ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Dr. Mohamed Jameel Ahmed

Vilimale Dhaairaa Male' City

ޕްރޮފައިލް

ހަޔާތުގައި އެއްވެސް ކަމަކާ ފޫހިނުވެ، ހިތްވަރު ދެރަނުކޮށް، އުއްމީދާ އެކު ކުރިއަށް ދިއުމުގެ ނަމޫނާއެއް ނަގާ ނަމަ ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ރާއްޖެ އިން ފެންނާނެ އެފަދަ އެއް ބޭފުޅެވެ. ފުވައްމުލަކު އާދައިގެ އާއިލާއަކަށް އުފަން އެކަމަކު އަމިއްލަ މަސައްކަތްޕުޅުން ރާއްޖޭގެ އެންމެ މަތީ މަގާމުތަކާ ހަމައަށް އެމަނިކުފާނަށް ވަޑައިގެންނެވުނީ ހަމައެކަނި ނަމެއްގައެއް ނޫނެވެ. ސަރުކާރުގެ އެކި ޒިންމާތައް އެމަނިކުފާނާ ހަވާލުކުރީ، އެކަންކަން ކުރައްވާނެކަމުގެ ޔަގީންކަން، އޭރުގެ ވެރިންނަށް އޮވެގެންނެވެ.

ޖަމީލްގެ ހަޔާތްޕުޅުން ފެންނަނީ ހިތްވަރާ އެކު ނުކުންނަވައިފި ނަމަ ކާމިޔާބަކީ އެ މީހެއްގެ ހައްގެއް ކަމެވެ. އެންމެ ތުއްޕުޅު އިރު، ޕާކިސްތާނަށް ވަޑައިގެންނެވީ އިލްމު ހޯއްދަވަން އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އޭގެ ފަހުން އޭނާ ފަހަތަށް ބައްލަވާލެއްވުމެއް ނެތި، ޕީއެޗު.ޑީއާ ހަމައަށް ކިޔަވާ ވިދާޅުވެ ހަމައެކަނި ނިންމާލެއްވީކީ ނޫނެވެ. މަސައްކަތްކުރެއްވި ކޮންމެ ދާއިރާއަކުން އޭނާ ހޯއްދެވީ ކާމިޔާބީ އެވެ.

ތުއްޕުޅު އިރު މައިންބަފައިން ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތީ ޖަމީލްގެ ހިތްޕުޅުގައި ތައުލީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާގެ އޮތީ ކިތައްމެ ދަތި ހާލެއްގައި އުޅުއްވައިގެން ނަމަވެސް އިލްމު ހޯއްދެވުމުގެ ޝައުގުވެރިކަމެވެ. ޕާކިސްތާނުގައި ހޭދަކުރެއްވީ އެކަހަލަ ދުވަސްތަކެކެވެ. އެކަމަކު ސާނަވީ ތައުލީމު ނިންމެވީ ހަޔާތުގައި ކުރިމަތިވާނެ ދަތިތަކަކީ މާޔޫސްކަމެއްގެ ގޮތުގައި ބެއްލެއްވުމެއް ނެތި އެވެ.

އެހާ ހިސާބުން 1996 ގައި ދެން ވަޑައިގަތީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީއަށެވެ. ގާނޫނީ ދާއިރާ އަކީ ޖަމީލްގެ ހިތްޕުޅުގެ އެންމެ ބޮޑު އެއް ލޯތްބަށް އޮތީ ވެފަ އެވެ. އެހެންކަމުން އެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި އެވެ.

ސަރުކާރުގެ ޚިދުމަތަށް ޖަމީލް ނުކުންނެވީ ފުރަތަމަ ޑިގްރީއަށް ފަހު ރާއްޖެ ވަޑައިގެން، އެޓާނީ ޖެނެރަލް އޮފީހާ ގުޅިވަޑައިގަތް ހިސާބުންނެވެ. ދައުލަތުގެ ވަކީލެއްގެ ގޮތުގައި ދެ އަހަރު މަސައްކަތްކުރެއްވުމަށް ފަހު އަނެއްކާ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި މާސްޓާޒް ހައްދަވަން ވަޑައިގަތީ އެވެ. ކޮމްޕެރޭޓިވް ލޯގެ ދާއިރާ އިން މާސްޓާޒް ނަންގަވައިގެން އެމަނިކުފާނު މަގުފަހިކުރެއްވީ ތައުލީމީ ގޮތުން ދެން ކުރިއަށް ދާން އޮތް ހަރުފަތަށެވެ.

