ އެވެ. ވިޔަފާރީގައި އޭނާ ވަނީ ކުރިއެރުންތައް ހޯއްދަވައިފަ އެވެ. އަމިއްލަ ސިކުނޑި ބޭނުން ކުރައްވައިގެން، ރާއްޖޭގެ ޓޫރިޒަމްގައި އޭނާ އާ ކޮންސެޕްޓްތައް ތައާރަފު ކުރެއްވި އެވެ.

"އައްޑު އަތޮޅުން ހުވަދު އަތޮޅުން މާލެ އައި މީހެއް އަޅުގަނޑަކީ. އައިސް މާލޭގައި އަޅުގަނޑު ލޮލީ ޑެލިވަރީ ކުރަން އުޅުނު އިރު އޭރު ވެސް މި ބޭފުޅުން ތިއްބެވީ ޔުނީފޯމް ލައްވައިގެން. މިއަދު އަޅުގަނޑު މާލޭ ރައްޔިތަަކަށްވެ، މާލެއިން އަގުބޮޑު ބިންތައް ގަނެ، މާލެ އަތޮޅު ވަށައިގެން އަގުބޮޑު ރިސޯޓްތައް މި ހެދީ ކީއްވެތޯ؟" ޖާބިރު ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބު ވަރަށް ސާފެވެ. ޖާބިރަކީ ކުރިމަތިލެއްވި ކޮންމެ ކަމެއް ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމެވެ. އޭނާ ކުރައްވަން ބޭނުން ކަމެއް ކުރައްވާނެ ކަމުގެ، މިއީ މިސާލެކެވެ.

އޭގެ ކުރިން ވެސް ޖާބިރަކީ ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެކެވެ. އެކަމަކު 2004 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުވަދުއަތޮޅު އުތުރަށް، އޭރުގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ ކަމަށްވާ ފާތުމަތު ޝީރީނާ ވާދަކުރައްވައި އެއް ވަނަ ކެންޑިޑޭޓެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އެކަން އޭނާ ސިފަ ކުރެއްވީ އޭރުގެ ރައީސް މައުމޫން ބަލިކުރެއްވުމެއްގެ ގޮތުގަ އެވެ.

ޖާބިރު ވަނީ އެ ގޮނޑި އެއް ދައުރު އަދާކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި އެ ދާއިރާގެ ގޮނޑީގައި އިންނަވައިފަ އެވެ. ހާއްސަ މަޖިލީސްގެ ވެސް މެމްބަރެއްގައި ގޮތުގައި ހުންނަވައި، އެ މަޖިލީހުން ވަރަށް ބާރު ސްޕީޑެއްގައި އޭނާ ވަނީ މިހާރުގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރައްވައިފަ އެވެ. ގާނޫނުއަސާސީގެ ޑްރާފްޓިން ކޮމެޓީގައި ހިމެނިވަޑައިގެން ގާނޫނުއަސާސީގައި ހިމަނަން ޖެހޭ މުހިންމު ބައިތައް ހިމެނުމުގައި އޭނާ ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އެވެ.

"ރައްޔިތުންގެ ހާއްސަ މަޖިލީހުގައި، މީހުން މެރުމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި އެކަމަށް އަޅުގަނޑު އިއުތިރާޒު ކުރިން. އެރޭ އަޅުގަނޑު ރިސޯޓުގައި ހުރެފައި މާލެ އައިސް މޭޒު މައްޗަށް އަރައިގެން ޑްރާފްޓިން ކޮމެޓީގައި ހަޅޭއްލަވައިގެން އަޅުގަނޑު އެކަން ހުއްޓުވީ. ސަބަބަކީ އޭރު ރާއްޖޭގެ ޝަރީއަތްތައް ކުރާ ގޮތާ ދޭތެރޭ އަޅުގަނޑުގެ އިތުބާރެއް ނެތީމަ،" ޖާބިރު ވިދާޅުވި އެވެ. "އަނެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ މީހަކު މެރިޔަސް އޭގައި އޭރު ކުރެވޭނެ ކަމެއް ނެތް. ގާނޫނުއަސާސީ އަށް އަޅުގަނޑު ލީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުގައި ހުރެގެން ދައުލަތަށް ގެއްލުން ކޮށްފިއްޔާ އޭނާގެ މައްޗަށް ވެސް ދައުވާ ކުރެވޭ ގޮތަށް. އެހެންވެ ކުރީގެ ރައީސުން މިހާރު ޖަލަށް ދާން ޖެހެނީ ވެސް."

ޖާބިރު ވަނީ ސިޔާސީ ވަރަށް ގިނަ ޕާޓީތަކެއްގެ އިސް މަގާމުތައް ވެސް އަދާކުރައްވައިފަ އެވެ. ރާއްޖެ އަށް ޕާޓީގެ ނިޒާމު އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް ޖާބިރަކީ ޕާޓީތަކަށް ޚަރަދު ކުރައްވައި، ޑިމޮކްރަސީ ހިފެހެއްޓެވުމަށް ޓަކައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޑީއާރުޕީ، އާއި ޕީއޭ އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ.

