ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ahmed Easa

ޕްރޮފައިލް

އަހުމަދު އީސާ (އީސަ) ގިނަ ބަޔަކަށް ފާހަގަވެގެން ދިޔައީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުގައި، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުއްލެވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ މަސައްކަތައިގެން ތެދުވެވަޑައިގެންނެވީ ޓޫރިޒަމް އިންޑަސްޓްރީގައި އޭނާގެ ތަޖުރިބާ އާއި ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ. އީސަ ވަނީ 15 އަހަރު ޓޫރިޒަމް އިންޑަސްޓްރީގައި ދުނިޔޭގެ ތަފާތު ހަތަރު ގައުމެއްގައި ވަޒީފާ އަދާކުރައްވައިފަ އެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ވެސް ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވެ އެވެ.

އީސަ ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތީ އާ ގާނޫނު އަސާސީ ލިޔުނު ދުވަސްވަރު އޭގައި ހިމެނޭ ކަންކަމާ ބަހުސްކުރުމުގެ ތެރެއިންނެވެ. އަދި ވެރިކަމުގެ ނިޒާމު ކަނޑައަޅަން ހިންގި ހަރަކާތުގެ ތެރޭގައި އޭނާ ވަނީ އިސްކޮށް އުޅުއްވައިފަ އެވެ. އަދި 2009 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި އެވެ. އެ ދައުރުގައި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައި ފާސްކޮށްފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލަފާ އަރުވާ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ.

އީސަގެ އެންމެ ބޮޑު ޚިދުމަތެއް ލިބިފައި ވަނީ ސިވިލް ސޮސައިޓީގެ ތެރެއިންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ މަސައްކަތްތެރިންގެ ޖަމިއްޔާ ކަމަށްވާ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އުފައްދަވައި އެ ޖަމިއްޔާގެ ރައީސްކަން ދެ ދައުރު ކުރެއްވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ގާނޫނު ޑްރާފްޓްކުރުމުގެ މަރުހަލާއިން ފެށިގެން ފާސްކުރުމާ ހަމައަށް އީސަ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އުފެއްދި މިނިމަމް ވޭޖް ބޯޑުގެ ރައީސްގެ މެންބަރަކަށް ހުންނެވި އެވެ.

"ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކަށް ރައްޔިތުން ވޯޓު ދޭންވީ މީހާ އަށް ވުރެ ބޮޑަށް އޭނާގެ މެނިފެސްޓޯ އަށާއި ދައްކާ ވާހަކައަށް،" އީސަ ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތްކުރާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ދިނުމަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް ގާނޫނުތަކެއްގައި ލިޔެ، ގާނޫނީ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް. ވެރިންނާއި މަހުޖަނުންގެ ގާތުގައި އާދޭސް ނުދަންނަވައި ކޮންމެ ދިވެހި ރައްޔިތަކަށް އެ މީހެއްގެ އަމިއްލަ މަސައްކަތުން ފަހުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ގާނޫނުން ފަހިކޮށްދޭން."

Featured Candidates