އީޕީއެސްގައި އުޅުއްވި އިރު އަދި އޭގެ ފަހުން އެންމެ ޒުވާން ދުވަސްވަރު އަލީ އާޒިމް މަޝްހޫރުވީ ހިތްވަރުދަ ފުޓްބޯޅަ ކުންތެރިއެއްގެ ގޮތުގަ އެވެ. ނިއު ރޭޑިއަންޓަކީ އޭނާގެ ބައްޕަ އަދި މަޝްހޫރު ކްއީން އަހުމަދު ވަހީދުގެ އަމިއްލަ ޖީބުން އެތައް އަހަރެއް ވަންދެން ހިންގެވި ކްލަބެކެވެ. ނިއުއަށް ކުޅުއްވުމުގެ އިތުރުން އާޒިމް ވަނީ ބައްޕަގެ ޝަރަފާއި ޚިދުމަތް ދެމެހެއްޓެވުމުގެ ގޮތުން ނިއުގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން އާޒިމް ގެންދެވީ ފުޓްބޯޅައަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން މަތީ މަގާމުތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ފުރަތަމަ ބާއްވަން ފެށި އަހަރު، އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރައްވައި، އެ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި އެވެ. އަދި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް ވެސް ހުންނެވި އެވެ.
ސިޔާސީ ދާއިރާއަށް އާޒިމް ވެންނެވީ 2009 އަހަރުގެ އާންމު އިންތިހާބުން، ޑީއާރުޕީގެ ޓިކެޓްގަ އެވެ. އޭރު ވެރިކަން ކުރި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް މާލެއިން ޑީއާރުޕީއަށް މެދު ހެންވޭރުގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަކީ އާޒިމަށް ވެސް ލިބިވަޑައިގެންނެވި ޝަރަފެކެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ޑީއާރުޕީ ދެ ބައިވެ، ޕާޓީ އަޑިއަށް ދިޔަ ހިސާބުންނެވެ. އޭނާ ވަނީ 2014 ގެ އިންތިހާބު ކާމިޔާބުކުރައްވައި، އެމްޑީޕީއަށް ހަމަ އެ ގޮނޑި ހޯއްދަވައިދެއްވައިފަ އެވެ.
ސިިޔާސީ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެން އޭނާ އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ސިޔާސީ ގޮތުން އާޒިމްގެ އަޑު ކަނޑުވާލެވޭ ވަރެއް ނުވެ އެވެ. އެއަށް ވުރެ އޭނާގެ ހިތްވަރު ގަދަ އެވެ.
"އަޅުގަނޑު މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލީ އެ ދާއިރާގެ ރައްޔިތުންނަށް މިހާރަށް ވުރެ އަރާމު، ހިތް ފަސޭހަ ބޯހިޔާވަހިކަމެއް ހޯދައިދީ، އިޖުތިމާއީ ރައްކާތެރިކަން ގާއިމްކޮށްދޭން،" އާޒިމް ވިދާޅުވި އެވެ.
"ކަރަންޓް ބިލް، ފެންބިލް، ފޯން ބިލް އަދި ބޭސް ސިޓީ ފަދަ ކަންކަމުގައި ސަލާން ޖަހަން ޖެހުން ނައްތައިލުމަކީ އަޅުގަނޑާއި އެމްޑީޕީގެ ވައުދެއް."