ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Ziyath

ޕްރޮފައިލް

އިބްރާހިމް ޒިޔާތު އުފަންވެ ވަޑައިގަތީ ވެސް ހެންވޭރު އުތުރު ދާއިރާ އަށެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ހުރިހާ ސަރުކާރެއްގައި މަސައްކަތް ކުރައްވައި، އެކި ފެންވަރުގެ ވަޒީފާތައް އަދާކުރައްވައިފަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ ހައިސިއްޔަތުން އޭނާ ވަނީ، ރާއްޖޭގެ ތަރައްގީ އަށް ހިންގި ވަރަށް ބޮޑެތި މަޝްރޫއުތައް ނިންމަވައިފަ އެވެ. އޭގެ ތެރޭގައި މަހާޖައްރާފު ބިންހިއްކުމުގެ މަސްރުއޫތަކާއި، ކުޅުދުއްފުށި އެއާޕޯޓް ޕްރޮޖެކްޓް، ށ. ފުނަދޫ އެއާޕޯޓް ޕްރޮޖެކްޓް، މާލޭ އިންޑަސްޓްރިއަލް ޒޯން މަޝްރޫއު ބަނދަރާއި، ނަރުދަމާ އަދި މަގު ހެދުމުގެ ޕްރޮޖެކްޓްތައް ވެސް ހިމެނެ އެވެ.

ޒިޔާތު ވަނީ އެސްޓީއޯ އެގްޒެކެޓިވް ބޯޑުގެ ޑައިރެކްޓަރު ކަމާއި ސީނިއާ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްތްރަކްޗުއަލް ޕްރޮޑަކްޓްސްގެ ޗެއާމަން ކަމާއި ލަފާޖް މޯލްޑިވސްގެ ބޯޑު މެމްބަރު ކަމާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އެކްޓިން އެމްޑީ ކަން ވެސް ކުރައްވައިފަ އެވެ.

އިބްރާހިމް ޒިޔާތު ވަނީ އޮސްޓްރޭލިޔާގެ ބަލަރާޓު ޔުނިވާސިޓީން މާސްޓާސް އިން ބިޒިނަސް އެޑްމިންސްޓްރޭޝަނާއި އެޑިތުކޯވަން ޔުނިވާސިޓީން ބެޗެލާރސް އިން ބިސްނަސް (ޑަބަލް މޭޖާ މެނޭޖުްމަންޓް އަދި މާކެޓިން)، އަދި ޕާތު އިންޓިޓިއުޓް އޮފް ބިޒިނަސް އެންޑް ޓެކުނޮލޮޖީން އެސޯސިއޭޓް ޑިގްރީ އޮފް ބިޒްނަސް އާއި ސްޓެމްފޯޑް ކޮލެޖުން ޑިޕްލޮމާ އިން ބިޒިނަސް އެޑުމިންސްޓުރޭޝަންހާސިލް ކުރައްވައިފަ އެވެ.

އިބްރާހިމް ޒިޔާތުއަކީ ކުޅިވަރަށް ލޯބި ކުރައްވާ، އަދި ބަރާބަރަށް ފުޓްސެލް ކުޅުމަށް ދާއިރާގެ ޒުވާނުންނާ އެކު ވަޑައިގަންނަވާ ބޭފުޅެކެވެ. ދާއިރާގެ ކުލަބަކަށް ފެށުނީއްސުރެ ވެސް ގިނަގުން އެހީތެރިކަން ފޯރުކޮށްދެއްވައި އެ ކުލަބު ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްދެއްވާފައި ވެ އެވެ. އަދި ހެންވޭރު ފުޓްސެލް ދަނޑު ހެދުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.

އިބްރާހިމް ޒިޔާތުގެ މަސައްކަތުގެ މާހައުލުގައި އޭނާ ވާނީ ވަރަށް ގިން އިޖުތިމާއީ މަސައްކަތް ކުރައްވައި މީހުން ބިނާ ކުރުމުގެ މަޝްރުއޫތައް ހިންގަވަައިފަ އެވެ. އެގޮތުން އެމްޓީސީސީގައި އޭނާ ވަނީ ދިވެހި ޕޮލިޓެކްނިކް އަށް އިންޖީނުތަކެއް ފޯރުކޮށްދެއްވައިފަ އެވެ. އަދި ހަމަ އެހެންމެ ކ. ގުރައިދޫ ކުޑަކުދިންގެ ހިޔާ އަށް ފުރޮޅުލީ ގޮނޑިތަކެއް ވަނީ ހަދިޔާކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ހިޔާލާއި ވިސްނުން ޖެހޭހާ ވަޔަކަށް ބަދަލެއް ނުވާނެ އެވެ. އަދި ހުންނަވާނީ ސާބިތުކަމާ އެކު ރައްޔިތުންގެ ހިދުމަތުގަ އެވެ.

"ރައްޔިތުންގެ ހައްގުގައި މަޖިލިސް ތެރޭގައި ވަކާލާތު ކޮށްދޭނަން، ގޮނޑި ހޫނުކުރަން އިންނަ މީހަކާށް ނުވާނަން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ހޮވައިދީފި ނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރިހަމަޔަށް އެއްބާރުލުން ދޭނަން. އަދި ޖަވާބުދާރި ކުރުވަން ޖެހިއްޖެ ނަމަ ޖަވާބު ދާރީ ވެސް ކުރުވާނަން. އަޅުގަނޑު ރައްޔިތުންގެ މަޖިލިސްގެ ގަދަރާއި ކަރާމާތް ހިފަހައްޓާ އިސްލާމްދީނުގެ ހައްގު ތަކާއި އުސޫލްތައް ދަމަހައްޓާނަން."

Featured Candidates