އޭރު ވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ ބަދަލަކަށް ބޭނުންވެފަ އެވެ. ޒަމާނީ ވިސްނުން އިސްކުރަން ޖެހިފަ އެވެ. އެ ޒިންމާއާ ޖަމީލް ހަވާލުވެވަޑައިގަތީ އެކަން ކުރެއްވޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ. އަދި އެކަން ސާބިތު ވެސް ކޮށްދެއްވި އެވެ. ޖިނާއީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނަވައިގެން ގެންނެވި ބައެއް ބަދަލުތައް މުހިންމެވެ. އެގޮތުން ޝަރީއަތްތައް ހުޅުވާލައިގެން ބާއްވަން ފެށުމާއި ޝަރީއަތް ނިންމައި ހުކުމް ކުރުމާ އެކު، އެ ހުކުމުގެ ކޮޕީ ވަގުތުން ލިބޭނޭ ގޮތް ހަމަޖެއްސެވި އެވެ. ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރު ކުރެވޭނެ އުސޫލުތައް ހެއްދެވުން ފަދަ އޭރު ޝަރުއީ ދާއިރާގައި ނެތް އެކަމަކު މިހާރު ވެސް އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެތައް ކަމެއް، ޖިނާއީ ކޯޓުގެ މާހައުލަށް ގެންނެވި އެވެ.

ޕީއެޗު.ޑީއަށް ކިޔަވާ ވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިގަތީ ޖިނާއީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނަވަނިކޮށެވެ. ކޮމަންވެލްތު ސްކޮލަޝިޕެއްގެ ދަށުން ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް އިން ޕީއެޗު.ޑީ ނެންގެވީ ކްރިމިނަލް ލޯގެ ދާއިރާއިންނެވެ. އެމަނިކުފާނުގެ ތީސީސް ބިނާކުރެއްވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ މައްޗަށެވެ.

ލިބޭ ފުރުސަތުތައް ދޫކޮށްލެއްވުމަކީ ޑރ. ޖަމީލްގެ އާދައެއް ނޫނެވެ. އެމަނިކުފާނު އަބަދުވެސް ގަބޫލުފުޅުކުރައްވަނީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. ކާމިޔާބު މީހަކަށް ވާނީ އެ ހުރަސްތައް ނަންތާލައި، ކުރިއަށް ގޮސްގެންނެވެ. އެ ފަލްސަފާއަކީ ޑރ. ޖަމީލްގެ ހިތްވަރެވެ. ޖުލައި 14، 2005 ގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓްގެ ޖަސްޓިސް މިނިސްޓަރުކަން ލިބިވަޑައިގަތް އިރު މުޅި ގައުމު އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. އޭރުގެ ސަރުކާރުގެ ކެބިނެޓް ޒުވާންކޮށްލަން މައުމޫން ނިންމެވި ނިންމެވުންތަކުގައި، ފުރުސަތު ލިބިވަޑައިގަތުމަކީ، ޑރ. ޖަމީލް ގަބޫލުކުރެއްވި ގޮތުން ނަމަ، އާ މަރުހަލާއަކަށް ގައުމު ގެންގޮސްދިނުމުގެ ޒިންމާއެކެވެ.

ޖަސްޓިސް މިނިސްޓަރަކަށް ހުންނަވައިގެން ވެސް އެމަނިކުފާނު ގެންނެވީ ޒަމާނީ ބަދަލުތަކެވެ. އެގޮތުން ތައުލީމީ، ޒުވާން ފަނޑިޔާރުން ހޯއްދެވުމަށް، ފަނޑިޔާރުންނަށް ލިވިން އެލަވަންސެއް ހަމަޖެއްސެވި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިނާއީ އިޖުރާއަތުގެ ގަވާއިދަކާއި މަދަނީ އިޖުރާއަތުގެ ގަވާއިދެއް އެކުލަވާލި އެވެ. ރަށްރަށުގެ ކޯޓުތަކުގައި ނުނިމި އެތައް އަހަރެއް ވީ މައްސަލަތައް، ގާޒީން ފޮނުވައިގެން ނިންމަން ފެށި އެވެ.

