ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ahmed Mohamed

ޕްރޮފައިލް

ސ. ހިތަދޫ ފާޒް މުހައްމަދު އިބްރާހިމް ދީދީ އާއި ޝާނާ ހައްވާ ދީދީގެ ދޮށީ ދަރިކަލުން އަހުމަދު މުހައްމަދު ނުވަތަ މަޝްހޫރު ނަމުން ނަމަ ފަޒާ އަހުމަދުގެ ތައާރަފަކަށް ވެސް އޭނާ ވިދާޅުވަނީ "މަށަކީ އައްޑޫ ދެކެ ލޯބިވާ އައްޑޫވަންތަ މީހެއް" ކަމަށެވެ. އޭނާ އަކީ އައްޑޫ ހިތަދޫ އަށް އާ މޫނެއް ނޫނެވެ. ފަޒާ އަހުމަދޭ ބުނުމުން ނޭނގޭނެ އައްޑޫ ރައްޔިތަކު ހުންނާނެކަމާ މެދު ޝައްކެވެ.

އަހުމަދުގެ ތައުލީމީ ހަޔާތް ފެއްޓެވީ އައްޑޫ ތައުލީމީ މަރުކަޒުންނާއި އައްޑޫ ނޫރާނީ ސްކޫލުންނެވެ. އޭގެ ފަހުން މަތީ ތައުލީމް ހާސިލް ކުރެއްވީ ބިޒިނަސް އެންޑް އެކައުންޓިންގެ ދާއިރާ އިންނެވެ.

އަހުމަދު ވިދާޅުވާ ގޮތުގައި އައްޑޫ ތަރައްގީކޮށް އައްޑޫގައި ތިބި ފަންނުވެރި ހުނަރުވެރި ގާބިލު މީހުންނަށް ފުރުސަތު ލިބި އިގުތިސާދީ ތަނބަކަށް ހަދައިގެން ނޫނީ ރާއްޖެ އަށް ބީޕީޓީ އަދި ޖީއެސްޓީން ވެސް ކުރިއެރުން ނުހޯދޭނެ އެވެ. އައްޑޫން ދައްކާ ބީޕީޓީ އާއި ޖީއެސްޓީން ވެސް އައްޑޫ އަށް ހިއްސާ ދޭން ޖެހޭ ކަމަށް އަހުމަދު ވަކާލާތު ކުރައްވަ އެވެ. މިކަން މިގޮތަށް ހަދައިގެން ނޫނީ ލާމަރުކަޒީ ވެސް ނުހިންގޭނެ ކަމަށް އަހުމަދު ވިދާޅުވެ އެވެ.

"މި ކަމަށް އޮތް ހައްލަކީ ރައްޔިތުން މަޖިލިސް ޒިންމާދާރުވުން. އެކަމަށް އޮތް ހައްލަކީ ރައްޔިތުން ފޮނުވާ މަންދޫބުން އަމާނާތްތެރިވުން. ތެދުވެރިކަމާ އެކު މަސައްކަތް ކުރުން،" އަހުމަދު ވިދާޅުވި އެވެ.

އައްޑޫގެ ބޮޑު އާބާދީ ބޭނުންކޮށްގެން ސަރުކާރުން ރާއްޖެ ތަރައްގީ ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލް ކުރައްވަ އެވެ. ސިޔާސީ ގޮތުން އައްޑޫ އަށް ލިބޭ އެންމެ ބޮޑު ހަތިޔާރަކީ އައްޑޫގެ އާބާދީ ކަމަށް އަހުމަދު ދެކެވަޑައިގަންނަވަ އެވެ. އައްޑޫގެ އާބާދީ ބޭނުންކޮށްގެން ތަރައްގީ ހޯދޭނެ ކަމަށާއި އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ އެންމެން އެކުގައި ގޮސް އައްޑޫ މީހުން އެދޭ ތަރައްގީ ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.

