ލ. ގަމަށް އުފަން އާދަމް އާސިފް (އާސިއްޕެ) ފުލުހުންނާއި ސިފައިންގޭގައި އުޅުއްވި އެވެ. ވެއިތުވެދިޔަ 17 އަހަރު ވަކީލެއްގެ ގޮތުގައި މަަސައްކަތްކުރެއްވި އެވެ. "ލޯޔަރު އާސިފް"ގެ ނަމުން މަޝްހޫރު އާސިފަކީ ޖިނާއީ އަދި އާއިލީ މައްސަލަތަކުގައި މަޝްހޫރު ބޭފުޅެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އޭރުގެ އިދިކޮޅު ފަރާތްތަކުން ފުލުހުސް އޮފީހާއި ކޯޓަށް ހާޒިރުކުރި އިރު، އެބޭފުޅުންގެ ދިފާއުގައި ވަކާލާތުކުރެއްވި އެއް ބޭފުޅަކީ އާސިފެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ފަދަ ބޭފުޅުން، އޭނާ ވަނީ ކޯޓުތަކުގައި ތަމްސީލުކުރައްވައިފަ އެވެ.
އާސިފަށް ސިޔާސީ މަސައްކަތުގެ ތެރެއަށް ވެންނެވުނީ ސިޔާސީ ބޭފުޅުންގެ ހައްގުގައި ކުރެއްވި މަސައްކަތުގަ އެވެ. އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޕީޕީއެމާ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގަ އެވެ.
ޒުވާނުންގެ އެކި ހަރަކާތްތަކަށް އޭނާ އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެވެ. ވަކީލެއްގެ ގޮތުން އެކި މީހުންނަށް ގާނޫނީ ލަފާދީ، ޝަރުއީ ކަންކަމުގައި ކުރިއަށް ދާނެ ގޮތް ބުނެދެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެފަދަ ކަންކަމުގެ ތެރެއިން އިޖުތިމާއީ ގުޅުން ރަނގަޅުވެ، މުހިންމު ޚިދުމަތެއް އެތައް ބަޔަކަށް ދެވެ އެވެ.
ވެއިތުވެދިޔަ ތިން ދައުރުގައި ވެސް ގަމު ދާއިރާއަށް ހައްގު މިންވަރު ލިބިފައެއް ނުވެ އެވެ. އެ ހައްގު ހޯދައިދޭން، އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނެތި ކުލުނުވެރި، އޯގާތެރި، ސާފު ހިތަކައިގެން ހިދުމަތްކުރެއްވުމެވެ.