ތައުލީމަކީ ކުރިއެރުން ކަމަށް އަބަދުވެސް ގަބޫލުފުޅުކުރެއްވި ޖަމީލް ރާާއްޖޭގެ ފަނޑިޔާރުންނަށް އިތުރު ތައުލީމާއި ތަމްރީނު ދިނުމުގެ ގޮތުން ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަނާ ގުޅިގެން ޝަރުއީ ދާއިރާގެ ޚާއްސަ ކޯސްތަކެއް ތައާރަފުކުރެއްވި އެވެ. ފަނޑިޔާރުންނަށް ތަމްރީނު ދިނުމަށް، ވިލިމާލޭގައި ޖުޑީޝަލް ޓްރެއިނިން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވި އެވެ.


ރާއްޖޭގެ ތާރީޚުން ފެންނާނެ ވަރަށް ބޮޑު ބަދަލަކަށް އަންހެނުންނަށް ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނޭނެ އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ފެނުނީ ޑރ. ޖަމީލްގެ ޖަސްޓިސް މިނިސްޓަރުކަމުގަ އެވެ.

މި ހުރިހާ ބަދަލުތަކެއް އެމަނިކުފާނުގެ ޒިންމާގެ ތެރެއިން އަންނަމުން ދިޔަ އިރު އަނެއްކޮޅުން އޭރުގެ ސިޔާސީ ހަލަބޮލިކަމާއި މައުމޫންގެ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވި އެވެ. އިސްލާހީ އެޖެންޑާ ކުރިއެރުވުމުގައި ކެބިނެޓުގެ ތެރެއިން މަސައްކަތް ކުރި ޓީމުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުގެ މަގުބޫލުކަން ހޯއްދެވި އެވެ. އާ ގާނޫނުއަަސާސީ ހަދަމުން ދިޔަ އިރު 2005 އިން 2007 އަށް ޚާއްސަ މަޖިލިހުގައި މަސައްކަތްކުރެއްވި އެވެ.

އެކަމަކު ސިޔާސީ ދާއިރާ އަބަދުވެސް އޮންނަނީ އަވަސް އަވަހަށް ބަދަލުވާ އަދި ހައިރާންކުރުވަނިވި މަންޒަރުން ފުރިފަ އެވެ. ޑރ. ޖަމީލްގެ ފަރާތްޕުޅުން ވެސް އެކަން ފެނުނެވެ. މައުމޫންގެ ކެބިނެޓުން އިސްތިއުފާ ދެއްވީ ހަމަ ކުއްލިއަކަށެވެ. އެކަމަކު އިސްލާހީ މަސައްކަތުގައި، އެކުވެރި ބައެއް އެހެން ބޭފުޅުންނާ އެކު، ހުއްޓުމެއް ނެތި އުޅުއްވި އެވެ. ގައުމީ ޕާޓީ އުފެއްދެވީ އެ މަގުސަދުގަ އެވެ. އަދި 2008 ގެ ރިޔާސީ އިންތިހާބުން މައުމޫން ބަލިކޮށް، އެމްޑީޕީގެ އިއްތިހާދުން އިންތިހާބު ކާމިޔާބުކޮށް، އާ ސަރުކާރުގެ ކެބިނެޓުން އެމަނިކުފާނު ޖާގަ ހޯއްދެވި އެވެ. އެކަމަކު ކޮމިޔުނިކޭޝަން މިނިސްޓަރުގެ ގޮތުން މާ ގިނަ ދުވަހު މަސައްކަތެއް ނުކުރައްވަ އެވެ.

ޖަމީލް ގަބޫލުފުޅުކުރައްވާ ގޮތުގައި އެމަނިކުފާނަކީ އަބަދުވެސް އިސްލާހަށް ލޯބިކުރައްވައި، ހައްގަށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރާ ދެކޮޅަށް ފަހުން އަޑުއުފުއްލެވީ ވެސް، ގޯސްކޮށް ކަންކަން ހުރެގެންނެވެ. އެހެންކަމުން އިދިކޮޅު ބޭފުޅެއްގެ ގޮތުގައި އޭނާ އިއްވެވީ އެ އަޑުކަމަށް އަދިވެސް ވިދާޅުވެ އެވެ. ސިޔާސީ ކޮންމެ ލީޑަރެއްގެ އަމަލް ވެސް ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފު ވަންޏާ އެކަމާ ދެކޮޅަށް ފާޑުވިދާޅުވުމަކީ، ސިޔާސީ އެހެން މީހުންގެ ޒިންމާއެއް ކަމަށް ޖަމީލް ގަބޫލުފުޅުކުރައްވަ އެވެ.

