ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Areef

Nolhivaram Dhaairaa Haa Dhaalu Atoll

ޕްރޮފައިލް

އޭނާ ވާހަކަ ފެއްޓެވީ ވެސް ބޮޑުތިލަދުންމައްޗާ ހަމައިންނެވެ. ތާރީޚުގެ ސޮފްހާތައް އުއްކަވަމުން ގެންދެވީ، އެއީ ފަޚުރުވެރި ދަރިންތަކެއް އުފެއްދި ސަރަހައްދެއް ކަމަށް ވިދާޅުވަމުންނެވެ.

"އެ ސަރަހައްދުގެ ފަޚުރުވެރި ދަރިން ފަދައިން އަޅުގަނޑު ވާނީ ފަހުގެ ތާރީޚެއްގައި މި ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކަންތައްތަކުން ގައުމު ސަލާމަތް ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްދީފައި. އަޅުގަނޑުގެ މި ހުރީ އެ ލޭ. އެ ޖޯޝް. އެ ހިތްވަރު،" ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން އަރީފު ވިދާޅުވި އެވެ.

"އިސްލާހީ މަސައްކަތްތަކުގައި ދެން ވެސް އުޅޭނީ އަޅުގަނޑު. އަޅުގަނޑު އަބަދުވެސް އިސްކުރާނީ ގައުމު. ގައުމިއްޔަތު."

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ސިޔާސީ ލީޑަރުން ފެއްޓެވި މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅަކީ ވެސް އަރީފެވެ. މިއީ، އޭނާ ވިދާޅުވި ގޮތުން ކުޑަ މަސައްކަތެއް ނޫނެވެ. ރައީސް ޔާމީންގެ ބާރާއި ނުފޫޒާއި ސިޔާސީ ވަކިތަކާއި ބިރުދެއްކުންތަކާއި އަގުބޮޑެތި އޮފާތަކާ އެކު އިސްލާހީ މަސައްކަތްތަކުން އެތައް ބަޔަކު ފަހަތަށް ޖެހެމުން ދިޔައިރު ގުޑައިނުލައި ހުންނެވުނީ ސަބަބުތަކެއް އޮވެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ، "ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތަށް ފުރަގަސް ދޭން ބޭނުން ނުވު"މެވެ.

"އަޅުގަނޑާ ރައްޔިތުން ހަވާލުކޮށްފައި އޮތީ މި މަސައްކަތް. އެކަމަށް ބޭނުން ވަނީ ފައިސާގެ ފުނިވަރެއް ނޫން. ހިތްވަރާއި ނުގުޑާ އަޒުމެއް. އިރާދަކުރެއްވީތީ އަޅުގަނޑު ހިމެނޭނީ އިސްލާހީ ދަތުރުގެ އެންމެ ބޮޑެތި މަސައްކަތްތައް ކުރި އެކަކު ކަމުގައި،" ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ ލީޑަރުން ހިންގެވި ހަރަކާތަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

"އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދެ ބުރަކަށި ޖައްސަވައިގެން ތިއްބެވި ލީޑަރުން ކޮނޑާ ކޮނޑު ޖައްސައި ސަލާމް ކުރައްވައި، އެ ބޭފުޅުން އެކުގައި ދުއްވެވިއްޔާ ދުއްވެވި އޮޑިއެއް، ބޮއްކުރައެއް ވިޔަސް ފަލި ޖަހަން އިން މީހަކީ އަޅުގަނޑު."

