ޔައުގޫބު އަބްދުﷲ ގެ އެންމެ ކުޑައިރުގެ ވެސް އުއްމީދަކީ ތައުލީމު ހޯއްދެވުމެވެ. އެ އަޒުމުގައި ރަށު ސްކޫލުން ކިޔަވައި ވިދާޅުވުމަށް ފަހު މާލޭގެ އެމްއީއެސް އާއި ސީއެޗްއެސްއީ އިން ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހޯއްދެވި އެވެ. އެކައުންޓިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ މެލޭޝިއާގަ އެވެ. މިހާރު އޭނާއަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާގެ އަމިއްލަ އޮޑިޓް ފާމެއް ވެސް ހިންގަވަ އެވެ. އަމިއްލަ ވިޔަފާރި ކުރައްވަ އެވެ.
ސިޔާސީ ކަންކަމުގެ ތެރެއަށް ޔައުގޫބު ވެންނެވީ 2003 ވަނަ އަހަރު އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އޭރު ހިންގި ގިނަ ހަރަކާތްތަކުގައި، ޒުވާނެއްގެ ގޮތުން ޔައުގޫބު ބައިވެރިވެވަޑައިގެންނެވި އެވެ. އެއަށް ފަހު 2008 ގައި އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ފަހުން އެމްޑީޕީން ވާދަކުރި ކޮންމެ އިންތިޚާބެއްގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ހޯދައިދޭން ޔައުގޫބު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައި އޭނާއަކީ ދާންދޫ ދާއިރާގެ އެމްޑީޕީގެ ކެމްޕެއން މެނޭޖަރެވެ.
ޔައުގޫބް ނިސްބަތްވާ ދާއިރާ އަށް 2003 އިން ފެށިގެން އޭނާ ގެންދެވީ އިގްތިސާދީ އަދި ތައުލީމީ ގޮތުން އެހީތެރިވެދެއްވަމުންނެވެ. އެގޮތުން ދާންދޫ ދާއިރާގެ ސްކޫލްތަކުގެ ދަރިވަރުން ކޮންމެ އަހަރަކު ވެސް އޯލެވެލް އިމްތިހާނަށް ތައްޔާރުކުރަން އޭނާ އެހީތެރިކަން ފޯރުކޮށްދެއްވާތާ 15 އަހަރު ވެއްޖެ އެވެ. އަމިއްލައަށް ރަށަށް ވަޑައިގެން އެކައުންޓިން ކިޔަވައިދެއްވަ އެވެ. އަނެއް ބައި ފަހަރު އަމިއްލަ ޚަރަދުގައި ޓީޗަރުން ފޮނުއްވަ އެވެ. ދާންދޫގައި ޕްރީ ސްކޫލް ހިންގަމުން ދަނީ ވެސް ޔައުގޫބް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އޯޑީއީއެސް ޖަމިއްޔާ އިންނެވެ.
ދާއިރާގައި ކުޅިވަރު ހަރަކާތްތައް ބޭއްވުމުގައި ވެސް ޔައުގޫބުގެ އެހީތެރިކަން ކޮންމެ އަހަރަކު ވެސް ލިބެ އެވެ. އޭނާއަކީ ވެސް ފުޓްސެލްގައި މޮޅު ކީޕަރެކެވެ.
ރައްޔިތުން މަޖިލީހަށް ވަޑައިގަންނަވަން އޭނާ ބޭނުންވަނީ މައިގަނޑު ދެ ކަމެއް ހާސިލްކުރައްވާށެވެ؛ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި ތައުލީމީ ރަނގަޅު ޖީލެއް ބިނާ ކުރުމުގައި އެހީތެރިކަން ދެއްވުމެވެ.
"ރެއަކާއި ދުވާލުން މުއްސަނދިވުން ހުއްޓުވަން ޖެހޭ،" ޔައުގޫބު ވިދާޅުވި އެވެ.