ގްރޭޑް ހަތަކާ ހަމަޔަކަށް އަބްދުﷲ ވަހީދު ކިޔަވާ ވިދާޅުވީ ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެކަމަކު އޭގެ ފަހުން ސާނަވަނީއަށް ކިޔަވާވިދާޅުވީ މާލެ ވަޑައިގެން، އެމްއީއެސްގަ އެވެ. އޯ ލެވެލްއަށް ފަހު ފެކަލްޓީ އޮފް މެނޭޖްމަންޓުން އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރެއްވި އެވެ. އަދި އޮސްޓްރޭލިޔާގެ އޭއައިބީން، ބިޒިނަސް މެނޭޖްމަންޓުން މާސްޓާޒް ޑިގްރީ ނެންގެވި އެވެ.
އަބްދުﷲ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކަސްޓަމްސްގަ އެވެ. އެމްޑީޕީ ސަރުކާރުގައި އަޕާ ނޯތު ޔުޓިލިޓީ ކުންފުނި އުފެއްދުމުން އެތަނުގެ މެނޭޖިން ޑިރެކްޓަރުކަން 2009 އިން 2012 އަށް ކުރެއްވި އެވެ.
ރާއްޖެއަށް ސިޔާސީ ބަދަލުތައް އަންނަން ފެށި ދުވަސްވަރުގައި ވެސް އަބްދުﷲ އަކީ އެމްޑީޕީގެ ފިކުރުގެ ބޭފުޅެކެވެ. އެގޮތުން އެ ޕާޓީގެ މެމްބަރަކަށް 2005 ގައި ވެވަޑައިގަތެވެ. އޭގެ ފަހުން އޭނާ ގެންދެވީ އެމްޑީޕީއާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެކަމަކު މިއީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
އަބްދުﷲ ވިދާޅުވާ ގޮތުގައި ދިއްދުއަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ސަރުކާރަށް ނިސްބަތްވާ މެމްބަރަކަށެވެ. އެގޮތުން އޭނާއަކީ އެ މެމްބަރުކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ އަޑު ފުރިހަމައަށް އަޑުއަހާނެ، އަޑުއެހުމުގެ ގާބިލްކަން ހުރި މީހެއް. ރައްޔިތުންނާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެ،" އަބްދުﷲ ވިދާޅުވި އެވެ.