ރާއްޖޭގައި އިސްލާހީ މަސައްކަތްތައް ފެށުމާ އެކު، އަރީފް އެ މަސައްކަތާ ގުޅިވަޑައިގަތެވެ. އެމްޑީޕީ 2006 ގައި އުފެއްދިއިރު، އެ ޕާޓީ އުފެއްދުމަށް ބޭނުންވި 3000 މީހުންގެ ސޮއިގެ ތެރޭގައި އަރީފުގެ ސޮއި ވެސް ހިމެނުނެވެ. އޭރު ހިންގަމުން ގެންދިޔަ އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި އަރީފަކީ ވެސް އެކަކެވެ. އެމްޑީޕީ 2008 ގައި ވެރިކަމަށް އައުމާ އެކު، އެކި ރަށްރަށަށް އައްޔަން ކުރި ކައުންސިލަރުންގެ ތެރޭގައި ނޮޅިވަރަމް ކައުންސިލަރެއްގެ ގޮތުގައި އަރީފު ހިމެނިވަޑައިގަތެވެ. މީގެ އިތުރުން، އަރީފް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑުގެ ޑިރެކްޓަރުކަމާއި ހިތަދޫ ޕޯޓުގެ ޑިރެކްޓަރުކަން އަދި ކުޅުދުއްފުށީ ޕޯޓުގެ ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ރަށުގެ އެންމެންގެ ލޯބި އޭނާ ހޯއްދެވި އެވެ. އެހެންވެ، ދެން ރައްޔިތުންނަށް ޚިދުމަތް ކުރެއްވެން އޮތީ، ރައްޔިތުންގެ މަޖިލީސްގެ ތެރެއިން ކަމަށް ގަބޫލު ކުރެވި 2014 ގައި އާންމު އިންތިހާބަށް އޭނާ ވާދަކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ނޮޅިވަރަމް ދާއިރާގެ ގޮނޑި އަރީފު ކާމިޔާބު ކުރެއްވި އެވެ. އެކަމަކު، އޭގެ ފަހުން ސިޔާސީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ބަދަލުވެވަޑައިގަތެވެ. ނަމަވެސް ޕީޕީއެމާ ގުޅިވަޑައިގެންނެވިތާ ހައެއްކަ މަސް ވެސް ނުވަނީސް އޭނާ އަށް ފެނިވަޑައިގަތީ ޝަކުވާތަކުން ފުރިފައިވާ ކަންކަމެވެ. އަރީފު ވިދާޅުވާ ގޮތުން، ރައީސް ޔާމީނާ އޭނާއާ ޒާތީ އެއްވެސް ކަމެއް ނެތެވެ. އެހެން ނަމަވެސް އެމަނިކުފާނު ކުރައްވާ ބައެއް ކަންކަން އެއީ ގަބޫލު ކުރެވޭ ކަންތައްތަކެއް ނޫނެވެ. އަދި، ޕީޕީއެމްގައި ހުންނަވައިގެން ވެސް އެހެން ސިޔާސީ ލީޑަރުންނާ އެކު އިސްލާހީ ހަރަކާތަށް ނުކުމެވަޑައިގަތެވެ. އޭގެ ނަތީޖާ އަކީ، އަރީފުގެ އިސްލާހީ މަސައްކަތްތައް ހަޖަމް ނުކުރެވިގެން ޕީޕީއެމުން ވަކިކުރުމެވެ. އަޅާނެ ފިޔަވަޅަކަށް ބެއްލެވުމެއް ނެތި އޭނާ އިޚުތިޔާރު ކުރެއްވީ ގައުމު އިސްލާހު ކުރުމެވެ.

ޕީޕީއެމުން ވަކިކުރުމުން ދެން އަރީފް ގުޅިވަޑައިގަތީ އެމްޑީއޭއާ އެވެ. އެ ޕާޓީގެ ތެރޭގައި ހުންނަވައިގެން އޭނާ އިސްލާހީ މަސައްކަތްތައް ހުއްޓައެއް ނުލެއްވި އެވެ. އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އިޒުނަ ލިބިވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ސިޔާސީ އިސްލާހީ މަސައްކަތް ފެއްޓެވި އެވެ.

