ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ali Adil

Gemanafushi Dhaairaa Gaafu Alif Atoll

ޕްރޮފައިލް

އަލީ އާދިލް އަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެވެ. ގިނަ މީހުން އާދިލް ދަންނާނީ މޮޅު ރެފްރީއެއްގެ ގޮތުގަ އެވެ. ފީފާ ރެފްރީއެއްގެ ގޮތުން ސާފް ޗެމްޕިއަންޝިޕާއި އިންޑިއާގައި އޮންނަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ކަމަށް ވާ ނެހްރޫ ކަޕްގައި ރެފްރީކަން ކުރެއްވި އެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގެ ފައިނަލް މެޗުގައި ވެސް ރެފްރީކަން ކުރައްވައިފަ އެވެ. ގާތްގަނޑަކަށް 15 ވަރަކަށް އަހަރު އެކަމުގައި އުޅުއްވި އިރު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ވެސް އެ މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. އޭނާ ވަނީ ދެ އަހަރެއްހާ ދުވަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

އާދިލް ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ގއ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރާމިޒުގެ ކެމްޕެއިން މެނޭޖަރަކަށް ވެވަޑައިގެންނެވި ހިސާބުން އޭނާގެ ސިޔާސީ ހަޔާތް އޮތީ ފެށިފަ އެވެ. އޭގެ ފަހުން، ބޭބެ އިލްހާމްގެ ކެމްޕެއިން މެނޭޖެރަކަށް ވެސް އުޅުއްވި އެވެ. އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ގެންދިއުމާ ގުޅިގެން އޭނާގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އާދިލެވެ.

ގައިޑްސް ޖަމިއްޔާގެ ފައުންޑަ މެމްބަރު އާދިލަކީ ގެމަނަފުށީގެ ތަރައްގީއަށާއި ކުޅިވަރުގެ އެކި ކަންކަން އިންތިޒާމުކޮށް ހިންގުމުގައި ދާއިރާގެ ރައްޔިތުން ދަންނަ އާންމު މޫނެކެވެ. އަދި ރަށުގައި ދިރިއުޅޭ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އަދި އޭނާ އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް ރައްޔިތުން އެކަން ގަބޫލުކުރުމެވެ.

ގެމަނަފުށީގެ އިތުރުން އެ ދާއިރާގައި ހިމެނެނީ ދެއްވަދު އާއި ކަނޑުހުޅުދު އާއި ގއ. ކޮނޑޭ އެވެ. މުޅި ދާއިރާގެ ރައްޔިތުން އޭނާ ވަނީ މާ ކުރިން ވެސް ޓެސްޓްކޮށްފަ އެވެ. އެހެންކަމުން މަޖިލިހުގެ ގޮނޑި އަށް އިންތިހާބުކޮށްފި ނަމަ، ދާއިރާގެ ތަރައްގީއަށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަ އެވެ.

Featured Candidates