މުހައްމަދު އާދިލް ސަލީމަކީ ރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގެ ބޮޑު ތަޖުރިބާކާރެކެވެ. ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު މިފްކޯއާ ގުޅިވަޑައިގެންނެވި ގޮތަށް އޭނާ ވެވަޑައިގަތީ މަސްވެރިކަމުގެ އިސް އެއް ބޭފުޅަށެވެ. ސަރުކާރުގެ މަސް ކުންފުނީގެ ގޮތުގައި އެފްއައިޕީޑީ އޮތް އިރާއި އޭގެ ފަހުން މިފްކޯ އުފެދިގެން ވެސް ދިގު މުއްދަތެއްގައި އާދިލް ގެންދެވީ މަސައްކަތްކުރައްވަމުންނެވެ. އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން ވަކިވެވަޑައިގަތް އިރު އާދިލް ހުންނެވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
މައުމޫން ސަރުކާރުން ވަކިވެވަޑައިގެން ކުއްލިއަކަށް އާދިލް ފެނުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ޖަލްސާއަކުން، ސްޓޭޖް މަތިންނެވެ. އެހާ ގިނަ ދުވަހު ސަރުކާރުގައި އުޅުއްވާފައި، އިދިކޮޅު ހަރަކާތާ އެހެން ގުޅިވަޑައިގަތުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ވެސް ލިބުނެވެ. އޭގެ ފަހުން އާދިލް ވަނީ އެމްޑީޕީ ސަރުކާރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ބަދަލުވުމާ ގުޅިގެން ބޭއްވި މުޒާހަރާއެއްގައި އިސްކޮށް ހަރަކާތްތެރިވުމުން އާދިލް ހައްޔަރުކޮށް ހަފުތާއެއް ވަންދެން ޖަލުގައި ބޭއްވި އެވެ.
މިއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
އިޖުތިމާއީ ގޮތުން ތަފާތު ކަންކަމުގައި އާދިލް އެހީތެރިވެދެއްވަ އެވެ. ޚާއްސަ ގޮތެއްގައި އޭނާއަށް ފާހަގަކޮށްލެވެނީ 2004 ގެ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ކުރެއްވި މަސައްކަތްތަކެވެ.
"އަޅުގަނޑު ހޮވައިފި ނަމަ ގުރައިދޫ ދާއިރާ ނަމޫނާ ދާއިރާއަކަށް ހަދަން މަސައްކަތްކުރާނަން،" އާދިލް ވިދާޅުވި އެވެ.