"އިސްލާހީ މަސައްތަކަށް ނުކުންނަން ޖެހުނީ އެ ސަބަބާ ހުރެ،" މިހާރު 49 އަހަރުގެ އަރީފު ވިދާޅުވި އެވެ. "ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ވަނީ އިސްލާހީ މަސައްކަތްތައް ފައްޓަވަން ތައްޔާރުވެފައި. އަޅުގަނޑަށް ސީދާ ރައީސް މައުމޫން ގުޅުއްވާފައި ވިދާޅުވީ މިކަން އިސްކޮށް ހިންގަވައި ދެއްވަން. އަޅުގަނޑު އެމަނިކުފާނަށް ޔަގީންކަން ދިނިން. އެގޮތުގައި ކުރިއަށް ދިޔައީ ވެސް."

އެކަމަކު ކަންވީ މުޅިން ހީކުރި ގޮތަކަށް ނޫނެވެ؛ އިސްލާހީ މަސައްކަތްތަކާ އެކު ދެން ދިމާވި ގޮންޖެހުންތައް ދިގުދެމިގެން ދިޔަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން، އަރީފު ވިދާޅުވި ގޮތުގައި ނުދައްކާ ބިރެއް، ނުލިބޭ އިންޒާރެއް، ނުދޭ އޮފާއެއް ނެތެވެ.

"އަޅުގަނޑު ހިތުގައި އޮތީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑު ހުންނާނަމޭ. އެގޮތުގައި އަޅުގަނޑު ހުރިން."

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތުގެ ތެރޭގައި އަރީފު ހިމެނިގެން ދިޔައީ އޭގެ އެއް ތަނބަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފި އެވެ. ސިޔާސީ ޕާޓީތަކެއްގައި އުޅުއްވިފައި ހުރުމާއި ސިޔާސީ އެންމެ ގިނަ ލީޑަރުންނާ އެކު އުޅުއްވިފައި ހުރީތީ ސިޔާސީ ދާއިރާ މިހާރު ހުރީ ރަނގަޅަށް ރޯފިލައިފަ އެވެ.

"އަޅުގަނޑަކީ ރައީސް މުހަންމަދު ނަޝީދާއި ރައީސް މައުމޫންގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހެއް. އެ ދެ ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެންގުޅުއްވާ ސިޔާސަތުތަކަށް ޚާއްސަކޮށް އަޅުގަނޑު ތާއީދު ކުރަން. މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އަކީ އަޅުގަނޑުމެންގެ އޭރުގެ ޕީޖީ ލީޑަރު. އެއީ ވަރަށް އުފާވެރިކަމެއް. ދެން ހުންނެވީ ގާސިމް އިބްރާހިމް. އަޅުގަނޑަށް ވަރަށް ހެޔޮ ބޭފުޅެއް. ވަރަށް ތަފާތު ބޭފުޅެއް. މިއިން ކޮންމެ ލީޑަރަކީ ވެސް ތަފާތު ސިޔާސަތުތަކެއްގެ ބޭފުޅުން. މި ބޭފުޅުންނާ އެކު އުޅެވިފައި ހުރީމާ އެބޭފުޅުން ކުރައްވާނެ ނުކުރައްވާނެ ކަންކަން އަޅުގަނޑަށް ވަރަށް ރަނގަށް އެނގޭ،" އަރީފު ވިދާޅުވި އެވެ.

"އަޅުގަނޑަަކީ ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސަމުން ގެންދާ މީހެއް،" ދެ ކުދިންގެ ބައްޕަ ވިދާޅުވި އެވެ. "އަޅުގަނޑުގެ ކުދިން ބޮޑެތިވެފައި ތިބީމަ، މުސާރައިން ބާކީވޭ. އެ މުސާރައިން އަޅުގަނޑު ދާއިރާ އަށް ޚަރަދުކުރަމުން މިދަނީ."

އަރީފަކީ އެންމެ ކުރިން ފެށިގެން ވެސް އަމިއްލަ މަސައްކަތުން ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޝަނެއް ނެތް ކަމުގެ ޔަގީންކަން އޭނާ ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނަށް އޮންނާނެ އެވެ.