"ހިތަދޫ އުތުރު ދާއިރާ ތަރައްގީ ކުރެވޭނީ އައްޑޫ ތަރައްގީ ކޮށްގެންނެއް ނޫން. އައްޑޫ ތަރައްގީ ކުރެވޭނީ ރާއްޖެ ތަރައްގީކޮށްގެންނެއް ނޫން. އެކަމަކު ރާއްޖެ ތަރައްގީ ކުރެވޭނީ އައްޑޫ ތަރައްގީކޮށްގެން،" އަހުމަދު ވިދާޅުވި އެވެ. "އައްޑޫ ބައިބައިކޮށް ބޭއްވުމަކީ އެއް ބަޔަކު ވިސްނާ ގޮތް. އެކަމަކު އައްޑޫ މީހުން އަބަދު މުޒާހަރާގައި މަގުމަތީގައި ތިބެވޭކަށް ނެތް. އައްޑޫ މީހުން އެދޭ ތަރައްގީ ލިބޭނީ އެންމެން އެކައްޗެއް ކިޔައިގެން އެންމެން އެއް ހަށިގަނޑަކަށްވެގެން."

އައްޑޫ މީހުން ކުރާ އެންމެ ފަރިތަކަމަކީ ކޮންމެ މަހަކު ލިބޭ މުސާރަކޮޅު މާލޭ މީހުންނަށް ކުއްޔަން ދެއްކުން ކަމަށް އަހުމަދު ވިދާޅުވި އެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރު ވެސް ކަންހިނގާފައި ވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަ ނަގައިގެން އައިސް ގުނާލައިފައި ކުލި ދައްކަން ދޭ ވަގުތު ކުރާ އަސަރު އިހްސާސް ކުރެވޭނީ އެ ހާލަތު ދިމާވާ މީހަކަށް،" އަހުމަދު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ހައްލު ކުރަން ވިޝަން އައްޑޫ، ނަލަ ފެހި އައްޑޫ ކިޔާ ފޮތެއް ނެރެފި. އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ އުފައްދައިފި. މި ފަހަރު ވެރިކަމަށް އަންނަން އައްޑޫ މީހުންގެ ޚިޔާލު ހޯދައިގެން ލިޔުނު ފޮތަށް ކިޔަނީ އައްޑޫ ވައުދު ނާމާ. މިހާރު ވައުދު ނާމާ އެއްވެސް ނެތް. މިހާރު އޮތީ އެޖެންޑާ 19 ގެ ދަށުން އައްޑޫ ތަސައްވަރު،" އަހުމަދު ވިދާޅުވި އެވެ.

"އައްޑޫ މީހުން މިހާރު އެބަ ވިސްނަން ޖެހޭ ތިމަންނަމެން އަބަދު ތިބޭނީ މިގޮތަށް ފޮތް ލިޔެލިޔެތޯ ނޫނީ އެކަމަށް ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާ، ވަކާލާތުކޮށްގެން ކިތަންމެ ކުޑަ މިންވަރެއް ވެސް ހާސިލްވާނެ ބަޔަކު ރައްޔިތުން ތަމްސީލް ކުރަން އައްޑޫގެ ފިކުރާއި އައްޑޫގެ ވިންދު އެނގޭ ކަހަލަ ބަޔަކު އެކަހަލަ މަގާމުތަކަށް ފޮނުވައިގެން ކޮންމެވެސް މިންވަރެއް ނަމަވެސް ހާސިލް ކުރެވޭތޯ ބަލަން،" އަހުމަދު ވިދާޅުވި އެވެ.

ތައުލީމީ ހަޔާތަށް ފަހު ރަށަށް ބަދަލުވެ ވަރަށް ހަނިގޮތަކަށް ފެށި ވިޔަފާރި އަތޮޅުގައި އެންމެ ނަންހިނގާ އެއް ވިޔަފާރިއަށް ބަދަލުވެގެން ދިޔައިރު އައްޑު އަތޮޅަށާއި އެ ދާއިރާގެ ގިނަ ބަޔަކަށް އެކި ގޮތްގޮތަށް އެއީ ލިބުނު ލުއި ފަސޭހަ އެކެވެ. ރާއްޖޭގައި މަޝްހޫރު ވިޔަފާރީގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އަހުމަދު ނިންމެވީ ރަށަށް ބަދަލުވެ ބައްޕަގެ ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމަށެވެ. އަހުމަދު ވަނީ އައްޑޫ ސިޓީގެ ވިޔަފާރިވެރިން ހިމެނޭ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށްޓަކައި ވެސް ވަރަށް ގިނަ މަސަކަތް ކުރައްވައިފަ އެވެ.

