ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ahmed Haleem

Bileddhoo Dhaairaa Faafu Atoll

ޕްރޮފައިލް

މާލެއަށް އުފަން އަހުމަދު ހަލީމް، މަޝްހޫރު ނަމުން ނަމަ ދޮންބިލެތް އަހުމަދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ ހިތްގައިމު، ހުނަރުވެރި ކުޅުމުން 1980 އާއި 1990ގެ އަހަރުތަކުގައި ދިވެހިން މުނިފޫހިފިލުވައިދިނެވެ. ވިކްޓަރީގައި އެތައް ކާމިޔާބީއެއް ހޯއްދެވުމަށް ފަހު، ވެލެންސިއާ އާއި ނިއު އަދި ފަހުން ލެގޫންސްގައި ކުޅުއްވި އެވެ. ސްރީ ލަންކާގައި 1991 ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅަ އިން ރިހި މެޑެލް ހޯދައި، ސަރަހައްދީ ފުޓްބޯޅައަށް ހައިރާންކަން ގެނެސްދިން ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް ދޮންބިލެތެވެ. ފުޓްބޯޅައިގެ ތާރީޚުގައި އޭނާ ފާހަގަވާނެ އަނެއް ސަބަބަކީ މަހު މުސާރަ ލިބޭ ގޮތަށް އެންމެ ފުރަތަމަ ކޮންޓްރެކްޓް ހެދި ކުޅުންތެރިންގެ ތެރެއިން އެކަކަށް ވުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ރަހުމަތްތެރިންގެ ލިސްޓްގައި ހިމެނޭ ދޮންބިލެތް މިހާރު އުޅުއްވަނީ ޓޫރިޒަމްގެ ވިޔަފާރީގަ އެވެ. އެގޮތުން އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް، އެމްޑީޕީ ސަރުކާރުގައި، ރިސޯޓް ހަދަން ލިބުނު ދެ ރަށާ އެކު، މ، ފ އަދި ދ. އަތޮޅުގެ ރަށްރަށަށް ފެރީގެ ހިދުމަތް ދެ އެވެ.

ފުޓްބޯޅަ ކުޅުއްވި އިރު ވެސް ދޮންބިލެތަކީ ސިޔާސީ ފިކުރު ބޮޑު ބޭފުޅެކެވެ. އެގޮތުން 2001 ގައި އެމްޑީޕީ އުފައްދަން ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަނެ އެވެ. ސިޔާސީ މިނިވަންކަން ނެތް ދުވަސްވަރެއްގެ އެ ސޮޔަކީ ވެސް، ސިޔާސީ ބަދަލަށް ލޯބިކުރައްވާ ކަމުގެ ހެއްކެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހަށް ޕާޓީގެ މައްސަލަ ހުށައެޅުމުން، ވޯޓު ލައިގެން ނިންމީ، ސިޔާސީ ޕާޓީ ހަދަން ގާނޫނު އަސާސީން ވެސް ތަން ނުދޭ ކަމަށެވެ. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން، ހަމަ އެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދި އެވެ. އެމްޑީޕީ އެންމެ ފަހުން ވުޖޫދަށް އަ އެވެ.

ރާއްޖޭގެ ރައީސްކަމާ މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން، އޭރު އޮތް ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިހަށް އައްޔަންކުރެއްވި އަށް މެމްބަރުންގެ ތެރެއިން އެކަކީ ދޮންބިލެތް އަހުމަދެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އޭނާ ވަނީ 10 އަހަރު ހޭދަކުރައްވައިފަ އެވެ.

ދޮންބިލެތް ގެންދަވަނީ ފުޓްބޯޅަ އެކަޑެމީއަކަށް އެހީވެދެއްވަމުންނެވެ. އަދި މ، ފ، ދ އަތޮޅުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.

ސަރުކާރުން މުހިއްމު ވައުދުތަކެއް ވެފައިވާއިރު، ދޮންބިލެތް ގަބޫލުކުރައްވަނީ، އެކަންކަން ފުއްދަން އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.

"އެ އެއްބާރުލުން އަޅުގަނޑު ޔަގީނުން ވެސް ދޭނަން،" ދޮންބިލެތް ވިދާޅުވި އެވެ.

Featured Candidates