"އެހެންވީމަ ނޫންތޯ، އެއްވެސް ލީޑަރަކަށް އަޅުގަނޑު ހިފަހައްޓާނުލެވޭނީ. މިނިވަން ކަމާ އެކު އަޅުގަނޑު މި މަސައްކަތުގައި ދެމިހުންނާނީ. އަޅުގަނޑާ ވާދަކުރައްވާ ބައެއް ބޭފުޅުން އަޅުގަނޑާ ބެހޭ ގޮތުން ކޮންމެ ވާހަކައެއް ވެސް ދެއްކެވިދާނެ. އެކަމަކު ހަގީގަތެއް ނުދެއްކެވޭނެ،" އަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފިހާރައެެއް، ފްލެޓެއް، ދޯންޏެއް، ކާރެއް މި ނޫން ވެސް މުދަލެއް ނުހުންނާނެ."

ނޮޅިވަރަމް ދާއިރާ އަށް ދެވަނަ ދައުރަކަށް ކުރިމަތިލާ އިރު، އަރީފަށް އޮތް ޔަގީން ކަމަކީ އޭނާގެ ހިދުމަތްތައް ރައްޔިތުން ބަލައިގަތުމެވެ. ހާއްސަކޮށް، އޭނާ ވިދާޅުވި ގޮތުގައި އިސްލާހީ ހުރިހާ މަސައްކަތެއް ހަމަޖެހިލައިގެން އޭނާ އަށް ކޮށްލެއްވުނީ ދާއިރާގެ ރައްޔިތުންގެ ތާއީދު އޮތީމަ އެވެ.

"ގައުމިއްޔަތު ދެން ވެސް އިސްކުރާނީ އަޅުގަނޑު،" އޭނާ ކުރުކޮށް ވިދާޅުވި އެވެ. "މި ގައުމުގެ ހައްގުގައި ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުންނާނީ އަޅުގަނޑު."

ޔާމީންގެ ސަރުކާރުގެ އަމަލުތައް ހަރުކަށިވެ، ހައްދު ފަހަނައަޅައި ދިއުމާ ހަމައަށް އަރީފަކީ، ދާއިރާގެ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބެއްލެވި ބޭފުޅެކެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ވެސް އެކި މީސްމީހުން މެދުވެރިކޮށް ދާއިރާގެ ކަންކަން ގާތުން ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.

ރައްޔިތުންގެ ތެރޭގައި އުޅެ ބޮޑުވެފައި ހުރުމުން ދާއިރާ އަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްކަން އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ގަވައިދުން ކޮންމެ މަހަކު ދާއިރާ އަށް ޚަރަދުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ރަށެއް ކުނިކެހުމުގައި ހަރަކާތްތެރިވާ އަންހެންވެރިންނަށް ކޮންމެ މަހަކު 10،000ރ. ގެ އެލަވަންސެއް ދެއްވަ އެވެ. ނޮޅިވަރަމް ދާއިރާގައި ހިމެނޭ ނޮޅިވަރަމާއި ނޮޅިވަރަމްފަރުން ކޮންމެ އަހަރަކު ދެ މީހަކު އޭނާ އަންނަނީ ހައްޖަށް ފޮނުއްވަމުންނެވެ.

"އަޅުގަނޑު ދެން ވެސް ހުންނާނީ ރައްޔިތުންނާ ކައިރީގައި،" އޭނާ ވިދާޅުވި އެވެ. "ދާއިރާ އަށް ބޭނުންވާ ކަމެއްގައި އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ރައީސް ޔާމީންގެ ސިޔާސަތާ ދޭތެރޭ އަޅުގަނޑު ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑު ހުންނާނީ ބަޖެޓަށް ވޯޓު ދީފައި. އޭރު މަޖިލިހުގައި ބާރު އޮތް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ފަހަތުން ދުވެ، އާދޭސް ކޮށްގެން ވެސް ދާއިރާ އަށް ބޭނުންވާ ތަރައްގީގެ ކަންކަން ބަޖެޓުގައި އަޅުގަނޑު ހުންނާނީ ޖައްސުވާފައި. އަދި އެ ބަޖެޓުތަކަށް ވޯޓު ވެސް ދިނިން. ކިތަންމެ ހިޔާލު ތަފާތުވިޔަސް ތަރައްގީ ހުއްޓާލުމަކީ އަޅުގަނޑު ތާއީދު ކުރާ ކަމެއް ނޫން."

