ސިޔާސީ މަސައްކަތުގެ ތެރެއަށް ވެންނެވުމުގެ ކުރިން މުހައްމަދު ސިޔާމް މަސައްކަތް ކުރެއްވީ ރަށުގައި އަމިއްލަ ވިޔަފާރީގަ އެވެ. ދާންދު އަށް އުފަން ސިޔާމް ވިޔަފާރީގެ ދާއިރާގައި އުޅުއްވާތާ 15 އަހަރެއްހާ ދުވަސްވެއްޖެ އެވެ. އޭނާ މިހާރު ކުރައްވާ ވިޔަފާރިއަކީ ރިސޯޓުތަކަށް ސީފުޑް ސަޕްލައި ކުރުމެވެ. ސިޔާމަކީ ރަށުގެ އާންމު ދެކެ ފަރިތަ، ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށަށް އައްޔަންކުރި ކައުންސިލަރުންގެ ތެރޭގައި މުހައްމަދު ސިޔާމް ހިމެނިވަޑައިގަންނަވަ އެވެ. އެ ހިސާބުން ސިޔާމްގެ ސިޔާސީ ހަޔާތް އޮތީ ފެށިފަ އެވެ. ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާ ކާމިޔާބުކުރެއްވި އެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ދާންދޫގައި އެ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން، 2014 ގައި އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ.
ދާންދޫގައި ޕްރީ ސްކޫލެއް ހުޅުވަން ސިޔާމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަަ އެވެ. އޭގެ ތެރޭގައި މާލީ ގޮތުން ވެސް އޭނާ އެހީވި އެވެ. ދާންދޫ ރައްޔިތުންނަށް ދިން އެންމެ ބޮޑު އެއް ހަދިޔާއަކީ އެ ސްކޫލެވެ.
ސިޔާމް ގަބޫލުކުރައްވާ ގޮތުގައި ދާންދޫ ދާއިރާއަށް އެކަށީގެންވާ ތަރައްގީ ނުލިބި އޮތީ ރައްޔިތުންނާއި މެމްބަރާ މެދު އޮތް ގުޅުން ކުޑަވުމެވެ. އެކަމަކު ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް އޭނާ ތައްޔާރެވެ.