އަބްދުﷲ ނަވާޒަކީ ފުލުހުންގެ ވަޒީގައި ދިގު މުއްދަތެއް ހޭދަކުރެއްވީ އިސް އޮފިސަރެކެވެ. ކްރިމިނަލް އިންވެސްޓިގޭޝަނުން މާސްޓާސް ފާހެއް މިހާތަނަށް ނެންގެވި ހަމައެކަނި ދިވެހި ފުލުހެވެ. މަޖީދިއްޔާ ސްކޫލުން ކިޔެވުމަށް ފަހު 1991 ގައި ހިދުމަތް ފެއްޓެވީ ސިފައިންގެ މީހެއްގެ ގޮތުގަ އެވެ. މަދަނީ ބައެއްގެ ގޮތުގައި 2004 ގައި ފުލުހުން ހަމަޖެއްސުމާ އެކު ސީދާ ފުލުސް އޮފީހާ ގުޅިވަޑައިގެންނެވި ނަވާޒް މިދިޔަ އޮކްޓޯބަރު މަހު ވަކިކުރި އިރު ހުންނެވީ އެކްޓިން ކޮމިޝަނަރުގެ މަގާމުގަ އެވެ.
ނަވާޒް ނިންމަވައިގެން ހުންނެވީ ފުލުހުންގެ ތެރޭގައި އަދި 12 ވަރަކަށް އަހަރު މަސައްކަތްކުރެއްވުމަށެވެ. އެކަމަކު މަގާމުން ވަކިކުރުމުން ގޭގައި ހުންނަވަން ބޭނުމެއް ނުވި އެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުންނެވީ އެވެ. ގަލޮޅު ދެކުނު ދާއިރާ އަކީ އޭނާގެ އުފަން ހިސާބުގަނޑެވެ. ނަވާޒުގެ ކާފައަކީ އޭރު ގަލޮޅުގެ ބޮޑެއް ކަމަށްވާ ރަން ވިއްކާ އަބްދުﷲ އެވެ.
ފުލުހުންގެ ތެރެއިން ޒުވާނުންނަށް އަމާޒުކޮށްގެން "ބްލޫޒް ފޯ ޔޫތު" އާއި "ރެޑީ ކޭމްޕް" ފަދަ ވަރަށް ގިނަ މަސައްކަތްތައް، ނަވާޒު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތަކާއި ބެލެނިވެރިންގެ ހަރަކާތްތަކާއި ރަށްރަށުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމްތައް ހިމެނެ އެވެ. މީގެ އިތުރުން އަހުލާގީ މައްސަލަތައް ހުންނަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް ހިންގި ކާމިޔާބު ޕްރޮގްރާމް ވެސް ފާހަގަކުރެވެ އެވެ.
"ބަވަނަވަމުން އަންނަ މި ދުނިޔެ އަށް ޒަމާނީ ބަދަލުތައް އައިސް ދުނިޔެ ކުޑަތަނަކަށް ބަދަލުވަމުން އަންނައިރު މި ކުޑަކުޑަ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ފެންނަނީ ވަރަށް ނާޒުކުކޮށް" ކަމަށް ނަވާޒު ވިދާޅުވި އެވެ. އެ ހާލަތު ބަދަލުކުރަން މަސައްކަތްކުރަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ގަލޮޅު ދެކުނު ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ އެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.