ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Fathimath Rishana

ޕްރޮފައިލް

ފާތިމަތު ރިޝާނާ ގިނަ ބަޔަކަށް އެނގެނީ "ނާ" ގެ ނަމުންނެވެ. ސިންގަޕޯ ނެޝަނަލް ޔުނިވާސިޓީން އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޔޫއެންޑީޕީގެ ސުނާމީ ރިކަވަރީ ޕްރޮގްރާމްގަ އެވެ. އެއަށް ފަހު ދިވެހި ރެޑް ކްރެސެންޓުގައި ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާގައި ގިނަ ރަށްރަށެއްގެ ކައުންސިލްތަކާއި ޖަމިއްޔާތަކާއި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އޮސްޓްރޭލިއަން އެއިޑް ސްކޮލާޝިޕެއްގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވުމަށް ފަހު މަޖިލީހަށް ކުރިމަތިލެއްވުމާ ހަމައަށް މަސައްކަތްކުރެއްވީ އަމިއްލަ ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ.

މީގެ ކުރިން ރިޝާނާއަކީ އަމަލީ ގޮތުން ސިޔާސީ ދާއިރާގައި އުޅުއްވި ބޭފުޅެއް ނޫނެވެ. އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ސިޔާސީ ގޮތުން މިނިވަންވެ، ތަފާތުކުރުމެއް ނެތި އެންމެންނަށް ޚިދުމަތްކުރެއްވުމުގެ މަގުސަދުގަ އެވެ. އެއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންސާނިއްޔަތަށް ޚިދުމަތްކުރެއްވުމެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގަމުން ދިޔަ ތަރައްގީގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލަން ބޭއްވި އެއްވުންތަކުގަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ދެކޮޅަށް ބޭއްވި އެއްވުންތަކުގެ ކުރީ ސަފުގައި އުޅުއްވި އެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި މާލޭގެ ގިނަ ރައްޔިތުންތަކެއް އުޅެމުންދާ ދަތި ހާލު ކިޔައިދީ އިޖުތިމާއީ އަދި ސިޔާސީ ގޮތުން ރައްޔިތުން ބާރުވެރިކުރުވަން ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް އަޑުއުފުއްލެވި އެވެ. މިއީ އިންތިހާބެއްގައި ރިޝާނާ ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

އިންތިހާބުގެ ކުރިން އޭނާ ވަނީ މާލީ ބަޔާން ހާމަކުރައްވައިފަ އެވެ. އަދި އެކަން ކުރެއްވީ އޭނާގެ އާއިލާގެ މީހުންގެ މުދަލާއި މާލީ ހާލަތު ވެސް އެނގޭ ގޮތަށެވެ. އެހެންކަމުން އެއީ މާލީ ބަޔާން އާންމުކުރެއްވި އެހެން ބޭފުޅުންހެން "ނަމަކަށް" ކުރެއްވި ކަމެއް ނޫނެވެ.

މަދު ބަޔަކަށް ފައިދާވާ ގޮތަށް ބައްޓަން ކޮށްފައިވާ ރާއްޖޭގެ ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމުންގެ ބައިވެރިވުން އިތުރުކުރަން ގޮވާލާ "ނަވާނަވައި" ގެ ނަމުގައި ހިންގާ ސިޔާސީ ހަރަކާތުން ރިޝާނާގެ ސިޔާސަތުތަކަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފަ އެވެ.

ސުނާމީގައި ގެއްލުން ލިބުނު ރަށްރަށް އާރާސްތުކުރުމަށް ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ހިންގި މަސައްކަތްތަކުގައި އެކި ހައިސިއްޔަތުން ރިޝާނާ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކާރިސާތަކަށް ތައްޔާރުވެ ރައްކާތެރިވެފައިވާ ރަށްތަކެއް ބިނާކުރުމަށް ކުރި މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވި އެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ކާރިސާތަކާ މެދު ރައްޔިތުން ހޭލުންތެރިކޮށް ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި އެ ދާއިރާގެ ޓެކްނިކަލް މީހެއްގެ ހައިސިއްޔަތުން އެކަމާ ގުޅޭ ވަރަށް ގިނަ ކަންކަމުގައި އޭނާގެ ބައިވެރިވުން ބޮޑެވެ. މީގެ ތެރޭގައި ސެޕްޓެމްބަރު 2015 ގައި ގެޒެޓްކުރި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު ހިމެނެ އެވެ. އަދި ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ހިލޭސާބަހަށް ތަފާތު ޖަމިއްޔާތަކުގެ ތަމްރީންތައް ފެސިލިޓޭޓްކޮށްދިނުމުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރެއްވި އެވެ. ރިޝާނާ ޤަބޫލްކުރައްވާ ގޮތުގައި ބާރުވެރި، ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރެވޭނީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކޮށް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްގެންނެވެ. އަދި މިހާރު ރާއްޖޭގައި އަމަލްކުރާ ސިޔާސަތުތަކުން އެ ފަރަގު ބޮޑުވަމުން ދާތީ އަވަސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އަބަދުވެސް އަޑު އުފައްލަވަ އެވެ.

"ވޭތުވެދިޔަ ތަނުގައި މާފަންނު މެދު ދާއިރާ ވަނީ ދެ ޕާޓީއަކުން ތަމްސީލުކޮށްފައި. އެކަމަކު ރައްޔިތުންގެ ހުރީ ހަމަ އެއް ޝަކުވާތަކެއް،" ރިޝާނާ ވިދާޅުވި އެވެ.

"މާލެ ތޮއްޖެހި އުޅެން ޖެހޭ ދަތި ހާލު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން. އާންމުން އިތުރަށް ފަގީރުވިއިރު ޕާޓީތަކަށް މުހިންމު ވެފައި އޮތީ މަދު މުއްސަނދިންކޮޅެއް އިތުރަށް މުއްސަނދިވާނެ ގޮތްތައް ހެދުން."

އެހެންކަމުން ރިޝާނާ ބޭނުންވަނީ މަޖިލިހުގެ މަސައްކަތްތައް މިހާރަށް ވުރެ ރައްޔިތުންނާ ގާތުންކުރައްވާށެވެ. އަދި މަޖިލިހުން ނިންމާ ކަންތައްތަކުން އާއްމު ރަޔިތުންގެ ހާލަތަށް ކުރާ އަސަރު ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ބާރުވެރި މުޖުތަމައުއެއް ބިނާކުރައްވާށެވެ.

"މި ހާލަތު ބަދަލުކުރެވޭނީ ވީހާ ވެސް ގިނަ ރައްޔިތުންތަކެއް ނިކުމެ ހާލަތު ބަދަލުކުރުމަށް ވޯޓުލައިގެން،" ރިޝާނާ ވިދާޅުވި އެވެ.

"މިފަހަރު މި އޮތީ ރައްޔިތުންނަށް އިހުތިޔާރު ލިބިފައި. ވަރަށް ފޯރީގައި ހައެއް އޭޕްރިލްގައި ނުކުމެ ވޯޓްލާން ވާނެ. ވޯޓްލުން ވަރަށް މުހިއްމު. ނޫނީ ހޮވޭނީ މަދު ބަޔަކު ތާއީދުކުރާ މީހެއް. އަޅުގަނޑު މަސައްކަތްކުރާނީ މަދު ބަޔަކަށް ޓަކައެއް ނޫން. އެންމެންގެ ހައްގުގައި!".

Featured Candidates