ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Nasheed

ޕްރޮފައިލް

މާލޭގެ އިސް އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ނަޝީދު، މަޝްހޫރު ނަމުން ނަމަ އަންނި، އަދި މިހާރު ކުރީގެ ރައީސް ނަޝީދު، މަޖީދިއްޔާ އިން އޯ ލެވެލް ނިންމެވުމަށް ފަހު އޭ ލެވެލް އާއި މެރިޓައިމް ދާއިރާ އިން ފުރަތަމަ ޑިގްރީ ނެންގެވީ އިނގިރޭސި ވިލާތުންނެވެ. ކިޔަވާވިދާޅުވެގެން ރާއްޖެ ވަޑައިގެން ޓްރާންސްޕޯޓް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި އެވެ. އެކަމަކު އެމަނިކުފާނުގެ ވިސްނުންފުޅު އަބަދުވެސް ހުރީ މިނިވަންކަމާއި، ސިޔާސީ ބަދަލުތަކުގެ މައްޗަށެވެ. އެހެންކަމުން 1990 ގައި ނުކުތް "ސަންގު" މަޖައްލާއާ އެކު ނަޝީދުގެ ދިރިއުޅުން މުޅިން ބަދަލުވި އެވެ. ދެން ދިވެހިންނަށް ފެނުނީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސަތުތަކާ ދެކޮޅަށް ފާޑުވިދާޅުވާ "އަންނި" އެވެ.

ނޫސްވެރިކަމަކީ ނަޝީދުގެ އެންމެ ބޮޑު އެއް ލޯތްބެވެ. ސަންގުގައި އޭރު އެންމެ ހީވާގި އެއް ނޫސްވެރިޔަކީ އެމަނިކުފާނެވެ. ސަންގު ހުއްޓުވާލައި، އެއާ ގުޅިފައި ތިބި ބައެއް މީހުން އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް ޖަލަށް ލި އެވެ. އޭގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގަތެވެ. އަދި އޭގެ ފަހުން ވެސް އެއްވެސް ޖެހިލުމެއް ނެތި، އަދި ހިތްވަރު ދޫނުކޮށް އަބަދުވެސް އިސްލާހަށް ގޮވާލެއްވި އެވެ. މިނިވަންކަމަށް ގޮވާލެއްވި އެވެ. އަސާސީ ހައްގުތައް ހޯދައިދޭން ގޮވާލެއްވި އެވެ. ނަތީޖާއަކީ ސިޔާސީ ގޮތުން އަޑު ކަނޑުވާލުމުގެ މަގުސަދުގައި ކުރި ބަންދުތަކާއި ހުކުމްތަކުގެ ތެރޭގައި ހަޔާތްޕުޅުގެ ބޮޑު ބައެއް ޖަލުގައި، ނުވަތަ ބޭރަށް ނުކުމެވަޑައިނުގެން ގޭގައި، ނުވަތަ ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން، ހޭދަކުރެއްވުމެވެ. އެހާ ގިނަ ދުވަހު ބަންދުގައި އުޅުއްވި ސިޔާސީ ލީޑަރެއް ރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެނިފައެއް ނުވެ އެވެ.

ނޫސްވެރިއެއްގެ މިނިވަން ޚިޔާލާ އެކު ނަޝީދު ވެވަޑައިގަތީ ސިޔާސީ ބޭފުޅަކަށެވެ. އެކަމަކު ސިޔާސީ މަގާމެއް ފުރަތަމަ ފުރުއްވީ 1999 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރައްވައި، މާލޭގެ ގޮނޑިއެއް ހޯއްދަވައިގެންނެވެ. އެފަހަރުގެ ކެމްޕޭނަކީ އޭރަށް ބަލާއިރު ޒުވާނުންގެ ހިތް އަތުލި ކެމްޕޭނެކެވެ. ޒުވާނުންގެ ވިސްނުމާ އެކު، ޒުވާނުންގެ މަސައްކަތުން ހިންގި ކެމްޕޭނެކެވެ.

ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ މަޖިލިހުގައި މަސައްކަތްކުރައްވަން ލޯބިކުރައްވާ ސިޔާސީ ލީޑަރެކެވެ. އެހެންކަމުން އެމަނިކުފާނު އޭރު ވެސް ފެނުނީ މެމްބަރެއްގެ ފުރިހަމަ ޒިންމާ އަދާކުރެއްވި، ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ފުރަތަމަ ހުށައެޅުއްވީ އެމަނިކުފާނު މާލޭގެ މެމްބަރަކަށް ހުންނަވައި، 2001 ގަ އެވެ. އެކަމަކު 42 މީހުންގެ ސޮޔާ އެކު އެމްޑީޕީ އުފައްދަން ހުށައެޅި ހުށައެޅުން މަޖިލިހުގައި ނެގި ވޯޓުގައި ފާހެއް ނުވި އެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ވެސް ގެއްލުނީ އާދައިގެ ކަމެއް އެކަމަކު އޭރުގެ ސަރުކާރުން ވަރަށް ބޮޑު ކަމަކަށް ހެދުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ތަޅާލައި، ތަން ސާފުކުރި އިރު އެތަނުން ކަރުދާސްކޮޅެއް ގެންދިއުމަކީ ބޮޑު ވައްކަމަކަށް ސަރުކާރުން ހެދީ އެވެ. އެހެންކަމުން ވައްކަމުގެ ކުށް ސާބިތުކޮށް، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލުވާލި އެވެ.

އެކަމަކު ރާއްޖެއަށް ޕާޓީ ނިޒާމް އައިސް، ސިޔާސީ ގޮތުން މިނިވަން އަދި އަސާސީ ހައްގުތަކެއް ކަނޑައެޅި ގާނޫނުއަސާސީއެއް ލިބުނީ ފަހަތުގައި ނަޝީދުގެ ވަރަށް ބޮޑު ހިތްވަރެއް އޮވެގެންނެވެ. އެ ހަގީގަތާ އެކު ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ ލޯބި ހޯއްދެވި އެވެ. އަދި 2005 ގައި އެމްޑީޕީ އުފެއްދީއްސުރެ މިހާތަނަށް އެ ޕާޓީގެ އެންމެ ނުފޫޒު ގަދަ ވެރިއެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނެވެ. ރާއްޖޭގެ ރައީސްކަމުގެ މަގާމަށް 2008 ގައި ހޮވިވަޑައިގަތުމަކީ ވެސް އޭގެ ހެއްކެކެވެ. އަދި މިހާރު ވެސް ސިޔާސީ ގޮތުން ނަޝީދަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ލީޑަރެވެ.

އާމްދަނީއެއް ލިބިވަޑައިނުގެން، ހިލޭސާބަހަށް ކޮށްދެއްވި ކަންކަމުގެ ތެރޭގައި ނޫސްވެރިކަން ހިމެނެ އެވެ. ސިޔާސީ ގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި ގުރުބާނީގައި އިޖުތިމާއީ އެތައް ކަމެއް ރަނގަޅުވެ، އިޖުތިމާއީ ރައްކާތެރިކަން ކުރިއަށް ވުރެ ބޮޑުވި އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ތާރީޚީ ލިއުންތައް ލިއުއްވައި، ބައެއް ފޮތްތައް ވެސް ނެރުއްވައިފަ އެވެ. މިހާރު އެންމެ އިސްކޮށް ހުންނަވައިގެން ކުރައްވަނީ ތިމާވެށީގެ މަސައްކަތްޕުޅެވެ. ނަޝީދަކީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ.

އެންމެ ކުރުކޮށް އެމަނިކުފާނު ދެއްވާ މެސެޖަކީ "އެމްޑީޕީއަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާވެސް ބަގާވާތަކާ ދިމާއަށް ރާއްޖެ ދާނެ" ކަމެވެ. އެހެންކަމުން "އެޖެންޑާ 19"ގެ ނަމުގައި ސިޔާސަތެއް ކަނޑައަޅައި، އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ، ސިޔާސީ ކަންކަމުގައި ވަރުބަލިފުޅުވުމެއް ނެތް، ނަޝީދެވެ.

Featured Candidates