ހއ. ފިއްލަދޫގެ ކުރީގެ ބޮޑުކަތީބު ގާސިމް މުހައްމަދުގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޝަރީފަކީ ފެށުނީއްސުރެ މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިވާ، ހިންގުމާއި ވިޔަފާރީގެ ތަޖުރިބާކާރެކެވެ. ރަށު ސްކޫލުންނާއި މާލެއިން ތައުލީމު ހާސިލްކުރެއްވި އަބްދުﷲ ޝަރީފް ވަނީ ހައުސިން މިނިސްޓްރީގައި މަސައްކަތްކުރައްވައި މިފްކޯ އާއި މިފްކޯގެ ބައިނަލްއަގްވާމީ ކުންފުނީގެ ބޯޑް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. މީގެ ތެރެއިން ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސް ހިންގެވުމުގެ ޒިންމާއާ އެކު މާލޭ ރިންގް ރޯޑް ހެދުމާއި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ އޭނާގެ ދަށުންނެވެ. އަމިއްލަ ވަރަށް ގިނަ ވިޔަފާރިތަކެއް ކުރައްވަ އެވެ.
އަބްދުﷲ ޝަރީފްގެ ސިޔާސީ މަސައްކަތްތައް ފެށުނީ ޑީއާރްޕީގެ ތެރެއިންނެވެ. މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ވާދަކުރައްވާފައި ނުވި ނަމަވެސް އޭނާ ވަނީ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވައިފަ އެވެ. އެގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހދ. އަތޮޅު ސިޔާސީ ގޮތުން ބާރުވެރިކުރުމުގެ މަސައްކަތްތަކެއް ކުރެއްވި އެވެ. އެ މަސައްކަތުގައި، ހދ. ކުޅުއްފުށީގައި މަރުކަޒުވެ ހުންނަވައި، ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.
އޭނާގެ 100 ޕަސެންޓް ހިއްސާގައި ހިންގަވާ ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކުރައްވައި ރަށުގެ ޒުވާނުންނަށް ވަރަށް ގިނަ އެހީތަކެއް ވެދެއްވަ އެވެ. ހާއްސަކޮށް ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީގައި ބާއްވާ ހޮލިޑޭ ކަޕް ފުޓްބޯޅަ މުބާރާތަކީ ބޮޑު ހަރަދެއްކޮށް، ޒުވާނުންނަށް އޭނާ ދެއްވާ ހިދުމަތެކެވެ. މީގެ އިތުރުން އޭނާ އެ ރަށެއްގައި ވިޔަފާރި ކުރައްވާ ކ. ތުލުސްދޫ ޒުވާނުންގެ ރޫހުގެ ބޯޑް މެމްބަރުކަން ވެސް ކުރައްވަ އެވެ.
އުފަން ރަށް ނޫނަސް ވައިކަރަދޫ ދާއިރާގެ ރަށްރަށާއި އާއްމުން އޭނާ އަށް ވަރަށް ފަރިތަ އެވެ. އެ ރަށްރަށުގެ ހާލަތު އެނގިވަޑައިގަނެ އެވެ. ހާއްސަކޮށް މިދިޔަ ފަސް އަހަރު ސިޔާސީ ގޮތުން މި ދާއިރާގައި ކުރެއްވި މަސައްކަތުންނެވެ. އެހެންވެ އެ ދާއިރާ އަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވަ އެވެ. ފުރުސަތު ލިބިވަޑައިގެންފި ނަމަ ނަތީޖާ ނެރުއްވާނެ އެވެ.