ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Shainee

ޕްރޮފައިލް

އޯލެވެލް އަށް ފަހު، އޭނާގެ ފުރަތަމަ ވަޒީފާ އިމިގްރޭޝަނުން ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރަކަށް ބަދަލުވި ދުވަހު އިމިގްރޭޝަންގެ އިސްވެރިއަކު މަލާމާތުގެ ގޮތުގައި ވިދާޅުވި އެއްޗެއް މިއަދު ވެސް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ހަނދާނުގައި އެބަހުއްޓެވެ. ޑރ. ޝައިނީ ފިޝަރީޒް މިނިސްޓްރީ އަށް ބަދަލުވެވަޑައިގަތީ "މަސް ބޯޓަކަށް އެރުމަށް" ކަމަށް ވިދާޅުވެ އެ ދުވަހު ޖޯކު ޖެހި ނަމަވެސް މިއަދު ޝައިނީ އަކީ ކުރިއަށް ވަޑައިގަންނަވަން ބޭނުންވި ދާއިރާ އިން އެންމެ މައްޗަށް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. އެއީ ކަނޑާއި މޫދާ ގުޅޭ އިލްމުންނެވެ. ފަހަަތަށް ބެއްލެވުމެއް ނެތި ބޭނުންވި ނަތީޖާ ވަނީ ހޯއްދަވައިފަ އެވެ.

ކިޔަވާ ވިދާޅުވާ އެއްޗެއްގެ ބޭނުން ގައުމަށް ކޮށްދިނުމަކީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ހެންވޭރު އުތުރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ޑރ. ޝައިނީގެ އެންމެ އިސް އަމާޒެވެ. މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ އެކަން ހާސިލް ކުރައްވައި ދިވެހިންނަށް ދައްކުވައި ދެއްވައިފަ އެވެ.

"އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތުން މިހާ ހިސާބަށް އާދެވުނު މީހެއް. ވަރަށް އުނދަގޫ ދުވަސްތައް ވެސް ދެކެފިން. އެކަމަކު ކިޔެވުމާއި ގައުމަށް ޚިދުމަތް ކުރުމަކީ އަޅުގަނޑު އަބަދުވެސް ކުރަން ބޭނުންވާ ކަމެއް،" އުމުރުން 43 އަހަރުގެ ޑރ. ޝައިނީ ވިދާޅުވި އެވެ.

އާއިލާގައި އެންމެ ދޮއްޓަށް ހުރި ޑރ. ޝައިނީ، މަތީ ތައުލީމަށް ކިޔަވައި ވިދާޅުވިއިރު ވެސް ހުރިހާ މަރުހަލާއެއްގައި ބެއްލެވީ ރާއްޖެ އަށް ފައިދާކުރާނެ ފަދަ ކަމެއް ކުރެއްވޭތޯ އެވެ. ރިސާޗެއް ހެއްދެވިޔަސް ތީސިސްއެއް ލިޔުއްވިޔަސް އޭނާ އިސްކަން ދެއްވީ ރާއްޖެއާ ގުޅޭ ކޮންމެވެސް ކަމަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ. އެކަން ކާމިޔާބު ވެސް ކުރެއްވި އެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި މަސް ކަނދުފަތި ކަނޑައިގެން ދިއުން އާންމު ކަމަކަށް ވެފައިވީ ނަމަވެސް އޭރު އޭގެ ސަބަބެއް ނޭނގެ އެވެ. ހައްލު ކުރާނެ ގޮތެއް ވެސް ނޭނގުނެވެ. އެކަމަކު، އޭގެ ޒަމާނީ ހައްލު ހޯދީ ޑރ. ޝައިނީގެ މަސައްކަތުންނެވެ.

ޑިގްރީ ހެއްދެވިއިރު، މުޅި ކޯހުން އެއްވަނަ ލިބުނީ ވެސް ރާއްޖޭގެ މަސް ދޯންނެއްގެ ސްޓެބިލިޓީ ކަލްކިއުލޭޝަނާ ގުޅޭ ގޮތުން ޑރ. ޝައިނީ ހެއްދެވި ދިރާސާ އަށެވެ. އަދި އޭނާ ކިޔަވައި ވިދާޅުވި ޑިޕާޓްމަންޓުގައި އެހާ ތަނަށް އެންމެ މަތީ މާކްސް ހޯދި ދަރިވަރަކަށް ވެ ބައިނަލްއަގްވާމީ ދެ އެވޯޑު ހާސިލް ކުރެއްވި އެވެ. ޑިގްރީގެ މަރުހަލާގައި ކޮންމެ އަހަރަކު ކޯހުން އެއްވަނަ ހޯއްދެވި އެވެ.

