ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abdulla Riyaz

ޕްރޮފައިލް

އީޕީއެސްއިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު އަބްދުﷲ ރިޔާޒު ވެންނެވީ ސިފައިންގެއަށެވެ. އޭގެ ފަހުން ސިފައިންނާއި ފުލުހުން ވަކިކުރުމުން، އޭނާ ބަދަލުވެވަޑައިގަތީ ފުލުހުންގެ އޮފީހަށެވެ. އެ ޚިދުމަތް ނިންމާލެއްވީ 25 އަހަރު ފަހުން، ޕޮލިސް ކޮމިޝަނަރުގެ މަގާމުންނެވެ. އޭނާއަކީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ނޭޝަނަލް އެކަޑެމީ ޓްރެއިނިން ފުރިހަމަކުރެއްވި ފުރަތަމަ ދިވެއްސެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން ވެސް ތަމްރީނު ފުރިހަމަކުރެއްވި އެވެ.

ރިޔާޒުގެ ސިޔާސީ ހަޔާތް ފެށުނީ 2014 ގެ މަޖިލިސް އިންތިޚާބުގައި ކިނބިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިގެންނެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު މެމްބަރުންގެ ތެރެއިން އިސް ރޯލެއް އަދާކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖަލަށް ވެސް ލި އެވެ. ޖޭޕީގެ ޕާލަމަންޓްރީ ލީޑަރުކަމާއި ޖޮއިންޓް ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވާ ރިޔާޒު ހިމެނިވަޑައިގަންނަވަނީ ސަރުކާރު ކޯލިޝަންގެ އެންމެ ހަރަކާތްތެރި މެމްބަރުންގެ ތެރޭގަ އެވެ. މިފަހަރުގެ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ އުފަން ރަށް ތިމަރަފުށީ ދާއިރާއަށެވެ.

އިޖުތިމާއީ ހިދުމަތްތަކަށް އަމާޒުކޮށް 2014 ގައި ރިޔާޒު ވަނީ ރިޔާޒު ފައުންޑޭޝަން އުފައްދަވައިފަ އެވެ. އެ ފައުންޑޭޝަނުން އަމިއްލަ މީހުންނަށާއި ޖަމިއްޔާ އަދި އެހެނިހެން އިދާރާތަކަށް އެހީތެރިކަން ދެ އެވެ. ހާއްސަ ގޮތެއްގައި ތ. އަތޮޅު ރައްޔިތުންނަށް ރިޔާޒު ފައުންޑޭޝަނުން ތަފާތު ޕްރޮގްރާމްތައް ހިންގަވަ އެވެ. އެގޮތުން ޒުވާން ވިޔަފާރިވެރިން އުފެއްދުމާއި ފުޓްބޯޅަ މުބާރާތްތައް ބޭއްވުމާއި މީހުން ހައްޖަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދެ އެވެ. އަދި ދާއިރާގެ ސްކޫލުތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.

"ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ ގައުމުގެ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވުމަށް" ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުމަކީ އެއް މެސެޖެވެ. މަގުސަދަކީ އަމިއްލަ ރަށް ހިމެނޭ ދާއިރާއަށް "އުއްމީދީ ބަދަލެއް ގެނެސްދިނުން" ކަމަށް ވިދާޅުވި އެވެ.

Featured Candidates