ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Saeed

Maavashu Dhaairaa Laamu Atoll

ޕްރޮފައިލް

މުހަންމަދު ސައީދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ވަރުގަދަ އެއް ވަޒީރެވެ. އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވައި، ރައީސް ޔާމީނާ އެކު، ގައުމު ތަރައްގީ ކުރުމުގެ އެންމެ އިސް ސަފުގައި ހުންނެވި އެއް ވަޒީރަކީ ސައީދެވެ. އެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އޭނާ ފާހަގަ ކުރެވުނީ ނަތީޖާ ނެރެދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ގައުމުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ ފަހަތުގައި ހުންނަވައި އެ މަޝްރޫއުތައް ކާމިޔާބު ކުރެއްވި ވަޒީރެއްގެ ގޮތުގަ އެވެ.

ހއ. ތުރާކުނަށް އުފަންވެ ވަޑައިގެންނެވި ސައީދަކީ އިލްމީ ގާބިލްކަން ހުރި، އަދި ހިންގުންތެރިކަމުގައި ނަމޫނާ ބޭފުޅެކެވެ. ކުރިން ރައީސް ރައީސް ޔާމީން ވާދަކުރައްވަން ނިންމެވި ލ. މާވަށު ދާއިރާ އަށް ސައީދު ނުކުމެވަޑައިގަންނަވަނީ، ރައީސް ޔާމީންގެ ތާއީދާ އެކު ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް މި ވާދަކުރައްވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށެވެ.

ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން ސައީދަކީ ޓޫރިޒަމްގެ ވަރަށް އިސް މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އޭނާ ވަނީ އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ. މިގޮތުން އިންޓަނޭޝަނަލް ސްކޫލް އޮފް ޓޫރިޒަމް ސައިންސް، ރޯމް، އިޓަލީން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް އިން ސްޕެޝަލައިޒް ވެވަޑައިގަތެވެ. މީގެ އިތުރުން ޔުނިވާސިޓީ އޮފް ބާމިންހަމްއިން ބެޗެލާ އޮފް އާޓްސް (އޮނާސް) ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް އަދި މާސްޓާ އޮފް ސައިންސް އިން ޓުއަރިޒަމް ހެއްދެވި އެވެ. މީގެ އިތުރުން ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ހޮޓެލް މެނޭޖްމަންޓް އެންޑް ޓުއަރިޒަމް ސްޓަޑީސްގެ ޑީންކަން އަދި އެމްޓީޑީސީގެ ބޯޑް މެމްބަރުކަންކުރެއްވި އެވެ.

ސިޔާސީ ދާއިރާ އަށް ސައީދު ނުކުމެވަޑައިގަތީ 2013 ގަ އެވެ. އޭރު އޮތް ސަރުކާރާ ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީން ސަރުކާރާ ވަކިވުމުން، ސައީދަށް ލިބިފައިވަޑައިގެންފައިވާ ތައުލީމާ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް އިގްސާދީ އަދި އިޖްތިމާއީ ތަރައްގީ ހޯއްދަވައިދެއްވުމަށް ޓަކައި ސިޔާސީ މައިދާނުގައި ފިޔަވަޅު އެޅުއްވި އެވެ.

ރައީސް ޔާމީނާ އެކު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރެއްގެ ގޮތުން ސައީދު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. ސައީދުގެ ބެއްލެވުމުގެ ދަށުން ސަރުކާރުގެ ވަރަށް ގިނަ އޮފީސްތައް ރާވައި ހިންގަވައި، ބޮޑެތި ކުރިއެރުންތަކާއި ބަދަލްތައް އެ އޮފީސްތަކަށް ގެންނެވި އެވެ. އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން، ޓްރާސްޕޯޓް އޮތޯރިޓީ އާއި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި މޯލްޑިވް އިމިގްރޭޝަން ވެސް ބަލަހައްޓަވައިފަ އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ ބޯޑު މެންބަރު ކަމާއި ސަރުކާރުގެ މުހިންމު ކޮމެޓީތަކުގެ މެންބަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ މެންބަރު، އެމްއެމްއޭ ބޯޑް އޮފް ޑައިރެކްޓާ، އެމްޓީޑީސީގެ ބޯޑް އޮފް ޑައިރެކްޓާ، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޗެއާމަންކަން، އެއާޕޯޓް އެޑްވައިޒަރީ ބޯޑުގެ ޗެއާމަންކަން، ހައްޖު ކޮމިޓީގެ ޗެއާމަންކަން ހިމެނެ އެވެ. އަދި ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ އަލްޓަނޭޓް ޑައިރެކްޓަރެއް ގޮތުން އެ ބޭންކުގެ ބޯޑުގައި މަސައްކަތްކުރެއްވި އެވެ.