"އެކަމަކު އޭގެ ފޮނިކޮޅު ބޯލީ ރައީސް މައުމޫނާއި ރައީސް ޔާމީން،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެންމެ ފުރަތަމަ ދެކޮޅަށް ތެދުވެވަޑައިގަތް އެއް ބޭފުޅަކީ ޖާބިރެވެ. ވަރަށް ފާޅުގައި ރައީސް ޔާމީނާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އޭގެ ނަތީޖާ އަކަށްވީ އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ. ރައީސް ޔާމީންގެ ބާރާއި ނުފޫޒުތަކާ ދެކޮޅަށް އޭނާ ތެދުވެވަޑައިގަތީ، ޖާބިރު ވިދާޅުވި ގޮތުގައި ޒާތީ ކަމެއްގައެއް ނޫނެވެ. އެހެން ނަމަވެސް، މުޅި ރާއްޖޭގެ ސިސްޓަމް ބޮއްސުންލައިގެންނެވެ. އެހެންވެ، އެމަނިކުފާނުގެ ސަރުކާރު ބަދަލު ކުރުމަށް ޓަކައި ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް އޭނާ ފެއްޓެވި އެވެ.

"މި ސަރުކާރު މި އައީ އަޅުގަނޑު ޚަރަދުކޮށްގެން. މިކަމާ އެކަކަށް ވެސް ދެކޮޅެއް ނުހެދޭނެ،" ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، މިހާރު ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ޖާބިރު ވިދާޅުވި އެވެ.

އެކަމަކު ޖާބިރު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެސް ވެރިކަމަށް އައުމަށް ފަހު ވަނީ ފާލުން ނައްޓައިފަ އެވެ.

"ރައްޔިތުން ވަރަށް ނިކަމެތިކޮށް މި ތިބީ. މި ސަރުކާރު އައި ފަހުން އަދި އެއްވެސް ކަމެއް ނުހިނގާ. ރައްޔިތުންނަށް ޖެހޭނީ ލައިގެން އޮތް ހެދުން ވިއްކައިގެން ކައިބޮއިގެން އުޅެން، ކޯލިޝަންގެ ނަމުގައި އަޅުގަނޑުގެ ލާރިން ވެރިކަމަށް އައި މީހުން އެ ބޭފުޅުން ކޯލިޝަނަށް ލިބެން ޖެހޭ ބައި ބަހަނީ. ފައިސާ ހޯދަން ވީމަ އަޅުގަނޑު. ބަހާއިރަކު އަޅުގަނޑަކަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގޮވާލަން ރައްޔިތުން ހޭލާ ތިބުމަށް. ތިމާ އަށް ގިނަ ރުފިޔާ ލިބޭ ގައުމުތަކާ ގުޅގެން ދައުލަތް ބޭނުންކޮށްގެން ވައްކަން ކުރަމުން މިދަނީ. ދަރިންގެ މުސްތަގުބަލަކީ ދައުލަތް. މި ދައުލަތުގެ މިލްކުވެރިކަމެއް އެއްވެސް މީހަކަށް ނުލިބޭނެ."

ޖާބިރު ވިދާޅުވީ ކޮންމެ ކަމެއް ކުރަންވީމަ ރައީސަށާއި ވަޒީރުންނަށް ސަނާ ކިޔުމުގެ ސަގާފަތް ހުއްޓާލަން ޖެހެ އެވެ. އަދި ސަރުކާރުން ބަދަލު ކުރީ އެ ސަގާފަތް ހުއްޓުމަކަށް ގެންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާ އަށް ޖާބިރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވުމުން މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޓަކައި ޖާބިރު އިސްކޮށް ހުންނަވައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުން އެ މައްސަލަ ޖާބިރުގެ ކޮޅަށް ނިންމި އެވެ. މިއީ، ޖާބިރު ސިފަ ކުރައްވާ ގޮތުން ރައްޔިތުންނަށް ލިބުނު ނަސްރެކެވެ.

