ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Aishath Nazima

ޕްރޮފައިލް

އައިޝަތު ނާޒިމާ އަކީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތް ދުށް އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އަންހެން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވޮލީބޯޅަ، ނެޓްބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ އަދި އެތުލެޓިކްސް ގައުމީ ފެންވަރުގައި ކުޅުއްވައިފަ އެވެ. މީގެ ތެރެއިން ވޮލީބޯޅަ އާއި ނެޓްބޯޅައިގައި އޭނާ ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ގައުމީ ޓީމު ތަމްސީލްކުރައްވައިފަ އެވެ. ނާޒިމާ ވަނީ "ހަވީރު" ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި "އާފަތިސް" ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް އަދި "ސަން އެފްއެމްއެމް" އިން ހޮވި އަހަރުގެ އަންހެން ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ހާސިލްކުރައްވައިފަ އެވެ.

ކުޅިވަރުގެ ދާއިރާ އިން ހިތްވަރުދިނުމުގެ ގައުމީ އިނާމު އަދި ޒުވާނުންގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާ ނާޒިމާ ފަހުން ވެންނެވީ ކުޅިވަރު ހިންގުމުގެ ތެރެއަށެވެ. އެގޮތުން ނިއު ރޭޑިއަންޓުގެ ބޯޑް މެމްބަރުކަން ކުރެއްވުމަށް ފަހު މިހާރު އޭނާ އަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބް ރައީސާ އެވެ.

މި އިންތިހާބުގައި ވާދަކުރެއްވުމާ ހަމަޔަށް ސިޔާސީ މައިދާނުން ނާޒިމާ ފެނިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމެވީ އެ ފުރުސަތު ލިބިވަޑައިގަތުމުން އާއިލާއާ މަޝްވަރާކުރުމަށް ފަހު އާއިލާގެ ނިންމެވުމުގެ މަތިން ކަމަށެވެ. އަދި ހެންވޭރު ހުޅަނގަކީ އޭނާ ނިސްބަތްވާ ސަރަހައްދަށްވެފައި، އޭނާ އަކީ އެ ސަރަހައްދަށް ފަރިތަ އަދި ފެށުނީއްސުރެ އެންމެންނާ ގުޅިގެން މަސައްކަތްކުރަމުން އައި މީހަކަށްވާތީ ދާއިރާ އަށް ހިދުމަތްކުރުމަށް ވެސް ބޭނުންފުޅުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ހިދުމަތުގައި ވެސް ނާޒިމާ ފާހަގަކޮށްލެވެ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނެޓްބޯޅަ ކޯޗިން ކޯސްތައް ހިންގަވާފައިވެ އެވެ. ފިއޮންޓީ އެކަޑަމީގެ ނަމުގައި ރަޖިސްޓްރީކުރައްވާފައިވާ އަމިއްލަ ޖަމިއްޔާ އިން ނެޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގެވި އެވެ. އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ޑައިބެޓިކްސް އެސޯސިއޭޝަނާއި އޯޓިޒަމް އެސޯސިއޭޝަނަށް ވެސް ހިދުމަތްކޮށްދެއްވި އެވެ.

ނާޒިމާ ވިދާޅުވީ އޭނާގެ އެދުމަކީ ކޮންމެ މީހަކު ވެސް ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދިނުމެވެ. އެ ދޭ ވޯޓަކީ ވަގުތީ އުފަލެއް ހޯދުމުގެ ބަދަލުގައި ދާއިމީ އުފާވެރިކަމެއް ހޯދަން ދޭ ވޯޓަކަށް ހަދާށެވެ. އެ މީހަކަށް މަސައްކަތްކޮށްދޭނެ، އެ މީހެއްގެ ހައްގުގައި ވަކާލާތުކޮށްދޭނެ މީހަކު ހޮވާށެވެ. އެ މީހެއްގެ ނަޒަރުގައި ނާޒިމާ އަކީ އެފަދަ ކެންޑިޑޭޓަކަށް ވާ ނަމަ ނާޒިމާ އަށް ވެސް ވޯޓް ދޭންވީ އެވެ.

Featured Candidates