އޭނާ ވިދާޅުވާ ގޮތުން، މިހާރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ކިޔަވައި ވިދާޅުވި އެއްޗެއްގެ ބޭނުން ރާއްޖެ އަށް ކުރާތީ އެވެ. ފަހުގެ ދޯނިފަހަރު ޑިޒައިން ކުރުމާއި ކަނދުފަތިތަކަށް ޒަމާނީ ބަދަލު ގެނައުމުގެ ޝަރަފު ލިބުމަކީ މަސްވެރިކަމުގެ ދާއިރާގައި ކުޑަ އުފަލެއް ނޫނެވެ.

"އަޅުގަނޑުގެ އުމުރުން 16 އަހަރުން ފެށިގެން ވަޒީރުކަން ނިމެންދެން މި ހުރީ މެދުކެނޑުމެއް ނެތި ގައުމީ ޚިދުމަތުގައި. ވަރަށް ގިނަ ދުވަސް ވަންދެން ގައުމީ ޚިދުމަތުގައި ހުރެވިއްޖެ ކަމުގެ އުފާވެރިކަން އަޅުގަނޑަށް އެބަލިބޭ،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ރައީސްކަން ކުރެއްވި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރިން ޑރ. ޝައިނީ ވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ފިޝަރީޒް މިނިސްޓްރީގެ އެޑްވައިޒަރުކަން ވެސް ކުރައްވައިފަ އެވެ.

ހަގީގީ ސިޔާސީ މަސައްކަތްތަކުގެ ތެރެއަށް އޭނާ ވަދެވަޑައިގެންނެވުނީ 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގެން ފިޝަރީޒް މިނިސްޓަރުކަން ދެއްވި ހިސާބުންނެވެ. އެކަމަކު، އޭގެ ކުރިން އޮތީ މާސްޓާސް އާއި ޕީއެޗްީޑީ އަށް ކިޔަވައި ވިދާޅުވި ނޯވޭގެ ޔުނިވަސިޓީގެ ޕްރޮފެސާޝިޕްގެ އޮފާ ވެސް ލިބިވަޑައިގެންފަ އެވެ. އެއީ ޑރ. ޝައިނީގެ ޕްރޮފެސަރު ރިޓަޔާ ކުރައްވަން ނިންމެވުމުން ލިބިވަޑައިގެންނެވި ފުރުސަތެކެވެ. އޭނާގެ ބަދަލުގައި އެ ޔުނިވަސިޓީގެ ޕްރޮފެސަރަކަށް ވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތު ދޫކޮށްލެއްވީ ޑރ. ޝައިނީ ވިދާޅުވި ގޮތުން ނަމަ ގައުމަށް ޚިދުމަތް ކުރެއްވުމަށް ޔާމީން އެދިވަޑައިގަތުމުންނެވެ.

"އޭރު އަޅުގަނޑު ރައީސް ޔާމީން ނުވެސް ދަންނަން. ރައީސް ޔާމީން އަޅުގަނޑު ކައިރީގައި، މީހަކު މެދުވެރިކޮށް، ގައުމަށް ޚިދުމަތް ކުރަން ކިޔަވައިގެން ތިބި މީހުން ބޭނުންވާ ވާހަކަ ވިދާޅުވުމުން އަޅުގަނޑު ދެންނެވީ ގައުމީ ޚިދުމަތް ވެއްޖިއްޔާ ކޮށްދޭނަމޭ. އެހެންވެ، ޕްރޮފެސާޝިޕް ދޫކޮށްލާފައި އަޅުގަނޑު އައީ ރާއްޖެ އަށް ޚިދުމަތް ކުރުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

ވަޒީރުކަމުގައި މިދިޔަ ފަސް އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ޑރ. ޝައިނީ ގަބޫލު ކުރައްވަ އެވެ. ޚާއްސަކޮށް މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ޔޫރަޕްގެ ބޮޑެތި ސުޕަމާކެޓްތަކުގެ އިސްވެރިންނާ އޭނާ ބައްދަލުކުރައްވައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ އެވެ.

