ހއ. ތަކަންދޫން އުފެދުނު އެންމެ މަޝްހޫރު ސިޔާސީ ބޭފުޅަކީ އަހުމަދު އަބްދުﷲ ކަމާ މެދު ދެބަސްވުމެއް ނޯންނާނެ އެވެ. ކުޑައިރުއްސުރެ އަހުމަދަކީ ހީވާގި، އަދި މަސައްކަތްތެރި ބޭފުޅެކެވެ. އެގޮތުން މިހާރު އޭނާއަކީ ވިޔަފާރިވެރިއެކެވެ. ކޮންސްޓްރަކްޝަންގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޓޫއޭ ކޮމްޕެނީގެ ސީއީއޯ އަކީ އަހުމަދެވެ.
އަހުމަދު އަބްދުﷲ އަކީ އިސްލާހީ ހަރަކާތްތައް ރާއްޖޭގައި ފެށުނު އިރުއްސުރެ އެމްޑީޕީގެ ހީވާގި މެމްބަރެކެވެ. އޭނާގެ އެ މަސައްކަތްތައް އޮތީ ހަމައެކަނި އުފަން ރަށް އިހަވަންދޫ ސަރަހައްދުގައެއް ނޫނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް، އެމްޑީޕީގެ ޓީމުތަކާ އެކު ވަޑައިގެން އެ މަސައްކަތުގައި އުޅުއްވި އެވެ. އެހެންކަމުން 2009 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ގޮނޑި ކާމިޔާބުކުރެއްވި އެވެ. މިވަގުތު އަހުމަދު ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމުގަ އެވެ.
އަހުމަދު އަބްދުﷲ އަކީ އިޖުތިމާއީ ޚިދުމަތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން ތަކަންދޫގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ، އެކުވެރިންގެ ރޫހުގެ ރައީސްކަން 10 އަހަރު ކުރެއްވި އެވެ.
އަހުމަދުގެ މެސެޖް ވެސް ވަރަށް ކުރެވެ. އޭނާއަށް ވޯޓު ދޭން ޖެހޭ ސަބަބަކީ "މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި ކުރާ މަސައްކަތުގެ ބައިވެރިއަކަށް ވާތީ" ކަމަށެވެ.