ލ. އަތޮޅު މެމްބަރުކަން 27 އަހަރު ކުރެއްވި ހުސެއިން ފަހުމީގެ ބޭފުޅެއް ކަމަށްވާ އަހުމަދު އަޒްހާން ފަހުމީއަކީ މާވަށު ދާއިރާގެ މިހާރުގެ މެމްބަރެވެ. މެމްބަރަކަށް ވެވަޑައިގަތުމުގެ ކުރިން އަޒްހާން ވަނީ ސުޕްރީމް ކޯޓުގައި މުވައްޒަފުންނާ ގުޅޭ ކަންކަމުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) ގައި ވެސް އުޅުއްވި އަޒްހާންގެ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް އަދި މާކެޓިން ދާއިރާ އިން ޑިގްރީއެއް އޮވެ އެވެ.
މީގެ ފަސް އަހަރު ކުރިން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށްދިނުމަށް ދާއިރާގައި ބުރަ މަސައްކަތްތަކެއް އަޒްހާން ކުރެއްވި އެވެ. ހާއްސަކޮށް، މާވަށު ދާއިރާގައި ހިމެނޭ އަނެއް ދެ ރަށް ކަމަށްވާ ލ. ކުނަހަންދު އާއި ލ. ހިތަދޫގައި ޔާމީނަށް ތާއީދު ހޯއްދަވަން އުޅުއްވި އެވެ. އޭގެ ފަހުގައި، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން އަޒްހާން އިންތިހާބުވެވަޑައިގެންނެވީ މަޖިލިހަށެވެ.
ގައުމުގެ މުސްތަގުބަލަކީ ޒުވާނުން ކަމަށް ގަބޫލުކުރައްވައިގެން ހުންނެވި އަޒުހާން ވިދާޅުވަނީ ޒުވާން ރަނގަޅު ޖީލެއް ބިނާ ކުރުމަށް ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން ޖެހޭ ކަމަށެވެ. އެހެންކަމުން މާވަށުގައި ކުޅިވަރާއި ވަޒީފާއާ ބެހޭ ކަންކަމުގައި އެހީތެރިވެދެއްވި އެވެ.
އޭނާގެ ކަންބޮޑުވުމަކީ މާވަށު ދާއިރާގައި އަސާސީ ހިދުމަތްތައް ވެސް ގާއިމްވެފައި ނެތުމެވެ. ތަރައްގީގެ ގޮތުން މާވަށު ދާއިރާ އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. އެހެންކަމުން ދެން ވެސް އެންމެ ބޮޑު މަގުސަދަކީ ސަރުކާރާ ގުޅިގެން އަސާސީ ހިދުމަތްތައް ރަނގަޅުކުރަން މަސައްކަތްކުރެއްވުމެވެ.