"ބައިނައަގްވާމީ ގޮތުން ބާއްވާ މަސްވެރިކަމާ ގުޅޭ ޖަލްސާތަކަށް މިދިޔަ ފަސް އަހަރު އަޅުގަނޑުމެން ދާއިރު ރާއްޖޭގެ އަޑު އެންމެ ގަދަވާނީ. އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމުން އެންމެ ބޮޑު ފައިދާއެއް ލިބެން ޖެހޭނީ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ މީހުންނަށް ކަމަށް އަޅުގަނޑުމެން އަޑު އުފުލީމާ އޭގެ ނަތީޖާ ފެނުނު. ރާއްޖެ ނެތި ފާސްކުރާ ގަރާރަކީ އޮއްޓަރެއް ހުރި އެއްޗެއް ނޫން ކަމަށް ވާ ވަރަށް ރާއްޖޭގެ ނަން ގައިމު ވެސް ބޭރު ގައުމުތަކުގައި ވިދާލި ފަސް އަހަރު މިދިޔައީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރު ސިޔާސީ ގޮތުން ރާއްޖެ އަށް ކުރިމަތިވި ފިއްތުންތަކުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ އިން ބޮޑެތި އުނދަގޫތަކެއް ޔޫރަޕްގެ އެކި ގައުމުތަކުން ރާއްޖެ އަށް ކުރިމަތި ކުރިއިރު އެކަންކަމާ ވެސް ކުރިމަތިލެއްވީ އޭނާ އެވެ. މަސްވެރިކަމުގެ ދާއިރާ އިން އީޔޫ އަށް ބައެއް ކަންކަން ރާއްޖެ ދޫކޮށްލަން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެވަޑައިގަތެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ޑރ. ޝައިނީ ދުލެއް ނުދެއްވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު ޚާއްސަކޮށް އިންޑިއާ ކަނޑުގައި މަދުކުރުމެވެ. އެކަމަކު އެކަން އެއްވެސް ދިވެއްސަކަށް އިހުސާސް ވިޔަކަ ދޭން ޑރ. ޝައިނީ އާއި ސަރުކާރު ބޭނުމެއް ނުވި އެވެ. ރާއްޖޭގެ އެކި ފޯމިއުލާތަކުގެ ތެރެއިން އޭރު ވެސް ގެންދެވީ މަސް ބާނާ މިންވަރު ދަށްވިޔަ ނުދީ ހިފަހައްޓަމުންނެވެެ. އެކަމަކު، ރާއްޖެ ފިޔަވައި އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ އެހެން ހުރިހާ ފަރާތްތަކުން ވެސް ވަނީ މަސް ބާނާ މިންވަރު މަދުކޮށްފަ އެވެ.

"މި ހުންނަނީ މި ދާއިރާގައި ސިޔާސީ ގޮތުން ކުރެވިފައި ހުންނަ މަސައްކަތްތައް. މިދިޔަ ފަސް އަހަރުގައި މަސްވެރިކަމުގައި ރާއްޖެ އަށް ބައިނަލްއަގްވާމީ ދެ އެވޯޑެއް ހޯދައިފި،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ބެހެއްޓުމުގެ ޝަރަފު ވެސް ހޯއްދެވީ ޑރ. ޝައިނީ އެވެ. މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ފޯރުކޮށްދިނުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަށް ކޮށްދެވުނު ކަމެއް ނޫނެވެ.

"އަޅުގަނޑުގެ ވަޒީރުކަމުގައި ވާނީ ތުތިބޯވަދިލަމަސް، މަސްވެރިކަމެއް ކުރެވޭ ވަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭކަން ދިރާސާ އިން ސާބިތުކޮށްދީ، އެކަން ފައްޓައި ގަތުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް ގެނެސްފައި. މީގެ ކުރީގެ ސަރުކާރުތަކުގައި މަސްވެރިކަން ފުޅާކުރަން (ޑައިވާސިފައި ކުރަން) ވާހަކަ ދެއްކި ނަމަވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނެރެވިފައި ވަނީ އަޅުގަނޑަށް،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުން ތައާރަފު ކޮށްފައިވާ 'މަސްވެރިޔާގެ ކާޑު' އަކީ ވެސް ޑރ. ޝައިނީގެ އަމިއްލަ ހިޔާލާއި ޑިޒައިނެކެވެ.

