އަހުމަދު ސައީދަކީ ސްކޫލް ނިންމުމަށް ފަހު، އަމިއްލަ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދަވާ ޒުވާން ބޭފުޅެކެވެ. އެގޮތުން އޮޓޯ މޮބައިލްގެ ވިޔަފާރީގައި އޭނާ އަމަލީ ގޮތުން އުޅުއްވާތާ 10 ވަރަކަށް އަހަރު ވަނީ ވެފަ އެވެ. ތަފާތު އެކި ވިޔަފާރިތަކުގައި ވެސް އޭނާ ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބައިނަލްއަގްވާމީ ބައެއް މަޝްހޫރު ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑީލާ އަކީ ވެސް އޭނާ އެވެ.
އަހުމަދު ސައީދު ސިޔާސީ ހަރަކާތަށް ނުކުމެވަޑައިގަތީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އޭރުއްސުރެ ފެށިގެން ގައުމު އިސްލާހު ކުރުމަށް ފެށި މަސައްކަތުގެ ތެރޭގައި އެކި ފެންވަރުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން، އެ ވަގުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް އަހުމަދު ސައީދު ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
އެގޮތުން އޭނާ ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލައްވައިފަ އެވެ. އެ ފަހަރު ވެސް އޭނާ ބޭނުންވީ ދާއިރާގެ ރައްޔިތުންނަށް މަޖިލިހުގެ ތެރެއިން ޚިދުމަތްތަކެއް ކޮށްދެއްވުމަށެވެ. ޚާއްސަކޮށް ދާއިރާގެ ރައްޔިތުންގެ މަންފާ އާއި ލާބަ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އޭރުއްސުރެ ފެށިގެން އަހުމަދު ސައީދު ވަނީ އަޒުމް ކަނޑައަޅުއްވައިފަ އެވެ. ދާއިރާގެ ތަރައްގީ އަކީ އޭނާ އެންމެ އިސްކަން ދެއްވާ ކަންތަކެވެ. ރާއްޖޭގައި ޒަމާނުއްސުރެ މި އޮތް އިސްލާމީ ވަންތަކަން ހިމާޔަތް ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަ އެވެ.
އަހުމަދު ސައީދަކީ ގާތް ރައްޓެހިންނާއި އަދި ޚާއްސަކޮށް ދާއިރާގެ މީހުންނަށް ދީލަތި އެހީތަކެއް ވެދެއްވަމުން ގެންދަވާ އިޖުތިމާއީ ޚިދުމަތްތެރި އެކެވެ. މީގެ އިތުރުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވެސް އޭނާގެ އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ. މުޖުތަމައުގައި އުޅޭ ނިކަމެތިންނަށް އެހީތެރިވުމާއި އެ މީހުންގެ މުހުތާދުތައް ވީ ވަރަކުން ފުއްދައި ދެއްވުމަކީ އަހުމަދު ސައީދުގެ އުފަލެކެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ފަސްޖެހުމެއް ނެތި ކުޅަދާނަ ވީ މިންވަރަކުން ކޮށްދެއްވަ އެވެ.
"ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މި ފަހަރު އަޅުގަނޑަށް ދެއްވައިފި ނަމަ، އެއްވެސް ފަރާތެއްގެ ނުފޫޒު އަޅުގަނޑުގެ މައްޗަށް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަން. ދާއިރާގެ ރައްޔިތުންނަށް އިހުމާލެއް ނުވާނަން. އަބަދުވެސް ރައްޔިތުންނާ ބައްދަލުކުރެވޭ ހާލަތުގައި އަޅުގަނޑު ހުންނާނަން. މިހާރު މި އޮތް ސަރުކާރުން ހިންގާ، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި އަޅުގަނޑުގެ އެހީތެރިކަން ފުރިހަމަ އަށް ލިބޭނެ،"