އީވާ އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް މެމްބަރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިމާގެފުޅު ބޭފުޅެއް ކަމަށްވާ އީވާ އަކީ ފެށުނީއްސުރެ އެއްގޮތެއްގައި ދެމިހުންނެވި، އާއްމުންނާ ގުޅޭ މެމްބަރެކެވެ. މަޖިލީހަށް 2009 ގައި ފުރަތަމަ އިންތިހާބުވުމުގެ ކުރިން ޑަބްލިއުއެޗްއޯ، މިނިސްޓްރީ އޮފް ހެލްތު، ޔޫއެންއެފްޕީއޭ އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި މަސައްކަތްކުރެއްވި އެވެ. އަދި މިނިވަން ނޫހުގެ އެޑިޓަރެއްގެ ޒިންމާ ވެސް އަދާކުރެއްވި އެވެ.
އުމުރުން 18 އަހަރުން ފެށިގެން، އޭނާ އައީ އެކި ސިފަސިފައިގައި ސިޔާސީ މަސައްކަތުގައި އުޅުއްވަމުންނެވެ. އެންމެ ފުރަތަމަ އާއްމު އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. ޖަލުގައި ބަންދުކުރާ މީހުންގެ ހައްގުގައި، އޭނާ ވަނީ ރާއްޖޭގައި ސިޔާސީ މިނިވަންކަން ނެތް ދުވަސްވަރު ވެސް މަސައްކަތްކުރައްވައިފަ އެވެ. ރިޔާސީ އިންތިހާބުތަކުގައި، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕެއިން ހިންގެވި އެވެ. އެމްޑީޕީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އާއި ގައުމީ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވެސް އޭނާ ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ރާއްޖޭގައި އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ކުރި ވަރަށް ގިނަ މަސައްކަތްތަކުގައި އީވާ ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ޑިމޮކްރަސީ އާލާކުރުމަށް އިޖްތިމާއީ ރޮނގުގައި ވެސް ހަރަކާތްތެރިވި އެވެ. ކުޅިވަރުގެ ހަރަކާތްތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާޕަސަންގެ މަގާމް ފުރުއްވި ހަމައެކަނި އަންހެން ބޭފުޅަކީ އީވާ އެވެ.
އީވާ ވިދާޅުވާ ގޮތުގައި މަޖިލިސް 19 އަކީ، އިރާދަކުރެއްވިއްޔާ، ދިވެހި ގައުމަށް އަމާންކަން ގެނެސްދީ އަދުގެ ސަރުކާރު ދަމަހައްޓާ، ރައްޔިތުން އެދޭ އިންސާފްވެރި ތަރައްގީ ގެނަސްދޭނޭ ވަސީލަތެކެވެ. ސަރުކާރުގެ ވައުދުތައް ފުރިހަމަކުރަން ބޭނުންވާ ގާނޫނީ އޮނިގަނޑު މި ހުށަހެޅީ އެމްޑީޕީންނެވެ. މި ވައުދުތަކަށް ގާނޫނީ ބާރު ލިބިދިނުމަށް، އެންމެންގެ ވޯޓު އެމްޑީޕީއަށް ދޭން އޭނާ ގޮވާލެއްވި އެވެ. އަދި ގަލޮޅު އުތުރުން "އަޅުގަނޑަށް ވޯޓު ދެއްވުމަށް އިހްތިރާމާ އެކު އެދެން،" ކަމަށް އޭނާ ވިދާޅުވި އެވެ.