ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Adam Manik

ޕްރޮފައިލް

މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު (އެޑަމް) ގެ މޮޓޯ އަކީ މި އެވެ؛ ހާސިލް ކުރަން ބޭނުން ކޮންމެ ކަމެއްގައި ކެތްތެރިކަމާއި ވިސްނުންތެރި ކަމާއި ރޭވުންތެރިކަމާ އެކު ކުރިއަށް ދާ ނަމަ ކާމިޔާބު ވާނެ އެވެ. އެ ކުރާ ކަމެއްގައި އިޚްލާސްތެރި ވާން ޖެހޭނެ އެވެ. ސްޓެރެޓެޖިކް ކޮށް ކުރިއަށް ދާން ވާނެ އެވެ. އެއީ އެޑަމް އަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކުގެ އަސްލެވެ. އޭނާގެ މާޒީން އެކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ.

މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި މާލޭގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަން ކުރެއްވި ދުވަސްވަރު އެޑަމް ވަނީ ނަތީޖާ ދައްކަވައިފަ އެވެ. މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި އެ ސަރަޙައްދުގައި ވިއްސިވިހާލި ވެފައި އޮތް ޕާކިން ނިޒާމު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަމަޔަކަށް އަޅުއްވައި އާއްމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ހޯއްދަވައި ދެއްވި އެވެ. މަސް މާރުކޭޓަށް ބަދަލުތަކެއް ގެނެސް އާއްމުންނަށް ފަސޭހަވާނެ ގޮތް ހައްދަވައި ދެއްވެވި އެވެ. މާލޭގައި އަބަދު ކުނިން ފުރިފައި އޮންނަ އަދި ދޭތެރެދޭތެރެއިން އަލިފާން ރޯވާ ކުނިކޮށި އެއްކޮށް ހުސް ކުރެއްވެވި އެވެ. ސަހަރާތައް އަމާން ތަންތަނަށް ހެދުމުގެ ގޮތުން ފާރުތައް ތިރިކޮށް، މާލޭގެ އެކި ހިސާބުގައި ކުދި ޕާކްތައް ހައްދަވައި މުލީއާގެ އާއި ތީމުގެ ކައިރީގައި އާއްމުންނަށް އުސްކޮށް އިމާރާތް ކުރެވޭ ގޮތް ހައްދަވައި އަދި މި ނޫން ވެސް ތަފާތު ގިނަ ކަންތައްތައް ކުރެއްވި އެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލު ކުރުމަށް އެކުލަވައިލި ބޮޑު މަޝްރޫއު ކަމަށްވާ 'ވެށި ފަހި މާލެ' ޕްރޮގްރާމް ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން ބުރަ މަސައްކަތްތަކެއް ކުރައްވައި އެކަމުން ވެސް ނަތީޖާތަކެއް ނެރުއްވި އެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެގެންދާނޭ ކަމަށް ވިސްނަވައި ބަސް ދުއްވުމުގެ ޚިދްމަތް ފެއްޓެވި މޭސްތިރި އަކީ ވެސް ސަރަނގެވެ. މާލޭގެ ދެކުނު ފަޅުތެރެ ހިއްކައި ވޯކްޝޮޕްތައް އެ ތަނަށް ބަދަލުކުރުމުގެ ވިސްނުން ފަރުމާ ކުރެއްވެ ވީސް އެޑަމް އެވެ.

އޭނާ އަކީ އަބަދުވެސް ކުރިއަށް ވިސްނަވާ ބޭފުޅެކެވެ. އެޑަމް ވިދާޅުވި ގޮތުގައި މާލޭގައި ހެދި ހައުސިން ޕްރޮޖެކްޓްތަކުގެ ކުރެހުމުގައި ޕާކިން ނިޒާމެއް ނެތުމުން ހުއްދަ ނުދީ ހިފެހެއްޓި އެވެ. މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ ތިން ދުވަސް ނުވަނީސް ޕާކިން ނިޒާމެއް ނެތި ހުއްދަ ދީފި އެވެ.

"އަޅުގަނޑު މާލޭ މުނިސިޕަލްޓީގެ ރައީސްކަމާ ހަވާލުވިއިރު 20-25 އަހަރުވީ މައްސަލަތައް ނުނިމި ހުރި. އަޅުގަނޑު އެ ތަނުން ނުކުމެގެން ދިޔައިރު އެ ހުރިހާ މައްސަލަތަކެއް ވެސް ވާނީ ކޮޅެއްގައި ޖައްސާފައި،" އެޑަމް ވިދާޅުވި އެވެ.

މިއީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސަރަނގު ސަރުކާރުގެ ޒިންމާތަކާއި އެކި ފެންވަރުގައި ހަވާލުވެވަޑައިގަތް ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރެއްވި ބައެއް ކަންތައްތަކެވެ. މީގެ އިތުރުން އަލަށް އުފެދުނު ރޯޑު ކޯޕަރޭޝަންގެ ޗެއާމަނަކަށް ހުންނަވައި، ކުޅުދުއްފުށީގައި މަގު ހެދުމުގެ މަޝްރޫއު ފެއްޓެވެވި އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އެޑަމް ފުރުއްވި މަގާމުތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންގެ ރައީސްކަމާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ ކަން ވެސް ހިމެނެ އެވެ.

"އަޅުގަނޑަކީ ކުރާ ކޮންމެ ކަމެއް އިޚްލާސްތެރިކަމާ އެކު ކުރާ މީހެއް. އަޅުގަނޑަކީ ކުރާ ކޮންމެ ކަމެއްގައި ރަނގަޅު ނަތީޖާ ނެރެން ބޭނުންވާ މީހެއް. އެއީ ބައެއް އެހެން މީހުންނާ އަޅުގަޑާ ހުންނަ ތަފާތަކީ. ހަވާލުކުރާ މަސައްކަތަކަށް ޚިޔާނާތްތެރިވާނޭ މީހެއް ނޫން،" އުމުރުން 63 އަހަރުގެ އެޑަމް ވިދާޅުވި އެވެ.

ގިނަ ބަޔަކަށް ނޭނގުނަސް އޭނާ ވަނީ ކުރީގެ ރައީސް މައްމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ޖަލަށް ލައިފަ އެވެ. ހައްޔަރުކުރި ސަބަބު ވެސް އެނގިވަޑައިގަތީ ޖަލުން ސަލާތްމަތް ވުމުންނެވެ. ޓްރޭޑް ޔުނިއަންއެއް ހަދަން އެހެން ބަޔަކު އުޅުމުން އެކަން ކުރީ އެޑަމް ކަމަށް ބަލައި ޖަލަށް ލީ އެވެ. އެކަމަކު، އެއްވެސް ސުވާލެއް ކުރުމެއް ނެތި 40 ވަރަކަށް ދުވަސް ވަންދެން އޭނާ ޖަލުގައި ބޭންދި އެވެ.

"އަޅުގަނޑު ޖަލުން ސަލާމަތް ވީ އިރު ހުރީ ވަރަށް ބޮޑަށް މަޝްހޫރު ވެފައި،" މީގެ 35 އަހަރު ކުރީގެ ތަޖްރިބާ ހިއްސާ ކުރައްވަމުން އެޑަމް ވިދާޅުވި އެވެ.

އޭގެ ކުރިން އެޑަމް ވަނީ އެ ދުސްވަރު ނެރުނު ބައެއް މަޖައްލާތަކަށް މަޒުމޫނު ލިޔުއްވައިފަ އެވެ. މައުމޫންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވެ ލިޔުއްވި ލިޔުއްވުންތަކާ ގުޅިގެން ސީދާ މައުމޫންގެެ ހިތްޕުޅުހަމަނުޖެހުން ވެސް އައެވެ. އެކަމަކު، އޭރު ވެސް އުޅުއްވީ ކަންކަން އިސްލާޙް ކުރެއްވުމަށެވެ.

ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެދުމުގެ ކުރިން ވެސް އެކަން ކުރަން އުޅުނު މީހުންނަށް އަޑީގައި ހުންނަވައިގެން އެހީތެރިވެ، ޚަރަދު ކުރެއްވި އެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ރައީސް ނަޝީދު ޖަލަށް ލުމުން ސްރީ ލަންކާގައި ބަޔަކު ތިބެގެން ރައީސް ނަޝީދު މިނިވަން ކުރުމަށާއި އެމްޑީޕީގެ ކުރިމަގު އުޖާލާ ކުރުމަށް ކުރި މަސައްކަތަކުގައި ވަރަށް އިސް ރޯލެއް އެޑަމް އަދާކުރެއްވި އެވެ. ރައީސް ނަޝީދު ޖަލުން ގޭ ބަންދަށް ބަދަލުވެ ހުންނެވިއިރު ޕާޓީގެ އިސްވެރިންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ނައްތައިލުމުގެ ގޮތުން ކެރަފާ އަހުމަދު ނަސީމާއި ގޯގޯ އަހުމަދު ލަތީފާއި އަހުމަދު މައުސޫމާ ގުޅިގެން އެޑަމްގެ އަމިއްލަ ޚަރަދުގައި އެމްޑީޕީގެ 35 ވަރަކަށް އިސް ވެރިން ލަންކާ އަށް ގެންދަވައި ކެންޑީގައި ޖަލްސާއެއް ބާއްވައި ރައީސް ނަޝީދު ފަހަތްޕުޅަށް ގިނަ މީހުން އެއްގަލަކަށް އެރުވީ އެޑަމް އެވެ. އެ ޖަލްސާ ނިމުމާ އެކު މަދު ބަޔަކު ބަދަލަކަށް އެދޭ އެހެން ފަރާތްތަކާ ގުޅުނެވެ.