އެމްއޭސީއެލް، އެޗްޑީސީ އަދި އެމްޕީއެލް ފަދަ ބޮޑެތި ކުންފުނިތައް އިގްތިސާދީ ވަޒީރެއްގެ ގޮތުގައި ހުންވައިގެން ބަލަހައްޓަވައި، ކާމިޔާބު ބޮޑެތި މަޝްރޫއުތައް ހިންގެވި އެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ ދެ ވަނަ ރަންވޭ ހެދުމުގެ އިތުރުން އެއާޕޯޓްގެ ތަރައްގީގެ އެކިއެކި މަޝްރޫއު އިސްވެ ހުންނަވައި ހަލުވިކަމާ އެކު ކުރިއަށް ގެންދެވުމާއި ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުވެވަޑައިގެން ހުޅުމާލެ އަށް ތަރައްގީގެ ގިނަ ބަދަލުތައް ގެންނެވުން ހިމެނެ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ އެންމެ އިސް އެއް ވައުދު ކަމުގައިވާ ބްރިޖްގެ ފުރަތަމަ ސްޓޭޖްގެ މަސައްކަތް، ފިސިބިލިޓީ ރިޕޯޓް ނިންމުމާ ހަމައިން ފެށިގެން ޗައިނާއިން ދިން ހިލޭ އެހީގެ ފުރަތަމަ ޕޭމަންޓާ ހަމަޔަށް ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުން ހިމެނެ އެވެ. ހިޔާ މަޝްރޫއާއި، ޗައިނާ އާއި ރާއްޖެ އަދި ހޮންކޮންގް އާއެކު އެފްޓީއޭ މަޝްވަރާތައް ލީޑްކުރެއްވުމާއި، އައިހެވަން މަޝްރޫއުގެ ރިސާޗް އަދި ސްޓަޑީ ރިޕޯޓްގެ މަސައްކަތާއި، އެސްއެމްއީ ލޯނު ފެށުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިޒްނަސް ސެންޓަރުތައް ގާއިމް ކޮށްދިނުމާއި ސަބާގެ ނަމުގައި އޮފީހެއް ހުޅުވައި އަންހެނުނަށް ހާއްސަކޮށް ގޭގަތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދެއްވުން ހިމެނެ އެވެ. އަދި މި ސަރުކާރުން ރައީސް ޔާމީން ނުހައްގުން ހައްޔަރުކުރުމާ ގުޅިގެން އެ މަނިކުފާނަށް އިންސާފު ހޯއްދެވުމަށް ރެއާއި ދުވާލު ކުރެއްވި މަސައްކަތްތައް ވެސް ހިމެނެ އެވެ.

އިޖުތިމާއީ ދާއިރާ އިން ވެސް ސައީދު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މީގެ ތެރޭގައި ސަރުކާރުގެ ތެރެއިން ޒުވާނުން ބާރުވެރިކޮށް، ވަޒީފާތަކަށް ނެރެން ކުރެއްވި މަސައްކަތްތައް ހިމެނެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ޗައިނާއިން ހިލޭ ސާބަހަށް ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. ހުޅުމާލެ ތަރައްގީކޮށް ޒުވާނުންނަށް ހާއްސަ ސިޓީއަކަށް ހެދުމުގައި އަދި ހުޅުމާލެގައި އެކިއެކި ސޯޝަލް އެރީނާތައް ތަރައްގީކުރުމުގައި އޭރުގެ އެޗްޑިސީއާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ހައިސިއްޔަތުން މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އަދި އިސްރަށްވެހިންނަށް ސަރުކާރުގެ ތެރެއިން ރާއްވަވާ ގިނަ ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރެއްވި އެވެ.

"ރައީސް ޔާމީންގެ ތާއީދާ އެކު އަޅުގަނޑު މާވަށު ދާއިރާ އަށް ކުރިމަތިމި ލަނީ، މާވަށު ދާއިރާގެ ގޮނޑިއަކީ އަޑު އުފުލޭ ސަރުކާރު ޖަވާބު ދާރީކުރުވާނެ، އިގުތިސާދީ ގޮތުން އެއްވެސް ދާއިރާއަކަށް ކުރިއެރުމެއް ދާނެ ނަމަ އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ، އެންމެ ބާރުގަދަ ގޮނޑި އަށް ހަދައިދިނުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ވައުދު ފުއްދާނަން. އަޅުގަނޑުމެން ތަރައްގީ އަށް ވަރަށް ފަރިތަވާނެ."

Featured Candidates