ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Iruthisham Adam

ޕްރޮފައިލް

އިރުތިޝާމް އާދަމަކީ، ކެބިނެޓްގައި މަސައްކަތް ފެއްޓެވުމުގެ ކުރިން ޑިޕްލޮމޭޓެކެވެ. އޭނާއަކީ ރާއްޖެ އިން އދ. އަށް ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ. އޭގެ އިތުރުން އޭނާ ވަނީ ޖަރުމަން، އިޓަލީ އަދި ތުރުކީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ކުރައްވައިފަ އެވެ. ޑަބްލިއުޓީއޯއާއަށް ރާއްޖެ އިން ކަނޑައެޅި މަންދޫބުކަން ވެސް ކުރެއްވި އެވެ. ޑިޕްލޮމެޓިކް ދާއިރާގައި އަދާކުރެއްވި އެހެން މަގާމުތަކުގެ ތެރޭގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްކަން ހިމެނެ އެވެ.

އިރުތިޝާމް މަތީ ތައުލީމު ހާސިލްކުރެއްވީ އިނގިރޭސިވިލާތާއި ފިޖީއިންނެވެ. އޭނާ ފުރަތަމަ ޑިގްރީ، މެނޭޖްމެނެޓް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، ހާސިލްކުރެއްވީ ފިޖީގެ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކް އިންނެވެ. އެއަށް ފަހު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް މިންސްޓާ އިން ފޮރިން ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ނެންގެވި އެވެ. އަދި އޭނާ ވަނީ އޮކްސްފޯޑް ޔުނިވާސިޓީން ވެސް ފޮރިން ސާވިސްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ.

ހެލްތު މިނިސްޓަރު ކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން އަދާކުރެއްވުމުގެ އިތުރުން ވަރަށް ކާމިޔާބު ޑިޕްލޮމޭޓެކެވެ.

ސިޔާސީ އިސް މަގާމުތަކެއް އަދާކުރެއްވުމުގެ ފުރުސަތު އިރުތިޝާމަށް ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެގޮތުން އޭނާ ވަނީ ހެލްތު މިނިސްޓަރުކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އޭރުގެ ސަރުކާރަށް ކުރިމަތިވަމުން ދިޔަ ފާޑުކިއުންތަކަށް ސިޔާސީ ޕޯޑިއަމްތަކުގައި ރައްދު ދެއްވި އެވެ. އަދި ޔާމީންގެ ވެރިކަން ނިމެންދެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވި އެވެ. އޭގެ ފަހުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގަ އެވެ.

އިޖުތިމާއީ ގޮތުން ޚިދުމަތްތައް ކުރައްވަން އިރުތިޝާމަށް ފުރުސަތު ލިބިވަޑައިގެންނެވީ ހެލްތު މިނިސްޓަރުކަމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަަރުކަމުގައި ހުންނެވި އިރު އެވެ. އޭގެ ކުރިން އޭނާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ ބައިނަލްއަގުވާމީ ގޮތުން ރާއްޖެ ތަމްސީލުކުރެއްވުމުގަ އެވެ. މިނިސްޓަރުކަމުގައި ހުންނެވި އިރު އޭނާ ވަނީ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދެއްވުމަށާއި ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެއީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިޖުތިމާއީ ޚިދުމަތްތަކެކެވެ.

ރައްޔިތުންގެ މަޖިލީހަށް އިރުތިޝާމް ކުރިމަތި ލައްވަނީ ދާއިރާގެ ރައްޔިތުންނަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ ހައްގުތައް ކަށަަވަރުކޮށްދެއްވުމުގެ މަސައްކަތް އިސްކުރައްވައިގެންނެވެ. އެގޮތުން ސަރުކާރުގެ އެކި މަގާމުތަކުގައި ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާގެ ބޭނުން ކުރެއްވޭނެ އެވެ.

Featured Candidates