"އެއީ މިދިޔަ ހަތަރު އަަހަރު މަސްވެރިންނާ އެކު ކުރި މަޝްވަރާގެ އަލީގައި، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ޑިޒައިން ކުރި ކޮންސެޕްޓެއް،" އޭނާ ވިދާޅުވި އެވެ. "މިއަދުގެ ސަރުކާރުން އެކަން ބަލައިގަނެ އެ ކޮންސެޕްޓް ބޭނުން ކުރުމަކީ އަޅުގަނޑު އުފާކުރާ ކަމެއް."

ފަހުގެ ތާރީޚެއްގައި ސިޔާސީ ގޮތުން ރާއްޖެ އަށް އެންމެ ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވީ މިދިޔަ ފަސް އަހަރު އެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރުގެ އެކި ގައުމުތަކާއި ބޭރުގެ ބޮޑެތި ޖަމާއަތްތަކުން ރާއްޖެ އަށް ވަރުގަދަ ފިޔަވަޅުތައް އަޅަން ތައްޔާރުވި އެވެ. މިދިޔަ ފަސް އަހަރަކީ، ކޮންމެ ވަގުތަކު ވެސް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފާނެ ކަމުގެ ބިރުވެރިކަމުގައި ދިވެހިން ތިބި ފަސް އަހަރެވެ.

އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެ ވަގުތު ޔާމީން ނެރުއްވި އެންމެ އިސް އެއް "ތަނބަކީ" ޑރ. ޝައިނީ އެވެ. ރާއްޖެ، ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތް ކޮށްދިނުމަށްޓަކައި ޔޫރަޕާއި އެމެރިކާގެ އިތުރުން ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކުގެ (ޔޫއެން، އީޔޫ) އިސްވެރިންނާ ފާޅުގަ އާއި ސިއްރުގައި ބައްދަލު ކުރެއްވުމަށް އޭނާ ވަޑައިގަތެވެ. ވަރަށް ގިނަ ބަޔަކާ ބައްދަލުކުރައްވައި ރާއްޖެ ސަލާމަތް ކުރެއްވި އެވެ.

"ގާތްގަނޑަކަށް ޔޫރަޕްގެ ހުރިހާ ގައުމަކަށް އަޅުގަނޑަށް ދަތުރުކުރެވިފައި ހުންނާނީ. އަޅުގަނޑު ދަތުރުކުރާ ގޮތާއި ދިޔަ ގައުމުތަކާއި ބައްދަލުކުރާ މީހުން ބެލުމަށް އަޅުގަނޑުގެ ފަހަތުގައި ވަރަށް ގިނަ މީހުން އުޅުނު. އެކަމަކު، އެއިން އެއްވެސް މީހަކަށް އަޅުގަނޑު ކުރި ދަތުރެއް ނޭނގޭނެ. ކާރުތަކުގަ އާއި ޓްރެއިން އާއި ބަހުގައި ދަތުރުކޮށް، ވަރަށް އާދައިގެ ހޮޓާތަކުގައި މަޑުކުރަމުން ގޮސް މިކަން ކާމިޔާބު ވީ. އެގޮތަށް އަމަލުކުރީ ވެސް އަޅުގަނޑު މަސައްކަތް ކުރާ ގޮތް ބަޔަކަށް އެނގިދާނެތީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

"އެއީ ގައުމަށް ކޮށްދެވުނު ވަރަށް ބޮޑު ކަމެއް އަޅުގަނޑަށް. އެ ދުވަހު ފިޔަވަޅު އެޅި ނަމަ މި ގައުމު އޮންނާނީ ވަރަށް ދަށަށް ވެއްޓިފައި. ފިޔަވަޅެއް އެޅި ނަމަ އެކަމުގެ ތެރޭގައި އެއް އަހަރު ވަންދެން ރާއްޖެ އުޅެން ޖެހޭނެ. ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ އަށް ފިޔަވަޅެއް އެޅުމުން އެ ހިސާބުން ފެށިގެން އައިއެމްއެފާއި ވޯލްޑް ބޭންކު ފަދަ މާލީ ޖަމާއަތްތަކުގެ އެހީތެރިކަން ނުލިބުނު."