ކެބިނެޓްގެ މަގާމެއް ތިން ވަނަ ފަހަރަށް ޖަމީލަށް ލިބިވަޑައިގަތީ، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް މުހައްމަދު ވަހީދު އެކުލަވާލެއްވި ސަރުކާރުންނެވެ. ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް އޮތް، މުޒާހަރާތައް ގިނަ ދުވަސްވަރެއްގައި ހަވާލުވެވަޑައިގަތީ ހޯމް މިނިސްޓަރުކަމާ އެވެ. އެފަދަ ނާޒުކު، އަދި އުނދަގޫ ދަނޑިވަޅުތަކުގައި އެފަދަ މިނިސްޓްރީއެއް ހިންގެވުމުގެ ޒިންމާ ނެންގެވުމަކީ ސިޔާސީ ކަންކަމުގައި ކޮންމެ ބަޔަކާ އެކު ވެސް ވާހަކަ ދައްކައިގެން ކުރިއަށް ދާނެ މަގު އޮންނާނެކަން ސާބިތުކޮށްދެއްވުމެވެ.

ހޯމް މިނިސްޓަރުކަމުގެ އިތުރުން ރައީސް ވަހީދުގެ ވެރިކަމުގައި އެކުލަވާލި ފަތުވާ މަޖިލިހުގެ މެމްބަރުކަން ވެސް ޑރ. ޖަމީލްކުރެއްވި އެވެ.

ފުރުސަތަކީ އަބަދު ލިބޭ އެއްޗެއް ނޫނެވެ. ފުރަސަތުގެ ބޭނުން ރަނގަޅަށް ހިފުމަކީ ހަމައެކަނި ނަސީބެއް ވެސް ނޫނެވެ. އޭގައި ތިމާގެ އަމިއްލަ މަސައްކަތާއި ދުރު ވިސްނުން ވެސް މުހިންމެވެ. ޑރ. ޖަމީލްގެ ސިޔާސީ ހަޔާތްޕުޅު ބިނާވެފައި އޮތީ އެ މަސައްކަތާއި ވިސްނެވުމުގެ މައްޗަށެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިހާބު ކައިރިވި އިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެތައް ޗޮއިސްއެއް އޮތެވެ. އެކަމަކު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓްކަން ގަބޫލުފުޅުކުރެއްވީ، ކުރިއަށް ދާން ދެން އޮތް އެންމެ ރަނގަޅު ފުރުސަތަކީ އެއީ ކަމަށް ގަބޫލުފުޅުކުރައްވައިގެންނެވެ.

ހަގީގަތުގައި 2013 ގެ ރިޔާސީ ކެމްޕެއިންގައި ޖަމީލް ކުރެއްވި ހިތްވަރާއި މަސައްކަތްޕުޅު ތާރީޚުގައި ލިޔެވެން ޖެހެ އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށްހެން ވަޑައިގެން ކެމްޕެއިންކުރެއްވި އެވެ. ބައެއް ރަށްރަށަށް އެތައް ފަހަރަކު އެވެ. ޕީޕީއެމްގެ ސަޕޯޓް ނެތް ރަށްރަށަށް ވެސް އަރައިވަޑައިގަތީ ކެރިގެންނެވެ. ގޭގެއަށް ހިންގަވާ އިރު އަޑުގަދަކުރާ އިން ބައެއް މީހުން ޖެއްސުން ކުރިޔަސް އަޅާލެއްވުމެއް ނެތި އެވެ.


