ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ނަސީރު ނުވަތަ އޭނާގެ އާއްމު ނަމުން ނަމަ އިއްސޭ އަކީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންނަށް އާ ބޭފުޅެއް ނޫނެވެ. ދާއިރާގައި ހިންގާ ކޮންމެ ސިޔާސީ ހަރަކާތެއްގައި އޭނާގެ ދައުރު ބޮޑެވެ. ހދ. ކުނބުރުދުއަށް އުފަންވެވަޑައިގެންނެވި ނަމަވެސް ކުނބުރުދޫ މީހުން ނޮޅިވަރަމްފަރަށް ބަދަލުކުރުމުން އޭނާއަކީ މިހާރު ނޮޅިވަރަމްފަރު ރައްޔިތެވެ.
ފަން އައިލެންޑް ރިސޯޓުގެ ސްޓޯކީޕަރެއްގެ ވަޒީފާ އިން ޓޫރިޒަމް ދާއިރާ އަށް ވެންނެވި އިސްމާއިލް ނަސީރަކީ މިއަދު އެ ރިސޯޓުގެ މެނޭޖަރެވެ. އެ ހިސާބަށް ވާސިލްވުމުގައި އޭނާ ވަނީ އެ ރިސޯޓުގެ އެތައް މަގާމުތަކެއް ފުރުއްވައިފަ އެވެ.
ރިސޯޓުގެ ވަޒީފާގައި އުޅުއްވި ނަމަވެސް ކޮންމެ އިންތިޚާބެއްގައި އިސްމާއިލް ނަސީރު ދާއިރާ އަށް ވަޑައިގެން ކެމްޕޭނުގައި އިސް ދައުރެއް އަދާކުރައްވަ އެވެ. އެގޮތުން 2008 ގެ ރިޔާސީ އިންތިޚާބުން ފެށިގެން އޭނާ ފެންނަނީ ދާއިރާގައި ސިޔާސީ ހަރަކާތްތެރިއެއްގެ ގޮތުގަ އެވެ. އެންމެ ފަހުން 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދޭން އިއްސެގެ ދައުރު ބޮޑެވެ. އަދި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދޭން ވެސް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުމެވަޑައިގަތީ، އެ ތަޖުރިބާތަކުގެ އަލީގަ އެވެ.
ކަނޑުމާވައިދޫ، ފަރިދޫގެ ރައްޔިތުން ވެސް ދިރިއުޅޭ ނޮޅިވަރަމްފަރަށް ކުނބުރުދޫ މީހުން ބަދަލުކުރުމުގައި އެ ރަށުގެ އެކުވެރިންގެ ގުޅުން ޖަމިއްޔާގެ ނައިބް ރައީސެއްގެ ގޮތުގައި އިއްސެ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މީގެ އިތުރުން ނޮޅިވަރަމްފަރުގައި ކުރިއަށް ދިޔަ އިޖްތިމާއީ ކޮންމެ މަސައްކަތެއްގައި ވެސް އޭނާގެ ބައިވެރިވުން ބޮޑެވެ.
ކޯލިޝަން ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރުމުގައި ސަރުކާރަށް އެެއްބާރުން ދިނުމުގައި ދެމިހުންނަވާނެ އެވެ. ކަމެވެ. އަދި ދާއިރާގެ ތައުލީމީ، ސިއްހީ ޚިދުމަތް ރަނގަޅު ކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމެވެ. ޚާއްސަކޮށް ނޮޅިވަރަމްފަރުގައި ޓޫރިޒަމް ފުޅާކޮށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ދާއިރާގެ ފަހިކޮށްދިނުމެވެ.