ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Mutthalib

ޕްރޮފައިލް

މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލިސްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް މުއްތަލިބަކީ އޭރު މަޖިލީހުގައި ވަރަށް ހީވާގި މެމްބަރެކެވެ. ގައުމީ އެކި ކަންކަން މަޖިލީހަށް ހުށަހަޅައި ވަކާލާތުކުރެއްވުމުގައި އޭނާ ހުންނެވީ އެންމެ އިސް ސަފުގަ އެވެ. ބިލްތަކަށް އިސްލާހު ހުށަހެޅުއްވުމުގައި ވެސް ވަރަށް ކުރީގަ އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގެވުމުގައި ކުރިން އެންމެ އިސްކޮށް އުޅުއްވި މުއްތަލިބަކީ މިހާރު ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅެކެވެ. މުއްތަލިބު މިފަހަރު ކުރިމަތިލައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މާފަންނު ދެކުނު ދާއިރާއަށެވެ.

މީގެ 31 އަހަރު ކުރިން ތަމަޅަ ޓެރަރިސްޓުން މާލެ އަރައި ހަމަލާ ދިނުމުން ގިނަ ދިވެހިން ބިރުން ފިލަން ދުވި އެވެ. ނަމަވެސް އޭރު ސްކައުޓުންގެ ތެރޭގައި އުޅުއްވި ޒުވާން މުއްތަލިބު އެ ދުވަހު ވެސް ހުންނެވީ ގައުމީ ހިދުމަތުގަ އެވެ. ބަޑީގެ އަޑަށް ފަތިހު ހޭލެއްވި ގޮތަށް އެ ހަނގުރާމަ ހަމަޔަކަށް އެޅި ދިވެހިންނަށް ނަސްރު ލިބެންދެން އުޅުއްވީ ޒަހަމުވި މީހުންނަށް އެހީވުމަށެވެ. އެއީ ޒުވާނެއްގެ ހައިސިއްޔަތުން އޭނާ ގައުމަށް ކޮށްދެއްވި ބޮޑު ޚިދުމަތެކެވެ.

ވަޒީފާގެ މައިދާނަށް މުއްތަލިބު ނުކުންނެވީ އެލިއާ ކުންފުނިންނެވެ. އެއަށް ފަހު 1987 އިން ފެށިގެން 13 އަހަރު މަސައްކަތް ކުރެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގަ އެވެ. އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނި އަމޭން މޯލްޑިވްސް އުފައްދަވައި، އެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1999 ގަ އެވެ. މިއަދު އެއީ ރާއްޖޭގެ މެދު ފަންތީގެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަދި ބޮޑެތި އެތައް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެކެވެ.

މިހާތަނަށް މުއްތަލިބުގެ ކުންފުނިން ކުރި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ފުވައްމުލަކުގެ ނޭޗާސް ޕާކް ތަރައްގީކުރުން ހިމެނެ އެވެ. އޭގެ އިތުރުން ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހާދިސާއަށް ފަހު ގައުމު އަލުން އާރާސްތު ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ.

މުއްތަލިބު ވަނީ އާއްމު ހިއްސާދާރުންގެ ފަރާތުން 2003 އިން 2004 އަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި އުޅުއްވައިފަ އެވެ. އަދި 2007 އިން 2008 ވަނަ އަހަރާ ހަމައަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް އިންނެވި އެވެ.

އޭނާގެ ސިޔާސީ ހަޔާތުގެ ފެށުމަކީ، މުއްތަލިބު ވިދާޅުވާ ގޮތުގައި، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހިންގާ ސެކެޓަރީކަން 1987 ގައި ފެއްޓެވި ހިސާބެވެ. އޭރު ރާއްޖޭގެ ސިޔާސީ ކަންކަމުގެ ވާހަކަ ދައްކާ ހަމައެކަނި ތަނަކީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެވެ. އަދި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުން ތާއީދު ކުރައްވާނެތޯ ނުވަތަ ނޫންތޯ އެ ޖަމިއްޔާއިން ނިންމަ އެވެ. މުއްތަލިބު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވީ އޭރު ވެސް ރާއްޖޭގައި ތިއްބެވި އެންމެ ވަރުގަދަ ވިޔަފާރިވެރިން ކަމަށްވާ ގާސިމް އިބްރާހިމާއި އެލިއާ އަލީ އަބްދުﷲ މެން ފަދަ ސިޔާސީ ބޭބޭފުޅުންނާ އެކު އެވެ.

އެކަމަކު އިންތިހާބެއްގައި ބައިވެރިވެވަޑައިގެން ކާމިޔާބު ހޯއްދެވީ 2009 ގެ އާއްމު އިންތިޚާބުގައި ފަރެސް މާތޮޑާ ދާއިރާއަށް ވާދަކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެފަހަރު އޭނާ މަޖިލީހަށް ކުރިމަތިލެއްވީ ރާއްޖެ އޭރު މިސްރާބު ޖަހާފައިވާ ބިރުވެރި މަންޒަރު ފެނިވަޑައިގެންފަ އެވެ. އަދި މަޖިލީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެކަންކަމަށް ހައްލު ގެންނެވި ކަމަށް ވިދާޅުވި އެވެ.