ޔާމީނަށް ރައީސްކަން ލިބިވަޑައިގަތުމުގައި ޖަމީލް އެ ކުރެއްވި މަސައްކަތްޕުޅު ދެވަނަ އެހެން ބޭފުޅަކު ކުރައްވާނެކަމާ މެދު ޝައްކެވެ. އާ ސަރުކާރު އުފެދުނީ ޖަމީލްގެ އުއްމީދާއި ނައިބު ރައީސެއްގެ ގޮތުން ގައުމަށް ޚިދުމަތްކުރެއްވުމުގެ ފުޅާ ވިސްނުމަކާ ވެސް އެކުގަ އެވެ. އެކަމަކު ސިޔާސީ ބަދަލުވުން ފެނުނީ އެއަށް ވުރެ ހިތިކޮށެވެ. އެމަނިކުފާނާއި އާއިލާއަށް ނުރައްކާ އޮތްކަން އެނގިވަޑައިގަތުމުން، ރާއްޖެ ދޫކުރައްވައި އިނގިރޭސި ވިލާތަށް ވަޑައިގަތެވެ. އަދި ދިފާއުވާނެ ފުރުސަތު ވެސް ލިބިވަޑައިނުގެން، ރައްޔިތުންގެ މަޖިލިހުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ދުރުކުރުވި އެވެ.

މިއަދު ވެސް ޑރ. ޖަމީލް ގަބޫލުފުޅުކުރައްވަނީ ނައިބު ރައީސްކަމުން ވަކިކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. އެކަމަކު އެ ފިޔަވަޅު އަޅައިގެން ނުވަތަ އަމިއްލައަށް އަރުވާލެއްވިގެން ހުންނެވިޔަސް ސިޔާސީ ހަޔާތްޕުޅު ނިމުމަކަށް ނުގެންނަވަ އެވެ. އިނގިރޭސި ވިލާތުގައި ހުންނަވައިގެން ވެސް އެމަނިކުފާނު އަޑުއުފުއްލެވީ ހައްގަށެވެ. އިސްލާހަށެވެ. ބަދަލަކަށެވެ.

އެނބުރި ރާއްޖެ ވަޑައިގަތީ އެކަން ކާމިޔާބުކުރައްވައިފަ އެވެ. އަދި އަލުން އަމިއްލަ ފަސްގަނޑުގައި ސިޔާސީ މަސައްކަތްޕުޅު ފެއްޓެވީ އާ އަޒުމަކާ އެކު، އާ އުއްމީދުތަކެއްގަ އެވެ.

މިއަދު ޑރ. ޖަމީީލް ނުކުންނެވީ ވިލިމާލެ ދާއިރާ އިން ރައްޔިތުންގެ މަޖިލިހަށެވެ. އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާ އާއި ގާނޫނީ އިލްމާއި ކޮންމެ މީހަކާ އެކު ވެސް ވާހަކަ ދެއްކެވޭނެ ކަމުގެ ފަސޭހަ ވިސްނުންފުޅަކީ، މިއަދު ރާއްޖެ އޮތް ގޮތަށް ބަލާއިރު، ރައްޔިތުންގެ މަޖިލިހަށް މުހިންމު ކަމެއް ކަމަށް ގަބޫލުފުޅުކުރައްވަ އެވެ.

ކުރީގެ ނައިބު ރައީސް ވިދާޅުވާ ގޮތުގައި ވިލިމާލޭ ރައްޔިތުންނަށް ހައްގު ވަރު ހޯދައިދޭން އެމަނިކުފާނަށް ދޭ ވޯޓު ގެއްލިގެން ނުދާނެ އެވެ. އަދި ވިލިމާލެ ރައްޔިތުންގެ ހައްގުގައި އަޑުއިއްވުމުގެ ކެރުމާއި، ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން ހައްލު ހޯއްދަވައި ދެއްވުމުގެ ގާބިލްކަން އެބަ ހުއްޓެވެ.

"ރަައްޔިތުންގެ މަޖިލިހަކީ އަޅުގަނޑު ތައުލީމު ހާސިލްކުރި ގާނޫނީ ދާއިރާގެ މުހިންމު ބައެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ވިލިމާލޭ ރައްޔިތުންނަށް އެމަނިކުފާނު ދެއްވާ މެސެޖަކީ، ރައްޔިތުންނަށް ހައްގުވާ ވަރު ހޯދައިދޭން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމެވެ. ވިލިމާލެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރައްވަން، ރައްޔިތުންނާ ގުޅިގެން އުޅުއްވާނެ ކަމެވެ. މަޖިލިހުގައި ހަދާ ގާނޫނުތަކަކީ ހައްގުތައް ނުގެއްލޭ، ގައުމަށް ފައިދާ ހުރި އެއްޗަކަށް ވޭތޯ، އިލްމާއި ތަޖުރިބާގެ ބޭނުންކުރައްވާނެ ކަމެވެ.

Featured Candidates