މުހައްމަދު އަބްދުﷲ ޝަފީގު ނުވަތަ މޯޑަކީ އެއް ބަޔަކަށް "ފިއެސް މޯޑެ"ވެ. އަނެއް ބަޔަކަށް އޭނާ އެނގެނީ "އައްޑުއަސް މޯޑު"ގެ ގޮތުގަ އެވެ. އެއީ ކުރިން ރާއްޖޭގެ މަޝްހޫރު ދެ މަޖައްލާ އެވެ. އެ ދެ މަޖައްލާއަށް ޕާޓްޓައިމްކޮށް ލިއުއްވި އެވެ. އަދި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުން ވެސް މަސައްކަތްކުރެއްވި އެވެ. ރާއްޖެއަށް ސިޔާސީ ގޮތުން ބޮޑު ބަދަލުތަކެއް އައި ދުވަސްވަރު އެމްޑީޕީގެ ފިކުރަށް ތާއީދުކުރައްވައި، މަސައްކަތްކުރެއްވި އެވެ. އޭނާ ވަނީ "ދިވެހި ރާއްޖެ ޑިމޮކްރެސީ އަށް ކުރި ދަތުރު"ގެ ނަމުގައި ފޮތެއް ވެސް ލިއުއްވައިފަ އެވެ. މިހާރު ގިނަ ބަޔަކަށް މޯޑު މަޝްހޫރުވެފައި އޮންނާނީ ކުޅަދާނަ ފޮޓޯގްރާފަރެއްގެ ގޮތުގަ އެވެ.
ރާއްޖެ އަށް 2005 ގައި ސިޔާސީ ޕާޓީގެ ނިޒާމް ތައާރަފްވި ފަހުން މޯޑަކީ ސިޔާސީ ބައްދަލުވުންތަކުން ފެނުނު އެންމެ އާއްމު އެއް ނޫސްވެރިޔާ އެވެ. އެމްޑީޕީގެ ހަރަކާތްތައް ދުންފިނި ގޭގައި ކުރިއަށް ދިޔަ އިރު އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މޯޑު ވަނީ އެމްޑީޕީގެ މީޑިއާ ކޮމިޓީ އަދި ހައްގު ކޮމިޓީގެ މެންބަރުކަން ކުރައްވައިފަ އެވެ. އެންމެ ފަހުން 2014 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޕީޑީ ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އެކަމަކު އެފަހަރު އޭނާއަށް ޓިކެޓް ލިބިވަޑައެއް ނުގަތެވެ.
މޯޑުގެ ޚިދުމަތް އޭނާ ނިސްބަތްވާ ދާއިރާ އަށް އަބަދުވެސް ލިބެ އެވެ. އޭނާ ވަނީ އުފަން ރަށް ވެލިދޫ އެކުވެރިންގެ ގުޅުމުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވައިފަ އެވެ. އަދި ވެލިދޫ ފިއުޗާ ފައުންޑޭޝަންގެ ކޯ-ފައުންޑަރަކީ ވެސް އޭނާ އެވެ.
"އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންގެ ކުރިއެރުމަށާއި، ހައްގުތަކަށާއި، ހަމަހަމަކަށާއި އަދުލުއިންސާފަށް ވަކާލާތުކުރާ މީހެއް،" މޯޑު ވިދާޅުވި އެވެ.
"ގާނޫނުހަދާ މަޖިލީހުގައި އަޅުގަނޑުގެ މަސައްކަތަކަށް ވާނީ މި ދެންނެވި ހަމަތަކަށް ގާނޫނީ ބާރު ލިބިދިނުމުގައި ފުރިހަމައަށް ބައިވެރިވުން."