އަރީީފް ވިދާޅުވި ގޮތުގައި، ސިޔާސީ ލީޑަރުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ކޮންމެ އަހަރެއްގެ ބަޖެޓަށް އޭނާ ވޯޓު ދެއްވީ ދާއިރާ އަށް އޮތް ލޯތްބާއި ތަރައްގީ އަށް ހިތް އެދޭތީ އެވެ.

އޭގެ އިތުރުން އަރީފު މިހާރު ނިންމަވާފައި ވަނީ ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ ގޮތެއް އޮތްތޯ އެވެ. ނޮޅިވަރަމްފަރުގައި ޓްރޭނިން ރިސޯޓެއް ހެދުމުގެ ވިސްނުން އޭނާގެ ވަރަށް ގާތް އެކުވެރިއަކު ގެންގުޅުއްވާތީ، އެ މަސައްކަތް އަހަރެއްގެ ތެރޭގައި ފެށޭތޯ އަރީފު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މަސައްކަތް މިހާތަނަށް ހުއްޓިފައި އޮތީ، ޔާމީންގެ ސަރުކާރުން ތަފާތު ގޮންޖެހުންތައް ކޮށްފައިވާތީ އެވެ. އެކަމަކު، އެ މަޝްރޫއު އަލުން މި ސަރުކާރުގައި ފެށޭނެ ކަމުގެ ޔަގީންކަން އިންވެސްޓަރު ވަނީ އަރީފަށް ދެއްވައިފަ އެވެ. އަދި އެކަމަށްޓަކައި އިންވެސްޓަރަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދާއިރާގެ ރައްޔިތުންގެ ތާއީދާ އެކު، ދެއްވަން އަރީފް ހުންނެވީ ތައްޔާރަށެވެ. މީގެ އިތުރުން، ދާއިރާގެ މީހުންގެ ކުރިމަގަށްޓަކައި ރާއްޖޭގެ މަޝްހޫރު ކޮލެޖެއްގެ ކެމްޕަސްއެއް ނޮޅިވަރަމާއި ނޮޅިވަރަމްފަރުގައި ގާއިމް ކުރުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ކޮލެޖުން ވަނީ އެ ޔަގީންކަން ވެސް ދީފަ އެވެ.

މީގެ އިތުރުން ދާއިރާގައި ހައްދާ ކާބޯތަކެތި ފަސޭހަ އިން ވިއްކޭނެ އިންްތިޒާމެއް ހަމަޖައްސައިދިނުމާއި ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތަކެއް އިތުރު ކުރުމަކީ އެއް އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރީފްގެ އަމާޒަކީ ދާއިރާގެ ދެ ރަށުގެ ރައްޔިތުން ވެސް އަމިއްލަ ފަސްގަނޑުގައި ތިބެ، އާމްދަނީ ހޯދުމާއި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެކި ފަރާތްތަކާ އެކު، އޭނާ މިހާރު ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގެ ބޭނުމަކީ އެއީ އެވެ.

"ޔާމީންގެ ސަރުކާރުގެ އުނދަގުލާ ހެދި އެ ކަންކަން މިހާތަނަށް ނުކުރެވި އޮތަސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މިކަން ވާނެ. މިހާތަނަށް އަޅުގަނޑު ކޮށްދިން ޚިދުމަތްތައް ރައްޔިތުން ހަނދާން ނައްތައި ނުލާނެ ކަމުގެ ޔަގީންކަން އެބަައޮތް،" އަރީފް ވިދާޅުވި އެވެ.

Featured Candidates

ލީޑަރުންނަށް ތާއީދުކުރާ މީހުންގެ ވޯޓު ލިބޭނެ: އަރީފް

46 10.03.2019

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

10 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

2 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019

ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

53 21.03.2019