މަޑަވެއްޔަށް އުފަން މުހައްމަދު އަހުމަދު ވަހީދު ތައުލީމް ހާސިލްކުރެއްވީ ވެސް މަޑަވެލި ސްކޫލުންނާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މަތީ ތައުލީމު ހާސިލްކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީންނެވެ. އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އާއި އިކޮނޮމިކްސް އާއި ސޯޝިއޮލޮޖީން އިންޑިޔާގެ މައިސޫރު ޔުނިވާސިޓީން ޑިގްރީ ހާސިލުކުރައްވައިފަ އެވެ. މާސްޓާޒް ނެންގެވީ މެލޭޝިޔާގައި ހުންނަ ޔުނިވާސިޓީ އޮފް ނޮޓިންގަމް އިން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް މެނޭޖްމެންޓްގެ ދާއިރާއިންނެވެ.
ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމާއި ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރުގެ މަގާމު ފުރުއްވި އެވެ.
މުހައްމަދުގެ ސިޔާސީ ހަޔާތް ފެއްޓެވީ ޔާމީން ސަރުކާރުގަ އެވެ. އެކަމަކު އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މިހާރު ހުންނެވީ އެ ޕާޓީގެ ތެރެއިން ސިޔާސީ ހަޔާތް ކުރިއަށް ގެންދެވުމުގެ ނިޔަތުގަ އެވެ. މަޑަވެލި ދާއިރާގެ ޓިކެޓް، ޖުމްހޫރީ ޕާޓީން ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޒުވާނުންގެ ކަންކަމުގައި އުޅުއްވުމަކީ އުފަލެއް ކަމަށް އަބަދުވެސް މުހައްމަދު ދެކެވަޑައިގަނެ އެވެ. އެގޮތުން ރަށުގައި ހިންގި ތަފާތު ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުއްވި އެވެ. އޭގެ ތެރޭގައި ޒުވާނުންނާ ގުޅޭ ކަންކަމާއި ރައްޔިތުންނާ ގުޅޭ ހަރަކާތްތައް ހިމެނެ އެވެ.
ރަށްރަށުގެ ކައުންސިލްތަކާއި މައި ސަރުކާރާ އޮންނަ ގުޅުން ވަރުގަދަ ކުރުމަކީ، ދާއިރާގެ ތަރައްގީއަށް މުހިންމު ކަމެއް ކަމުގެ މެސެޖް އޭނާ ދެއްވަ އެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ވަކާލާތުކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަ އެވެ.