އެކަމަކު އަމިއްލަ ގޮތުން ވާދަކުރެއްވިޔަސް ޖާބިރު ވިދާޅުވީ އޭނާ އަކީ އެންމެންގެ ވެސް ތާއީދާ އެކު ކުރިމަތިލެއްވި ކެންޑިޑޭޓެކެވެ. އޭނާ ވިދާޅުވާ ގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ޓަކައި ބޭނުން ވަނީ ހަމައެކަނި ކާށިދޫ އާއި ގާފަރު ރައްޔިތުންގެ ތާއީދާއި "އާނ" ބަހެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންނާ އެކު ރައްޔިތުންގެ ފަޅީގައި ހުންނަ މީހެއްކަން. އެކަކަށް ވެސް އަޅުގަނޑަކަށް ބިރެއް ނުދެއްކޭނެ. އެކަކަށް ވެސް އަޅުގަނޑު ގަނެއެއްނުލެވޭނެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް އަޅުގަނޑަށް ބޭނުންހާ ގޮތަކަށް ހަދައެއް ނުލެވޭނެ. އެމަނިކުފާނު ވެސް ބުނާހާ ގޮތެއް އަޅުގަނޑެއް ނުހަދާނަން. އަޅުގަނޑު ހުންނާނީ ގޮތުގައި،" ޖާބިރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެނގޭނެ އަޅުގަނޑު ޑީލްތައް ނުހަދާނެ ކަން. އަޅުގަނޑަށް ވެސް ވަރަށް ބައިވަރު އޮފާތައް އައި. އެމްއެމްޕީއާރުސީގައި އަޅުގަނޑުގެ ނަމެއް ނޯންނާނެ. އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ޓެކްސް ދައްކައިގެން އުޅޭ މީހެއް. ދައުލަތަށް އަޅުގަނޑު ދައްކަން ޖެހޭ އެއްޗެއް ނޯންނާނެ."

ދެހާސް ވަނަ އަހަރުން ފެށިގެން ޖާބިރާއި ކާށިދޫ ދާއިރާއާ ވަރަށް ބޮޑު ގުޅުމެއް ވަނީ އުފެދިފަ އެވެ. އޭނާ ވިދާޅުވީ ރިސޯޓުގެ މަސައްކަތްތަކުގައި ކާށިދޫ ދާއިރާގެ ގިނަ ބަޔަކާ އެކު އުޅުއްވަން ޖެހިވަޑައިގަތުމުން، އެ ދާއިރާގެ ރައްޔިތުންނާ ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ. ބައި އިލެކްޝަންގައި ވާދަކުރެއްވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިހާރު ކާށިދޫ މީހެއް. އަޅުގަނޑުގެ ބިން ހުންނާނެ ކާށިދޫގައި. އަޅުގަނޑު ދިރިއުޅެނީ ކާށިދޫގައި،" އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާ ތަރައްގީ ކުރުމަށް ޓަކައި ޖާބިރު ވަނީ ތަސައްވުރަކާއި ޕްލޭނެއް އެކުލަވާލައްވައިފަ އެވެ. ވަރަށް ބޮޑު ޚަރަދެއް ކުރައްވަން ޖެހިވަޑައިގަތަސް، އޭނާ ވިދާޅުވީ އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. ޖާބިރު ސިފަ ކުރައްވާ ގޮތުގައި ކާށިދޫ ދާއިރާ މުސްތަގުބަލުގައި ފެންނާނީ ސިޓީއެއްގެ ގޮތަށެވެ.

"އަޅުގަނޑުގެ ޓާގެޓަކީ ކާށިދޫގައި ރަށުން ވަޒީފާ ލިބުން. ހަ ސަތޭކަ ވަޒީފާ އުފެއްދުން. އަޅުގަނޑުގެ އަމިއްލަ ހަރަދުގައި 10 މިނެޓުން މާލެ ދެވޭ ގޮތަށް އެއާޕޯޓެއް ހެދުން. ޓޫރިޒަމް ފުޅާކުރުން. ކާށިދޫ ފަޅުތެރޭގައި 500 ކޮޓަރީގެ މެދުފަންތީގެ ރިސޯޓެއް އަޅައި އޮޕަރޭޝަނަށް ގެނައުން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގާފަރު ތަރައްގީ ކުރުމުގެ ޕްލޭނެއް ވެސް އޭނާ ހާމަކުރެއްވި އެވެ.

"ގާފަރު ފަޅުތެރޭގައި ކުދި ރަށްރަށް ހިއްކައި ޕްރައިވެޓް އައިލެންޑް ހެދުމާއި ޑަބްލް ބޮޑު ސައިޒްގެ ގާފަރެއް ހަދަން އަޅުގަނޑު ވާނީ ޕްލޭން ކޮށްފައި،" އޭނާ ވިދާޅުވި އެވެ. "ކާށިދޫގައި ރިހިބިލިޓޭޝަން ސެންޓަރެއް ހަދައި، ހަމައެއާއެކު ހޮޓެލް ސްކޫލެއް ގާއިމްކޮށް، އަދި ކާށިދޫގެ އެއޮއް ބޮޑު ބިމުގެ ބޭނުން ހިފުން މިއީ އަޅުގަނޑުގެ ޕްލޭނަކީ. އަޅުގަނޑު ބޭނުން ބޮޑު ކާށިދޫގައި 30 ބުރީގެ އިމާރާތެއް އަޅަން."

Featured Candidates