ޑރ. ޝައިނީ ވަނީ ޔާމީންގެ ސަރުކާރުގައި ކެބިނެޓް ލެވެލްގެ 14 ކޮމިޓީއެއްގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން ހަތް ކޮމިޓީއެއް ޗެއާ ކުރެއްވީ އޭނާ އެވެ. އަދި، ގައުމު ސިޔާސީ ގޮތުން ހަލަބޮލިވި ދަނޑިވަޅުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ސަރުކާރުގެ ފަރާތުން ޗެއާ ކުރެއްވީ ވެސް ޑރ. ޝައިނީ އެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި އޭނާއާ ހަ ބޭފުޅަކު ވާދަކުރައްވާއިރު، އެންމެ ބޮޑު ތަފާތަކީ ހެންވޭރު އުތުރުގެ މީހުންގެ ގާތް ރައްޓެއްސަކަށް ޑރ. ޝައިނީ ވުމެވެ. ބޮޑުވީ އެ ދާއިރާގަ އެވެ. އާއިލާ އޮތީ އެ ދާއިރާގަ އެވެ.

"މިސާލަކަށް ދާއިރާގެ ބްލޮކަލަށް ބަލާ ނަމަ، އަޅުގަނޑާ އެކު ސްކޫލަކަށް ނުދާ ނުވަތަ އެއް ކުލާހެއްގައި ނޫޅޭ ނުވަތަ އެއްކޮށް ފުޓުބޯޅަ ކުޅެން ނުދާ ކުއްޖަކު ބްލޮކެއްގައި ނޫޅޭނެ. އެހެންވީމާ އަޅުގަނޑު ވަރަށް ގިނަ މީހުންނަށް އެނގޭނެ. އެ މީހުންގެ އިހުސާސްތައް އެނގޭނެ. އެ މީހުންގެ ގޭގެ އަށް އަޅުގަނޑު ވަންނަން ހުރަހެއް ނޯންނާނެ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

އެންމެ އާދައިގެ ވަޒީފާ އިން ފެށިގެން ވަޒީރަކާ ހަމައަށް ސަރުކާރުގައި މިދިޔަ 27 އަހަރު އުޅުއްވިއިރު ސަރުކާރުގެ ނިޒާމުތައް އޭނާ ވަރަށް ފަރިތަ އެވެ. ދާއިރާގެ މީހުން އެންމެ ބޮޑަށް ބޭނުންވަނީ މަގު ދައްކައި ދިނުން ކަމަށް ވާއިރު އެ ގާބިލްކަން ޑރ. ޝައިނީގެ ކިބައިގައި އެބަހުއްޓެވެ.

"އާންމުކޮށް ސަރުކާރު ހިނގާ ގޮތް އަޅުގަނޑަށް އެނގޭ. އުސޫލުތައް އެނގޭ. އެހެންވީމާ ދާއިރާ އަށް އަޅުގަނޑަށް ކަންކަން ކޮށްދެވޭނެ. ގާނޫނުތައް އެނަލައިޒް ކުރަން އަޅުގަނޑަށް އެނގޭ. އެއީ ދުނިޔެ އަށް ލޯ ހުޅުވިފައިވާ މީހުންނަށް ކުރެވޭނެ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝައިނީ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ އަށް ދެން ގައުމަށް ޚިދުމަތް ކޮށްދެވެން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިންނެވެ. އެހެން ނޫން ނަމަ، ދެން އޭނާ އަށް ޖެހިވަޑައިގަންނަވާނީ ބޭރުގެ ކޮންމެވެސް ޖަމާއަތެއްގެ މަސައްކަތަށް ވަޑައިގަތުމަށެވެ.

މި ފަހަރުގެ އިންތިޚާބުގެ ކެމްޕެއިންގައި ޑރ. ޝައިނީ އަށް އެންމެ ބޮޑަށް ފާހަގަ ކުރެއްވުނު އެއް ކަމަކީ ދަފްތަރުގެ މައްސަލަ އެވެ. ހެންވޭރު އުތުރުގައި ދަފްތަރުގައި 1،300 އެއްހާ މީހުން ތިބިއިރު ސިފަކުރެވެނީ އެ މީހުން ނިސްބަތްވާނެ ދާާއިމީ ދާއިރާއެއް ނެތް ބައެއްގެ ގޮތުގަ އެވެ. އެކި ފަހަރުތަކުގައި އެކިއެކި ދާއިރާތަކުގެ ދަފްތަރުގައި ޖައްސާ މީހުން މީގެ ތެރޭގައި އެބައުޅެ އެވެ. މިއީ ޑރ. ޝައިނީ މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވާ އެއް ކަންތަކެވެ.އެހެންވެ، މި ފަހަރުގެ އިންތިޚާބުގައި އޭނާ ހޮވައިފި ނަމަ، ދަފްތަރުގައި ތިބި މީހުންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލިހަށް ގެންގޮސް ދެއްވަން އޭނާ ބޭނުންވެ އެވެ. ޚާއްސަކޮށް ވަކި ދާއިރާއެއްގެ ގޮތުގައި ދަފްތަރު ތަމްސީލް ކުރެވޭނެ ގޮތެއް މަޖިލިހުގެ ތެރެއިން ހަމަޖައްސަން ޑރ. ޝައިނީ ބޭނުންވެ އެވެ.