ބައެއް ފަހަރު އެހެން ދިމަދިމާލުން ވެސް ފެންނަ އެޑަމް އެމްޑީޕީގެ ފިކުރާއި ވިސްނުމަކަށް އެއްވެސް ވަރަކަށް ދުރަކަށް ނުދެ އެވެ. ދެހާސް އަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެޑަމްގެ ޖާނާއިމާލުން ބޮޑު ޚަރަދެއް ކުރެއްވި އެވެ.

އެޑަމް ވިދާޅުވާ ގޮތުގައި އެމްޑީޕީގައި ވިޔަސް ކޮންމެ ޚިޔާލަކީ އޭނާ ކޮންމެހެން ތާއީދުކުރާ ޚިޔާލެއް ނޫނެވެ.

"ނަމަވެސް ބޮޑު މަންޒަރާ ދުރަކަށް ނުދާނަން. އެއީ ރައްޔިތުންގެ ކުރިމަގު. އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ވިދާޅުވެފައި ވާނެ، ތިމަންނަ ހުންނަ ތަނެއްގައި އެޑަމް ހުންނާނެއޭ އަދި އެޑަމް ހުންނަ ތަނެއްގައި ތިމަންނަ ހުންނާނެއޭ. މިއީ ރައީސް ނަޝީދު އަޅުގަނޑަށް ދެއްވި ވަރަށް ފުރިހަމަ ކޮމްޕްލިމެންޓެއް،" ނަޝީދާއި އެމްޑީޕީއާ އެޑަމްއާ އޮތް ގާތް ގުޅުމާ ގުޅޭ ގޮތުން ވިދާޅުވި އެވެ.


އެޑަމްގެ އިޖްތިމާއީ ޚިދުމަތްތައް ފެށެނީ އަވަށް ކުރިއަރުވާ ކޮމިޓީއާ ހަމައިންނެވެ. މައްޗަންގޮޅި އަވަށް ކުރިއަރުވާ ކޮމިޓީ އަށް ތަފާތު ޚިދުމަތްތައް ކުރެއްވި އެވެ. އަވަށް ކުރިއަރުވާ ކޮމިޓީތައް އުވުނުއިރު އެޑަމް ހުންނެވީ އަވަށު ވެރިޔާގެ ނައިބުގެ މަގާމުގަ އެވެ.

އެޑަމްގެ ވާހަކަ އަށް ވިސްނާލާއިރު، އޭނާ އާއި ބައެއް އެހެން މީހުންނާ ޖެހޭ އެންމެ ބޮޑު މައްސަލަ އަކީ މިއީ ކަމަށް ވެދާނެ އެވެ. މާލޭގެ މޭޔަރު ކަމުން އެޑަމް އިސްތިއުފާ ދެއްވީ ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި ކުއްލި ގޮތަކަށެވެ. އޭނާ އިސްތިއުފާ ދެއްވި ފަހުން ހިނގައި ދިޔަ ބައެއް ކަންކަމަށް ބަލާއިރު ކޮރަޕްޝަނާ ދެކޮޅުކަން ހާމަވާ ކަންތައްތަކެއް ވަނީ ފެންމަތިވެފަ އެވެ.

އެޑަމް ވިދާޅުވާ ގޮތުގައި ޕަބްލިކް އޮފީހެއްގައި ހުންނަވައިގެން ކިތަންމެ ބޮޑެތި ބާރުތަކެއް އޮތަސް އަމިއްލަ އެދުމެއް އޭނާ އިސް ނުކުރައްވާނެ އެވެ. ރައްޔިތުންގެ އިތުބާރަށް އަމާނާތްތެރިވާނެ އެވެ.

"އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ދެއްވި އެންމެ ބޮޑު ތަރިކަ އަކީ އަމާނަތްތެރި ކަމާއި އަނެކާގެ ހައްގުގައި މަސައްކަތް ކުރުން. މި ތަރިކައާ އަޅުގަނޑު ޚިލާފެއް ނުވާނަން." އަމިއްލަ ވިޔަފާރީގައި ވެސް ކުރި އެރުން ހޯދާފައިވާ އެޑަމް ވިދާޅު ވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހަށް ވަޑައިގަތުމުގެ ފިކުރު އޭނާ ގެންގުޅުއްވަނީ އަމިއްލަ ވިޔަފާރި ކުރި އަރުވާކަށް ނޫނެވެ.


"އެފަދަ ފުރުސަތުތައް މާ ފުރިހަމަ އަށް މީގެ ކުރިން ލިބިފައިވޭ. އަޅުގަނޑަކީ އަރާމު ދިރިއުޅުމެއް އުޅެވެން އޮތް މީހެއް. އަދި އަޅުގަނޑުގެ ވިޔަފާރި ކުރި އަރުވަން ހުރިހާ ވަގުތެއްގައި މަސައްކަތް ކުރުމަކީ އަޅުގަނޑަށް އިތުރަށް ފައިދާ ވާނެ ކަމެއް،" ހަ ކުދިންގެ ކާފަ ވިދާޅުވި އެވެ.

"ފައިސާ އާއި މުދަލަކީ ހުރިހާ ހިތްހަމަޖެހުމުގެ އަސްލެއް ނޫން. މީހުންގެ ލޯތްބާއި އިހުތިރާމަކީ އެ އަށް ވުރެ ބޮޑު އެއްޗެއް. އަޅުގަނޑުގެ ތަނަވަސް ކަމަކީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކަމެއް ކަމުގައި ވިޔަސް މި ގައުމުން އަޅުގަނޑަށް ލިބުނު އެއްޗެއް. ވީމާ މި ގައުމަށް އޮތް އަޅުގަނޑުގެ ދަރަނި ކުޑައެއް ނޫން."

