ފެލިދޫ ދާއިރާގައި ހިމެނޭ ތިނަދުއަށް އުފަން މަބްރޫކު މަޝްހޫރުވެފައި ވަނީ ކޮފީގެ ރަހަތަކަށް ބޮޑު ބަދަލެއް ގެންނެވި، ކޮފީގެ ވިިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. އޭނާއަކީ "މެރާކީ" ކޮފީ ޝޮޕްގެ ވެރިޔާ އެވެ. މަޖީދިއްޔާއިން ކިޔެވުމަށް ފަހު ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން އޭނާ ވަނީ މަތީ ތައުލީމް ހާސިލްކުރައްވައިފަ އެވެ.
މަބްރޫކުގެ ސިޔާސީ ހަޔާތް 2008 ގައި ފެށުނީ އެމްޑީޕީންނެވެ. އެއަށް ފަހު 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވި އިރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އޭގެ ފަހުން ރާއްޖެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި ޒުވާނުންގެ ހިތްވަރާއި ގުޅި، ޑިމޮކްރެޓިކް ވެރިކަމަކަށް ރާއްޖެ އަނބުރާ ގެންދަން މަސައްކަތް ފެއްޓެވި އެވެ. އޭނާ ވަނީ 2013 އިން ފެށިގެން އެމްޑީޕީގެ ހުރިހާ ކެމްޕޭނެއްގައި ހެން ވަރަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
ޔޫރަޕިއަން ޔޫނިއަންނާ ގުޅިގެން ތައިލެންޑުގައި ޒުވާން ލީޑަރުން އުފެއްދުމުގެ ޕްރޮޖެކްޓްތަކެއް މަބްރޫކް ހިންގެވި އެވެ. އަދި 2014 ގައި އެމްޑީޕީގެ ހިންގާ އޮނިގަނޑު ތައާރަފުކޮށް، ކެމްޕެއިންގެ އުކުޅުތަކާއި ހުނަރުތައް ދަސްކޮށްދިނުމަށް ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގެވި އެވެ. ރާއްޖޭގެ ޑިމޮކްރަސީ ޕްރޮމޯޓްކޮށް ކުރިއެރުވުމުގެ ގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ޕްރޮގްރާމް، ޓެޑް ޓޯކްގައި އޭނާ ވާހަކަދެއްކެވި އެވެ.
މަބްރޫކު ވިދާޅުވަނީ "ވާވު އަޑުން ވާނެ" ކަމަށެވެ.
"ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ވ. އަތޮޅަށް ވަނީ އިހުމާލުވެފައި،" އޭނާ ވިދާޅުވި އެވެ. އެންމެ އާބާދީ ކުޑަ އަތޮޅަށް ވ. އަތޮޅު ވީ، މަބްރޫކު ގަބޫލުކުރައްވާ ގޮތުގައި، ސަރުކާރުތަކުގެ ސިޔާސަތު އޮތް ގޮތުންނެވެ.
"އަތޮޅު ތަރައްގީކުރާނެ ގޮތް ވ. އަތޮޅުގެ ރައްޔިތުންނަށް އެނގޭ،" އޭނާ ވިދާޅުވި އެވެ. އެކަމަށް ބޭނުންވަނީ، އޭނާ ވިދާޅުވާ ގޮތުގައި، "ރައްޔިތުންގެ ވިންދާއި އުންމީދުތަކާ އެއްގޮތަށް މަޖިލީހުގައި ވަކާލާތު ކުރާނެ މެމްބަރެކެ"ވެ.