އަހުމަދު ޝަރީފް ނުވަތަ ހިރިލަންދޫ ޝަރީފަކީ 90 ގެ އަހަރުތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވުނު ނޫސްވެރިއެކެވެ. ސްކޫލް ނިންމާލުމަށް ފަހު އޭނާގެ ނޫސްވެރިކަމުގެ ހަޔާތް 1988 ގައި ޓީވީ މޯލްޑިވްސްގެ އެސިސްޓެންޓް އެޑިޓަރެއްގެ މަގާމުން ފަށައި 1993 ގައި އާފަތިސް ނޫހަށް ބަދަލުވި އެވެ. އެ ނޫހުގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހު 2001 ގައި އުފަން ރަށް ހިރިލަންދުއަށް ބަދަލުވެވަޑައިގަތީ ކަތީބު ކަމުގެ މަގާމަށެވެ.
ކައުންސިލްތަކާ އެކު ކަތީބުގެ މަގާމު އުވުމުން 2011 ގައި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް ބަދަލުވެވަޑައިގެންނެވި އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި އެވެ. މިއީ އަތޮޅު ކައުންސިލެއްގައި މިފަދަ މަގާމަކަށް ފުރަތަމަ ވަޑައިގެންނެވި ބޭފުޅާ އެވެ.
ސިޔާސީ މަސައްކަތަށް ޝަރީފު މީގެ ދެ އަހަރު ކުރިން ނުކުމެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ސަރުކާރު ގެންނަން އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. ރަށުގެ ކަތީބުގެ ކަމުގައި ހުންނެވި އިރު، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި، ރަށްރަށުގައި ސިޔާސީ ހަލަބޮލިކަން ފެތުރުނު ނަމަވެސް ޝަރީފް ބެއްލެވީ ހިޔާލު ތަފާތުވުން ބޮޑުވެ ރަށުގެ އަމާންކަމަށް އުނިކަމެއް ނާންނާނެ ގޮތަކަށް އުޅެން ރައްޔިތުންނަށް ވިސްނައިދެއްވާށެވެ.
ކަތީބުކަމުގައި ހުންނެވި ދުވަސްވަރު ޖެހުނު ކޮންމެ ކަމެއް ކުރެއްވި އެވެ. ސިއްހީ މަރުކަޒާއި ސްކޫލް އަދި އިންޖީނުގެ ހިންގެވި އެވެ. އިގްތިސާދީ މަސައްކަތްތަކަށް ރަށުން ބިން ދޫކުރެއްވި އެވެ. ތ. އަތޮޅު ކައުންސިލަށް މުޅި ރާއްޖެ އިން އެއް ވަނަ ހޯދައިދިނުމަކީ ވެސް ޝަރީފުގެ މަސައްކަތުގެ މުހިންމު ބައެކެވެ.
ޝަރީފް ދެއްވަން ބޭނުންވަނީ ދެ މެސެޖެކެވެ. "ދާއިރާގެ ސިޔާސީ ކޮންޓްރޯލް ދާއިރާގެ ރައްޔިތަކަށް ދިނުމާ"އި "ދާއިރާގައި އިގްތިސާދީ އާ ސަފުހާއެއް ހުޅުވާލުމެ"ވެ. އެގޮތުން އެއްވެސް ރިސޯޓެއް މި ވަގުތު ނެތް ދާއިރާގައި ރިސޯޓެއް ތަރައްގީކުރުވުމަކީ އޭނާގެ އަމާޒެކެވެ.