އެމްއެންޑީއެފްގައި އަށް އަހަރު ވަންދެން މަސައްކަތް ކުރުމަށްފަހު ދ. މީދޫއަށް އުފަން ނިޒާމް އެތަނުން ވަކިވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ސިފައިން ކަންތައްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ. ރަށުގައި ހުންނަ އަތޮޅު މަދަރުސާއިން ކިޔެވުމަށްފަހު ގްރޭޑު 8 އަށް ބަދަލުވެ އީޕީއެސް އިން ސާނަވީ ތައުލީމް ނިންމުމަށްފަހު އޭނާ ދެން ނިކުތީ މަސައްކަތުގެ މައިދާނަށެވެ. ރިސޯޓެއްގައި މަސައްކަތް ކުރުމަށްފަހު ސިފައިންގެއަށް ގުޅިވަޑައިގެން އެކި ތަމްރީނުތަކާއި ކުރު މުއްދަތުގެ ކޯސްތައް ފުރިހަމަކޮށްފައި ވެ އެވެ. އޭގެ ފަހުން ކަންނެއްޔަށް ދިއުމާއި ރިސޯޓު ކޮންސްޓްރަކްޝަންގެ އަމިއްލަ ވިޔަފާރިއެއް ފެށި އެވެ.
ނިޒާމު ސިޔާސީ ދާއިރާއށް ވަދެފައިވަނީ ވެސް އެމްޑީޕީންނެވެ. ފެބްރުއަރީ 23، 2014 ވަނަ ދުވަހު އެމްޑީޕީއާ ގުޅުނު ގޮތަށް އޭނާ އަދި ވެސް އެހެރީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ. މީގެ ކުރިން ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާތަކާއި އެއްވުންތަކުގައި ބައިވެރިވެފައިވާއިރު މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދިނުމަށް ނިޒާމް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިއީ އޭނާ ކުރިމަތިލައްވާ ފުރަތަމަ އިންތިޚާބެވެ.
އޭނާއަކީ ކުޅިވަރަށް ލޯބިކުރާ މީހެކެވެ. ހާއްސަގޮތެއްގައި ފުޓްބޯޅައަށް ދެވިފައި އޮންނަ ލޯތްބަކުން ނިޒާމް އަންނަނީ އޭނާގެ ރަށުގައި އަމިއްލަ ފުޓްބޯޅަ ޓީމެއް ހިންގަމުންނެވެ. އެ ހިދުމަތުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ކުޅިވަރުގެ ތެރެއަށް ނިކުމެފަ އެވެ.
ދާއިރާގެ ރައްޔިތުންނަށް ނިިޒާމް ދެއްވާ މެސަޖަކީ މިއީ އެވެ. ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް އުފާ ފާގަތި ތަނަވަސް ދިިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކޮށް އިސްލާމީ ޝަރީއަތަށް ފުށުނާރާނެ ފަދަ ގާނޫނުތައް ހެދުމަށް މަސައްކަތް ކުރާނެ ކަމެވެ.