ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Adam Ali

ޕްރޮފައިލް

އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ރައީސްގެ މަގާމް ފުރުއްވަމުން އަންނަ އާދަމް އަލީ (އާދަންކޮ) މިދިޔަ 10 ވަރަކަށް އަހަރު ފާހަގަކުރެވުނީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. ކަމަކު އޭނާ މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށް ވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގަ އެވެ. ފިއުލް ޑިޕާޓްމަންޓުގައި 21 އަހަރު އުޅުއްވުމަށް ފަހު ވަކިވެވަޑައިގަތީ އިންތިހާބުގެ ކެމްޕެއިނަށެވެ. އާދަންކޮ އަކީ ކުރިން ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ފުޓްބޯޅަ ވެސް ކުޅުއްވި ބޭފުޅެކެވެ.

އާދަންކޮ ސިޔާސީ ކަންކަމުގައި އުޅުއްވަން ފެއްޓެވީ 2008 ގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. އެގޮތުން އޭނާ އަންނަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުކަމާއި މާފަންނު ދެކުނު ދާއިރާގެ ރައީސްކަން ކުރައްވަމުންނެވެ. އަދި ޕާޓީގެ އެކިއެކި ކެމްޕެއިންތަކުގައި މާފަންނު ދެކުނު ދާއިރާގެ ހަރަކާތްތަކުގައި އޭނާ އިސްކޮށް އުޅުއްވަ އެވެ.

އިޖުތިމާއީ ދާއިރާ އިން އާދަންކޮގެ ހިދުމަތް އޮތީ ގޭދޮށުގެ ދެ ކްލަބް ކަމަށްވާ އީގަލްސާއި ބީޖީގައި ފުޓްބޯޅަ ކުޅުއްވައިގެންނެވެ. އީގަލްސް ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު އޭނާއަކީ ކުޅަދާނަ ފޯވަޑެކެވެ.

އާދަމް އަލީގެ މެސެޖަކީ ދާއިރާގެ ރައްޔިތުން އެމްޑީޕީގެ އެޖެންޑާ 19 އަށް ފުރުސަތު ދެއްވުމެވެ. އޭރުން އުފާވެރި، ހިތްހަމަޖެހޭ ބަދަލުތަކެއް ދިރިއުޅުމަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Featured Candidates