ސިޔާސީ ގޮތުން ބާރުގަދަ ގިނަ މަގާމުތައް ފުރުއްވައިފާ އެޑަމާ ބެހޭ ގޮތުން މިއަދާ ހަމައަށް ވެސް ކޮރަޕްޝަނާ ބެހޭ ނުވަތަ އަމިއްލަ ފައިދާ އާއި ނުފޫޒްގެ ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތެއް އައިސްފައެއް ނުވެ އެވެ. އެޑަމް އަކީ އެކި ފެންވަރުގައި މީސްމީހުނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އެގޮތުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ހައްޖު ޖަމާއަތުގައި ޖެހުނު މައްސަލަތަކުގެ ސަބަބުން ހައްޖަށާއި އުމްރާ އަށް ނުދެވުނު އެތައް ބަޔަކު އޭނާގެ އަމިއްލަ އެޑަމްގެ ޚަރަދުގައި ފޮނުވާފައި ވެ އެވެ. އަޑީގައި ހުންނަވައިގެން އަމިއްލަ މީހުން ހިންގާ ގުރުއާން ކުލާސް ތަކައް އެހީތެރިވެ ދެއްވަ އެވެ. މީގެ އިތުރުން ހިލޭ ސާބަހައް މަސައްކަތް ކުރާ އިޖުތިމާއީ ޖަމިއްޔާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި އަކަށް ވާދަކުރައްވަނީ ކީއްވެތޯ ދެންނެވުމުން އެޑަމް ވިދާޅުވީ، ރައްޔިތުންނާއި ވެރިކަމާ ވަރަށް ބޮޑަށް ދުރުވެއްޖެ ކަމަށެވެ. ރައްޔިތުންނަށް އޮތް ހުރިހާ ބާރުތަކެއް ދިނުމަށް ފަހު، މަޖިލިހަށް ފޮނުވާ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ ނުފޫޒު ނުފޯރުވޭ ކަމީ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް. ހަމަ އެއާ އެކު މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމުގެ ހާލަތަކީ ކޮންމެހެން ވެސް ލަސްނުކޮށް ހައްލު ކުރަންޖެހޭ މައްސަލައެއް. ބޯހިޔާވެހިކަން ނެތް މާލޭގެ ރައްޔިތުންނާއި މާލޭގެ ދަފްތަރުގައިވާ މީހުންނަށް އިސްކަން ނުދީ އަދާކުރާ ވަޒީފާގެ ސަބަބުން ބޯހިޔާ ވެހިކަން ލިބުމަކީ މާލޭގެ މީހުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،" މާލޭގެ މީހުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިތަކާ މެދު އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރައްވަމުން އެޑަމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވި ގޮތުގައި، އަލިފާނުގެ ނުރައްކަލުން މާލެ ސަލާމަތް ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމަކީ ވެސް ދައުލަތަށް އެންމެ ބޮޑު ޓެކްސްއެއް ދައްކާ މާލެއަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެ ކަންކަން ރަނގަޅު ކުރަން އެޑަމް ބޭނުންވެ އެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިފާ މާލޭގެ ސިޓީ ކައުންސިލް، ޚާއްސަކޮށް މާލޭގެ މޭޔަރު އިންތިޚާބު ކުރެވޭ ގޮތް އިސްލާހު ކުރަންޖެހޭ. މި ނޫނަސް ރައްޔިތުންނަށް، ޚާއްސަކޮށް މާލޭގެ ރަށްވެހިންނާއި ދަފްތަރުގައިވާ މީހުންގެ ކުރިމަގަށް ބަލައި ގާނޫނީ ގޮތުން ގޮތް ތަކެއް ނިންމަން ޖެހޭ. އަޅާނުލައި ބޭއްވުމަކީ ހައްލެއް ނޫން،" އެޑަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަފްތަރުގެ ރައްޔިތުންނަކީ އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ ފުޅިމަދު އުނގުރި އަކަށް ހަދައިގެން ނުވާނެ ކަމަށާއި އެ މީހުންނަނަށް އެ ހާލަތު ޖެއްސީ ރައީސް މައުމޫން ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ތިން އަހަރުން ދާއިރާ ބަދަލުކޮށް، އަދި މަޖިލިސް އިންތިޚާބުގައި ކޮންމެ ފަސް އަހަރަކުން ދާއިރާ ބަދަލުކޮށް، ހަދާ ހެދުމަކީ އެ މީހުންގެ އަސާސީ ހައްގުތައް އެ މީހުންގެ ކިބައިން ނިގުޅައިގަނެވޭ ކަންކަން. މިއީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ނިޒާމެއް ނޫން،" އެޑަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކެޕިޓާ އިންކަމްގެ ގޮތުން އެންމެ މުއްސަނދި ކަމަށް ދައުވާ ކުރާ މި ރާއްޖާގައި މާލޭގެ ގިނަ ރައްޔިތުން ތަޖުރިބާ ކުރާ ދިރިއުޅުމަކީ ގަބޫލު ކުރެއްވޭނެ ގޮތެއް ނޫން ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރަން ގާނޫނުތައް ހަދައި ސިޓީ ކައުންސިލްގެ ދައުރު ފުރިހަމަ ކުރަންޖެހޭ ކަމަށް އެޑަމް ވިދާޅުވި އެވެ.


އެޑަމް ނިންމަވާފައި ވަނީ މި ފަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެއްޖެ ނަމަ ދާއިރާ އަށް ނިސްބަތްވާ ނިކަމެތިންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި އިނާޔަތްތައް ހޯދައި ދިނުން ފަހި ކުރުމަށް ދާއިރާގައި އޮފީހެއް ގާއިމް ކުރުމަށެވެ. ހަމަ އެއާ އެކު މަޖިލީހުގައި އެޑަމް މަސައްކަތް ކުރައްވަން ވީ ގޮތް ދެނެގަތުމަށް މަދުވެގެން މަހަކު ދެ ފަހަރު ޓައުން ހޯލް މީޓިންއެއް ބާއްވާނެ އެވެ.

"އަޅުގަނޑަށް މަޖިލިހުން ލިބޭ މުސާރަ ހޭދަކުރާނީ މި ދެ ކަމަށް،" އެޑަމް ވިދާޅުވި އެވެ.

ސަރަނގު އާދަމް މަނިކަކީ އެހެން މީހުންނާ ކޮންމެވެސް ވަރަށް ތަފާތު ހިޔާލު ހުރި ބޭފުޅެކެވެ. ނަތީޖާ ނެރުމަށް ގާބިލް ބޭފުޅެކެވެ. އަމިއްލަ އެދުމެއް ނެތި ޚިދުމަތުގެ ރެކޯޑެއް ގާއިމް ކުރައްވާފައިވާ ޚިދުމަތްތެރި އެކެވެ.

Featured Candidates