"މިހާރު ކޮންމެ 5،000 މީހަކަށް މެމްބަރަކު މި ހުންނަނީ. އެހެންވެއްޖިއްޔާ ދަފްތަރުގައި އެބަތިބި އެހާވަރަކަށް މީހުން. އެ މީހުންނަށް ވަކި ދާއިރާއެއް އުފެދިގެން ދިއުމަކީ ދަފްތަރުގެ މީހުންގެ އިހުސާސްތައް ވަކިން އެނގޭނެ ކަމެއް. ހަމަ ގައިމު ވެސް މިއީ އަޅުގަނޑު މަސައްކަތް ކުރާނެ ދާއިރާއެއް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝައިނީ ވިދާޅުވީ، ދަފްތަރުގައި އުޅޭ މީހުންނަށް ވެސް ގެދޮރު ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. މިހާރު ދަފްތަރަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވޭތީ އެ މީހުންގެ ބޯހިޔާވަހިކަމަށް އިސްކަން ދޭ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިއްޔެ ދަފްތަރުގައި ޖެހުނު މީހާ އަށް ވުރެ ބޮޑަށް، ދަފްތަރުގައި ގިނަ ދުވަސްވީ މީހާ އަށް ޗާންސް ބޮޑުވާ ގޮތަށް އޮންނަން ޖެހޭނެ. ދަފްތަރުގައި ޖަހާފައި އޮތަސް މާލެ އަށް އުފަން، މާލޭގައި އުޅެ ބޮޑުވެފައިވާ 40 އަހަރުގެ ދަރިން ތިބި މީހުންނާއި މާލޭގެ ރަށްވެހިންނާ ތަފާތު ކޮށްގެން ނުވާނެ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

ޑރ. ޝައިނީގެ ދާއިރާ އަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެހެންވެ، އެކަން ހައްލު ކުރުމަށް މިހާރު ވެސް އޭނާގެ ވިސްނުންތަކެއް އެބަހުއްޓެވެ. ކެމްޕެއިންގެ ވަކި ހިސާބަކުން އެ ވިސްނުންތައް އާންމު ކުރައްވާނެ އެވެ.

ޑރ. ޝައިނީ ޔާމީންގެ ސަރުކާރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ފުރުއްވެވި އެވެ.

ޑރ. ޝައިނީ ގަބޫލުކުރައްވާ ގޮތުގައި އެ ކަންކަމަށް ބަލައިފި ނަމަ އޭނާ އަކީ ވަކި މީހަކާ އެކު މަސައްކަތް ނުކުރެއްވޭނެ ބޭފުޅެއް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތެވެ. ކޮންމެ މީހަކާ އެކު ވެސް އޭނާ އަށް ގައުމަށް ޚިދުމަތް ކޮށްދެއްވޭނެ އެވެ.

"މިނިސްޓްރީގައި އަޅުގަނޑާ އެކު މަސައްކަތް ކުރި މީހުންނަށް ބަލާ ނަމަ އެނގޭނެ އަޅުގަނޑަކީ ވަކި ކުލަ އަކަށް ބަލައިގެން މަސައްކަތް ކުރި މީހެއް ނޫން ކަން. ދެން ވެސް ކޮންމެ މީހަކު ސަރުކާރުގައި ހުރި ކަމަށް ވިޔަސް ގައުމު މި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށް ކަންކަން ހަވާލުކޮށްފައި. އެހެންވެއްޖިއްޔާ އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ. އެއާ އެކު ފާރަވެރިވާން ޖެހޭނެ. ސަރުކާރެއް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ ފާރަވެރިވާން ތިބޭ ބަޔަކު ފާރަވެރިވެގެން،" އޭނާ ވިދާޅުވި އެވެ.

Featured Candidates