ސިޔާސީ ވިސްނުމާއި ޚިޔާލާއި ފިކުރު އަހުމަދުގެ ހިތުގައި އުފެދެން ފެށީ އޭނާގެ އުމުރުން ވަރަށް ޅަފަތުގަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކޮށް، އޭރުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އިލްޔާސް އިބްރާހިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އަހުމަދުގެ ބައްޕަ ސ. ހިތަދޫ، ފާޒް، މުހައްމަދު އިބްރާހިމް ދީދީ ކަށި ބިޑީގައި 42 ދުވަސް ވަންދެން ކުޑަ ގޮޅީގައި ބާއްވައި، އެ މައްސަލަ ސާބިތުކޮށް 11 އަހަރަށް އުތުރުގެ ރަށަކަށް އަރުވާލުމުން އާއިލާގެ ތެރޭގައި އޮތް ނުތަނަވަސް ކަމާއި ހިތްދަތިކަމުގެ ތެރެއިންނެވެ.

ސިޔާސީ މައިދާނުގައި އަހުމަދު އަމަލީ ގޮތުން ހަރަކާތް ތެރިވާން ފެށީ ސިޔާސީ ވާހަކަ އާއި އެ މީހެއްގެ ހިޔާލާއި ފިކުރު ފާޅުކުރުން ވަރަށް ހަނިކޮށްފައިވާ ދުވަސްވަރެއްގަ އެވެ. އެހެންކަމުން ސިއްރުން ރައްޓެހިންނާއި އެކު ޚިޔާލު ބަދަލު ކުރެވި ސައި މޭޒު ފަދަ ބައްދަލުވުންތަކުގައި މިފަދަ ވާހަކަތައް ދެކެވުނަސް އަމަލީ މަސައްކަތް ފެށުނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ފެށުނު މަސައްކަތުންނެވެ. މިގޮތުން 2005 ވަނަ އަހަރު އެ ޕާޓީ އުފެދުމާ އެކު ޕާޓީއާ ގުޅިވަޑައިގެން މެމްބަރުން އިތުރުކޮށް ޚާއްސަކޮށް އައްޑޫ އަތޮޅުގައި ޕާޓީގެ ވަރަށް ގިނަ ހަރަކާތްތަކުގައި އިސްވެ ސާބިތުކަމާ އެކު ކުރަން ޖެހުނު މަސައްކަތް ފަސްޖެހުމެއް ނެތި ކުރައްވާފައިވެ އެވެ. މި ގޮތުން ފާހަގަކުރެވޭ ހަރަކާތްތަކުގެ ތެރޭގައި ގާނޫނު އަސާސީ ތަސްދީގު ކުރުން އަވަސް ކުރަން ބާރު އެޅުމުގެ ގޮތުން "ނަމޫނާ" ދޯނިން މާލެ ވަޑައިގަތުމުން ދޫނިދޫ ކުޑަ ގޮޅީގައި ބަންދުކުރި އެވެ. އައްޑޫގައި ބޭއްވި ސިޔާސީ ހަރަކާތް "ހިނިކް" ބުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އަހުމަދުގެ ސްކޫލް ދުވަސްރު ޕޯޑިއަމްތަކުން ނުފެނުނު ނަމަވެސް ސިޔާސީ މާއިދާނަށް ނުކުމެވަޑައިގެން ކުރައްވަމުން ގެންދެވި އިސްލާހީ މަސައްކަތުގައި ވާހަކަ ދައްކަވަން ޖެހުމުން ފަސްޖެހިވަޑައިނުގެން ޕޯޑިއަމްއަށް ވެސް އަރާވަޑައިގަތެވެ. އެގޮތުން ޖަލްސާއެއްގައި ފުރަތަމަ ވާހަކަ ދެއްކެވީ އެމްޑީޕީ އައްޑޫ މައި ހަރުގޭގަ އެވެ. އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގައި އައްޑޫ ތަމްސީލް ކުރައްވައި އޭނާ ވާހަކަ ދެއްކެވި އެވެ. ރައީސް މުހަައްމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ފުރަތަމަ ފަހަރަށް ވާދަ ކުރުމަށް ބޭއްވި ލޯންޗިން (ފުރަތަމަ ފިޔަވަޅު) ގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދާ އެކު ކަލާފާން ސްކޫލްގައި ވާހަކަ ދެއްކެވި އެވެ.