"ފާސްކުރި ބިލްތަކުގެ ތެރެއިން 99 ޕަސެންޓް ބިލުގައި އިސްލާމް ދީނުގެ ވާހަކަ އޮންނާނެ. ދީނީ ގޮތުން މަތީ ތައުލީމް ހާސިލްކޮށްފައި ތިއްބެވި ބޭބޭފުޅުންނަށް އެކި ކަންކަމުގައި ފުރުސަތުތައް ދިނުމުގައި އިސްކަން ދިނިން،" އޭރު ވެސް އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވި މުއްތަލިބު ވިދާޅުވި އެވެ.

އެ ދަރުގައި ކުރެެއްވި އެންމެ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި މުއްތަލިބު ފާހަގަކުރައްވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމަށް އޭރުގެ ސަރުކާރުން ކުރި މަސައްކަތްތައް ހުއްޓުވުމެވެ. އެގޮތުން އެޗްޑީސީ، ސްޓެލްކޯ، ޕޯޓްސް ލިމިޓެޑް، އަދި އައިލެންޑް އޭވިއޭޝަން އާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ހިއްސާ ވިއްކާލަން އުޅުމުން އޭނާ ހުށަހެޅުއްވި އިސްލާހުތަކާ އެކު އެކަމަށް ނިމުމެއް ގެނަ އެވެ. އެގޮތުން ދިވެހިން ނޫން ބަޔަކަށް އެ ކުންފުނިތަކުގެ ހިއްސާ ނުވިއްކޭނެ ގޮތަށް ބަދަލު ގެނަ އެވެ.

އެ ދައުރުގައި ކުރަން އުޅުއްވައި ކާމިޔާބުވެވަޑައިނުގެން ކަމަކަށް މުއްތަލިބު ފާހަގަކުރެއްވީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ފިގުހު އެކަޑެމީ އުފައްދައި، ދީނީ އިލްމުވެރިންނަށް ބާރުތަކެއް ދޭން ފާސްކުރަން އުޅުނު ބިލްގެ މަސައްކަތެވެ. އެއީ މުއްތަލިބުގެ ތާއީދާ އެކު މަރުޙޫމް ޑރ. އަފްރާޝީމް އަލީ ހުށަހެޅުއްވި ބިލެކެވެ. ޑރ. އަފްރާޝީމް ޝަހީދުކޮށްލުމުން ބިލްގެ ކަންކަން ދެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެއްވީ މުއްތަލިބެވެ.

މުއްތަލިބު ވިދާޅުވާ ގޮތުގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމެވެ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން 1980 ގައި މާލޭގެ ބިން ހިއްކުމުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެ ތަރައްގީ ކުރުމުން ވެސް އެ މައްސަލައަށް ހައްލު ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންފި ނަމަ އެ މައްސަލަ ހައްލުކުރަން އޭނާގެ ތަސައްވުރެއް އެބަ އޮތެވެ. އެގޮތުން ހާއްސަ ގާނޫނެއް ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވަ އެވެ.

"މާލޭ ރައްޔިތުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ގާނޫނެއް ހުށަހަޅައިގެން އިރާދަކުރެއްވިއްޔާ މާލޭ ރަށްވެހިންނަށް ހިތްހަމަޖެހުމާ އެކު ބޯހިޔާވަހިކަން ލިބިގެންދާނެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ވަންދެން ކޮންމެ ދުވަހަކު މަޖިލީހުގައި އަޅުގަނޑު އެ ވާހަކަ ދައްކައިދޭނަން،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބުމުގެ ވިސްނުން ވަރަށް ސާފެވެ: މަޖިލިހަށް ދެވެން އޮތް މީހުން މަޖިލީހަށް ނުގޮސް ތިބެ ކަންކަމަށް ފާޑުކިޔުމަކީ ބޭކާރު ކަމެކެވެ. އެހެންކަމުން އޭނާގެ ވިސްނުން ހުރީ މަޖިލިހުގެ ތެރެއިން ކަންކަން ރަނގަޅުކުރެއްވުމެވެ. މިފަހަރު ކުރިމަތިލައްވަން ނިންމެވީ، އޭނާ ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އެދިވަޑައިގަތުމަކަށެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ކޯލިޝަންގެ ތެރެއިން އަދާލަތަށް އެ ދާއިރާ ނުލިބުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ގައުމާއި ދީން ދެކެ ލޯބިވާ މީހުން މަޖިލީހަށް ގޮސްގެން ނޫނީ މަޖިލިސް ހަމަޔަކަށް އެޅުވޭކަށް ނެތެވެ.

އޭނާއަށް ވޯޓު ދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ، މުއްތަލިބު ވިދާޅުވި ގޮތުގައި، ސަބަބުތަކެއް އޮވެގެންނެވެ. އެންމެ ބޮޑު ސަބަބަކީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ތަރިކަ އާއި ސަގާފަތް ދަމަހައްޓަން އޭނާ މިހާތަނަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

"ދިވެހި ގައުމުގެ ވިޔަފާރިތައް ހުޅުވާލައި ބޭރު މީހުންނަށް ދިވެހިންނާ އެއްހަމައެއްގައި ވިޔަފާރިކުރަން ހުށަހެޅި ހުރިހާ ބިލްތަކެއް ފެއިލްކޮށްލީ އަޅުގަނޑުމެން ކުރި މަސައްކަތުން،" މުއްތަލިބު ވިދާޅުވި އެވެ.

"ހާއްސަކޮށް އަޅުގަނޑު ހުށަހެޅި އިސްލާހުތަކަކާ އެކީގައި. އެހެންވީމަ އަޅުގަނޑަށް ތިޔަ ބޭފުޅުން ފުރުސަތު ދެއްވާ."

Featured Candidates