މުހައްމަދު އިބްރާހިމް ނުވަތަ އާއްމު ނަމުން ނަމަ ސަންކޮ އަކީ ދަނގެއްޗަށް އުފަން ބޭފުޅެކެވެ. މާލޭގައި އުޅެ ބޮޑުވި ނަމަވެސް އޭނާ އަބަދުވެސް ދާއިރާގެ ރަައްޔިތުންނާ ގުޅުން ބާއްވަވަ އެވެ. އެމްއީއެސް އާއި ގަލޮޅު މަދަރުސާއިން ތައުލީމް ހާސިލްކުރެއްވުމަށް ފަހު ޓެކްސީ ދުއްވަން ފެއްޓެވި އެވެ. އެއަށް ފަހު ސަފާރީތަކުގައި މަސައްކަތްކުރެއްވި އެވެ. މިހާރު އޭނާއަކީ އަމިއްލަ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އޮއެސިސް ހޮލިޑޭ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރެވެ.
ސަންކޮ ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީންނެވެ. އެ ޕާޓީ އުފެދުނީއްސުރެ އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ އިސްލާހީ މަސައްކަތްތަކުގައި އޭނާއަށް އަބަދުވެސް އުޅުއްވެ އެވެ. ކުރީގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އޭނާ ދެ ފަހަރަށް ހައްޔަރުކުރި އެވެ. މިއީ އޭނާ ކުރިމަތިލައްވާ ފުރަތަމަ އިންތިޚާބެވެ.
ސަންކޮ ވިދާޅުވާ ގޮތުގައި އޭނާ ޓެކްސީ ދުއްވީ އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް އިޖުތިމާއީ ކަމެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރު އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުތައް ކޮށްދެއްވި އެވެ. އޭގެ އިތުރުން ރައްޔިތުންނާ ގުޅުން ހުރި ގިނަ ކަންކަމުގައި އޭނާ އައީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓައިދީ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދެއްވުމަކީ އޭނާގެ އެންމެ ބޮޑު މަގުސަދެވެ. އެގޮތުން އެޖެންޑާ 19 ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެ އެވެ.