ގައުމިއްޔަތުގެ ފުން ކުލުނާއި ރަށްވަންތަ ކަމަށާއި އައްޑު އަށް އަބަދުވެސް ދެވިފައިވާ ފުން ލޯތްބެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާ އށް ކުރިމަތިލެއްވީ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިފަދަ ނިންމުމެއް ނިންމީ ރާއްޖޭގެ އެހެން އަތޮޅުތަކަށާއި ރަށްށަށް ނިސްބަތުން އައިސްފައިވާ ކުރިއެރުމާއި ތަރައްގީ ލޮލުން ދެކި އަތުން ހިފުމަށް ފަހު އެފަދަ ތަރައްގީ ރައްޔިތުންގެ މަޖިލީހުގެ ތެރޭން ލައިފައި އައްޑޫ ސިޓީ އަށް ވެސް ގެނެސް ދިނުމުގެ މާތް ނިޔަތާ އެކު އެފަދަ ބިނާކުރަނިވި ޚިޔާލާއި ތަސައްވަރު ހިތުގައި އުފެދިފައިވާލެއް ބޮޑުކަމުން،" އަހުމަދު ވިދާޅުވި އެވެ.

ތަރައްގީ އަކީ ރައްޔިތުން ހޮވާ މެމްބަރުގެ ޖީބުން ކުރާ ކަމަކަށް ނުވިއަސް ލިބޭ ހައިސިއްޔަތު ބޭނުން ކޮށްގެން ތެދުވެރިކަމާއި އިހުލާސްތެރި ކަމާ އެކު މަސަކަތް ކޮށްފި ނަމަ ކިތަންމެ މައްސަލަތަކަކަށް ހައްލު ހޯދި ދާނެކަމަށް އަހުމަދު ގަބޫލު ކުރައްވަ އެވެ. އައްޑޫ ސިޓީ އަދި ޚާއްސަކޮށް ހިތަދޫ އުތުރު ދާއިރާ އަށް ވެސް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި ބައްދަލުކޮށް އެފަދަ ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމާ އަދި ކަންތައް ނުކުރެވި ދިގުލައިގެން ދާނަމަ ރައީސުލް ޖުމްހޫރިއްޔާ އަށް ހުށަހަޅައިގެން މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އަހުމަދު ވިދާޅުވެ އެވެ.

"މާލީ ބަޔާން ހުށަހަޅާއިފިންތޯ؟" އެ ސުވާލުގެ ޖަވާބު ތަންކޮޅެއް ދިގުކޮށް އޭނާ ދެއްވި އެވެ.

"އަޅުގަނޑުގެ މާލީ ބަޔާން ހުށަހަޅާނެ، އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" އަހުމަދު ވިދާޅުވި އެވެ. "ވަކި ޕާޓީއެއް ނުކިޔާ ގިނަ ބަޔަކު އެވަނީ މާލީ ބަޔާން ހުށަހަޅާފައި. ކެންޑިޑޭޓުންނަށް މާލީ ބަޔާން ހުށަޅަން އަދި ގާނޫނީ ގޮތުން ލާޒިމެއް ނޫން. އެކަމަކު މަޖިލިސް މެންބަރުންނަކީ އޭގެ ޒާތުގައި މާލީ ބަޔާން ހުށަޅަން ޖެހޭ މީހުން. މީގެ ޕޮއިންޓަކީ މިއީ އެއްވެސް ތަނަކުން އެޕްރޫވްކުރާ އެއްޗެއް ނޫން. ކޮންމެ މީހަކު ވެސް ބުނަނީ އަމިއްލަ އެކައުންޓުގައި ހުރީ މިހާ ވަރޭ. މާލީ ބަޔާން ހުށަހަޅާފައި ތިބި ގިނަ މެންބަރުންނަކީ މިހާރު ވެސް ހިނގާ މަޖިލީހުގައި ތިބި މެންބަރުން. އެ މެންބަރުން މާލީ ބަޔާން ހުށަހެޅުމުން އެ މީހުންގެ ނަޒާހަތްތެރިކަން އެއްގޮތަކަށް ވެސް ސާފެއް ނޫން."

