ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ali Azim

Mahibadhoo Dhaairaa Alif Dhaalu Atoll

ޕްރޮފައިލް

މަހިބަދޫ ދާއިރާ އަށް ވާދަ ކުރައްވާ ސަރުކާރު ކެންޑިޑޭޓް، އަލީ އާޒިމް ބޭނުން ވަނީ ރައްޔިތުންގެ މަޖިލީސް ނަތީޖާ ނެރެދޭ ތަނަކަށް ވާށެވެ. ރައްޔިތުންގެ ހައްގުގައި، މިނިވަންކަމާ އެކު މަސައްކަތް ކުރައްވާނެ މެމްބަރުންތަކެއް ތިއްބެވުމަށެވެ. ރައްޔިތުންނަށް ފައިދާ ހުރި ގާނޫނުތައް ވުޖޫދު ވުމަށެވެ. އެކަމަކު، ވޭތުވެދިޔަ ތަނުގައި މަޖިލީހުގެ ގިނަ މެމްބަރުން ދެއްކެވީ އެ ނަމޫނާއެއް ނޫނެވެ. ޚިޔާނާތުގައި ޖެހި މެމްބަރުންގެ ފަސްބައި ކިލަނބުވުމުގެ ގެއްލުން ދާއިރާތަކަށް ކުރިމަތިވުމަކީ ގައުމަށް ވެސް ކުރިމަތިވި ދެރައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު މަހިބަދޫ ދާއިރާ އަށް ކުރިމަތި ލެއްވި އާޒިމްގެ އަމާޒަކީ މަޖިލީހުގައި ނަމޫނާ ދެއްކެވުމެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ލިބިވަޑައިގެން ހުންނެވި އިލްމާއި ތަޖުތިބާ އިން ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރެއްވުމެވެ.

އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ވިޔަފާރިއާ ގުޅޭ ގާނޫނުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އާޒިމް ވަނީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓިވް އޮފިސަރަކަށް ހުންނެވި އިރު، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ފުނަށް ފީނައިގަނެ، މައްސަލަތައް ކާމިޔާބު ކޮށްފައިވެ އެވެ. އޭގެ އިތުރުން، އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނެޝެނަލް ކޮމްޕްލެއިންޓްސް ބިއުރޯގެ ހެޑްގެ މަގާމާއި އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމް ވެސް ފުރުއްވައިފަ އެވެ.

މީގެ އިތުރުން ވަރަށް ގިނަ މައްސަލަތަކުގައި ކޯޓުތަކުގައި ވެސް ވަކާލާތު ކުރެއްވި އެވެ.

ގައުމަށް ޚިދުމަތް ކުރެއްވުމުގެ ތެރެއިން މަޖިލީހަށް ނުކުންނެވުމަކީ މަހިބަދޫ ދާއިރާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ހޯދައި ދެއްވަން އާޒިމް ނިންމެވި ނިންމެވުމެކެވެ. މަހިބަދޫ ދާއިރާގައި ހިމެނޭ އދ. ހަންޏާމީދޫ އަށް އުފަން އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، އެ ދާއިރާ އަށް ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އަސާސީ ގިނަ ޚިދުމަތްތަކުން ވެސް އެ ދާއިރާގެ ރަށްތައް ވަނީ މަހްރޫމްކޮށްފަ އެވެ.

މަހިބަދު އާއި ކުނބުރުދޫ ތޮއްޖެހި، އާއިލާތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައި އޮތް މައްސަލަ އަށް ވެސް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެއާއެކު، ހަންޏާމީދޫގައި ސާފު ފެން ނުލިބުމުގެ މައްސަލައަކީ ވެސް ހައްލު ހޯދަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

އާޒިމް ގަބޫލުކުރައްވާ ގޮތުގައި، މަހިބަދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓާ އަޅާބަލާ އިރު އެ ދާއިރާގެ ރައްޔިތުންގެ އަޑު އުފުލަން މަޖިލީހުގައި އިންނެވުމަށް އެންމެ ގާބިލް ކެންޑިޑޭޓަކީ އޭނާ އެވެ. އެއް ސަބަބަކަށް އޭނާ ދެއްކެވީ، ގާނޫނީ ދާއިރާ އިން އޭނާ ތައުލީމް ހާސިލް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންފައި ވުމެވެ. އެއާއެކު، ރައްޔިތުންގެ ހާލަތު ވަރަށް ރަނގަޅަށް އޭނާ އަށް އެނގިވަޑައިގަތުމާ އެކު ހައްލުތައް ވެސް އޭނާ އަށް ހޯއްދަވައި ދެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

މަޖިލީހުގައި މެމްބަރުންގެ ޒިންމާއަކީ ގާނޫނު ހެދުން ކަމަށް ވާ އިރު އެ މަސައްކަތް ކުރެވޭނީ އެކަމުގެ ކުޅަދާނަ ކަން ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް ކަން އޭނާ ގަބޫލު ކުރައްވަ އެވެ. މަޖިލީހަށް ކުރިމަތި ލެއްވުމުގެ ކުރިން ވެސް ގިނަ ގާނޫނުތަކެއް ޑްރާފްޓް ކުރައްވާފައިވުމަކީ މަޖިލީހުގެ މަސައްކަތްތަކުގައި ކުރިއަށްދާން ފަސޭހަ ވާނެ ކަމެއް ކަމަށް އާޒިމް ދެކެވަޑައިގަންނަވަ އެވެ.

ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި އެހީތެރިކަން ދެއްވާނެ ކެންޑިޑޭޓަކީ ވެސް އޭނާ ކަން އާޒިމް ފާހަގަކުރައްވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީހަށް ހޮވަން ޖެހޭނީ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމުގެ ވިސްނުން ގެންގުޅޭ ކެންޑިޑޭޓެކެވެ.

މަޖިލީހަށް ވެންނެވުމުގެ މުހިއްމު އެއް ބޭނުމަކީ، އާޒިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މޫފެތުރިފައިވާ ކޮރަޕްޝަންގެ ވަބާއާ ދެކޮޅަށް، ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކުރެއްވުމެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ގިނަ މަސައްކަތްތަކެއް އޭސީސީގައި ހުންނަވައިގެން ވެސް ކުރެއްވި ކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ބޭނުން ވަނީ ކުއްލި މުއްސަނދިކަން ހުއްޓުވުމުގެ ގާނޫނެކެވެ.

މަހިބަދޫ ދާއިރާގެ ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ އޭނާ ހުންނެވީ ތަފާތު ދައްކަން ތައްޔާރަށެވެ.

Featured Candidates