ސަބަބުތަކަށް އިޝާރާތް ކުރައްވާ އަހުމަދު ވިދާޅުވީ މި ހިނގާ މަޖިލީހަކީ ދިވެހި ރާއްޖެ އަށް ދިމާވި ހުރިހާ މައްސަލަތަކެއްގައި އެންމެ ބޮޑަށް ޒިންމާ ނަގަން ޖެހޭ އެއް ފަރާތް ކަމަށެވެ. އޭގެ ތެރޭގައި އެ މެންބަރުންގެ ވެސް ތާއީދާ އެކު އޭރުގެ ނައިބް ރައީސް ބޭރުކޮށްލައި އިތުރު ނައިބް ރައީސެއް ގެނެސް ސުޕްރީމް ކޯޓް ރޫޅާލުން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މެންބަރުންގެ ތާއީދާ އެކު އެމްއެމްޕީއާރުސީ މައްސަލައިގައި އޮޑިޓާ ޖެނެރަލް ބޭރުކޮށްލައި ހަމަ އެ މެންބަރުން ވޯޓު ދީގެން ބޭރު މީހުންނަށް ބިން ވިއްކޭ ގޮތް ވެސް ހެދިކަން ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ ހުށަހަޅާ މާލީ ބަޔާނަކުން ނަޒާހަތްތެރިކަމެއް ނުފެނޭ. ނަޒާހަތްތްތެރކަން ރައްޔިތުން ބަލަންވީ ހުށަހަޅާ މާލީ ބަޔާނަކުން ނޫން. ކަންކޮށްފައި އޮތް ގޮތަށް ބަލަންވީ. ހުރިހާ ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅާފައި ރައްޔިތުންނަށް ދައްކަނީ ތިމަންނަމެން ވަރުގެ ސާފު ބަޔަކު ނެތް ކަމަށް. އެކަމަކު ކަން ހިނގާފައިވާ ގޮތަށް ރައްޔިތުން އެބަ ޖެހޭ ވިސްނަން. މާލީ ބަޔާނަކުން އެއްވެސް ބައެއްގެ ހުރި ތެދުވެރިކަމާއި އިޚްލާސްތެރިކަމެއް ނޭނގޭ. އެތަނަށް (މަޖިލީހަށް) ފޮނުވަންވީ ރައްޔިތުންގެ ޝުއޫރާއި އިހްސާސްތައް އެނގޭ ތެދުވެރި އީމާންތެރި ބައެއް. އޭރުން އަޅުގަނޑުމެން މި އެދޭ ރާއްޖެ ހޯދޭނީ،" އަހުމަދު ވިދާޅުވި އެވެ. "ހަމަ ޔަގީނުން ވެސް އަޅުގަނޑުގެ މާލީ ބަޔާނެއްވިއަސް ޒާތީ ބަޔާނެއްވިއަސް ރައްޔިތުންނަށް އެނގޭނެ. އަޅުގަނޑޭ ކިޔައިގެން ދެއްކޭނެ ހަމަ އެއްވެސް ވާހަކައެއް ނޯންނާނެ.! އެއަށްވުރެ ރައްޔިތުންނަށް އަޅުގަނޑު ސާފުވާނެ."

ހިތަދޫ އުތުރު ދާއިރާ އަށް އަހުމަދު ކުރިމަތިލެއްވީ އައްޑޫ ތަރައްގީ ކުރުމުގެ ފުރިހަމަ ތަސައްވަރެއް އޮވެގެންނެވެ. އޭނާގެ ބަހުން ނަމަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ ރަށްވަންތަ ހިތުގައި އަތޮޅަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. އަހުމަދު ގަބޫލް ކުރައްވާ ގޮތުގައި ތަރައްގީ ހާސިލް ކުރެވޭނީ އެބައެއް ތަމްސީލް ކުރާ މެންބަރެއްގެ ދުރުވިސްނުމުގެ ސަބަބުންނެވެ. އެގޮތަށް ވިސްނާ މެންބަރުންގެ ދާއިރާތަކަށް ލިބިފައިވާ ކުރިއެރުން މިސާލަކަށް އަހުމަދު ނަންގަވަ އެވެ.

އެކަން ކުރަން ގާނޫނީ ގޮތުން މާ މައްޗަށް ކިޔަވައިގެން ހުރި މީހެއް ނުވަތަ ޕީއެޗްޑީ ނަގައިގެން ހުރި މީހެއް ބޭނުން ނުވާކަމަށް އަހުމަދު ވިދާޅުވި އެވެ. އެކަން ކުރަން އޭނާ ގަބޫލް ކުރައްވާ ގޮތުގައި ބޭނުން ވަނީ މަޖިލީހަށް ބަރާބަރަށް ގޮސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ދުރު ވިސްނޭ، ހެޔޮ ގޮތް ނިންމައިދޭނެ މީހެކެވެ. އެ މީހަކީ އަހުމަދު ގަބޫލް ކުރާ ގޮތުގައި އޭނާ އެވެ. ފަޒާ އަހުމަދެވެ. ހިތަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.

Featured Candidates