އިބްރާހިމް ރަޝީދު (ބޮންޑޭ) އަކީ މާފަންނަށް އުފަން އެ އަވަށުގެ މުހިއްމު ނަމެކެވެ. މިއަދު އޭނާގެ ނަން އެންމެ ފާހަގަވަނީ ސިޔާސީ ދާއިރާ އިންނެވެ. އެކަމަކު އޭގެ ކުރިން ވެސް އަދި މިހާރު ވެސް އޭނާގެ މަސައްކަތުގެ ދާއިރާ އަކީ ޓޫރިޒަމެވެ. އެގޮތުން ޓްރެވަލް އެންޑް ޓޫރިޒަމް ސެކްޓަރުގަ އާއި ރިޒޯޓް ޑިވެލޮޕްމަންޓް ކޮންސަލްޓަންސީ ދިނުމުގައި ހަރަކާތްތެރިވި އެވެ.
ބޮންޑޭއަކީ ރާއްޖޭގެ ސިޔާސީ އިސްލާހީ މަސައްކަތުގެ މުހިއްމު ބައިވެރިއެކެވެ. އެމްޑީޕީ 2005 ގައި ރަޖިސްޓްރީކޮށް، އޭނާ އަކީ އެ ޕާޓީ އަށް 11 ވަނަ އަށް ސޮއިކުރެއްވި މެމްބަރެވެ. އެ ޕާޓީގެ ސްލޮޓުގައި 2009 އިން 2013 އަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ. އަދި އެ ޕާޓީގެ ފިޝަރީޒް، އެގްރިކަލްޗާ އާއި ނެޗުރަލް ރިސޯސަސް ކޮމިޓީގެ ޗެއާމަންކަމާއި އިގްތިސާދު ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީގެ މެމްބަރުކަން ވެސް ކުރެއްވި އެވެ. ބޮންޑޭ އެންމެ ބޮޑަށް ފާހަގަކުރެވެނީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުންނެވެ. އެގޮތުން 2008ގައި އާ ގާނޫނު އަސާސީ ތަސްދީގުކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްގޫމަށް ބާރުއެޅުއްވުމުގެ ގޮތުން ކުރި މުޒާހަރާތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރު ވެއްޓުމާ އެކު ފެބްރުއަރީ 8، 2012 ގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި ފުލުހުންގެ ފަރާތުން އެންމެ ބޮޑު އަނިޔާއެއް ލިބިިވަޑައިގެންނެވި އެއް ބޭފުޅަކީ ވެސް ބޮންޑޭ އެވެ.
ބޮންޑޭއަކީ މޯލްޑިވްސް ވޮލަންޓިއާ އޯގަނައިޒޭޝަންގެ ފައުންޑާ މެމްބަރެކެވެ. އެ ޖަމިއްޔާގެ ތެރެއިން ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަ އެވެ. މީގެ އިތުރުން ބޮންޑޭ ވަނީ އަމިއްލަ ގޮތުން އަވަށުގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ބޮންޑޭ ދެކެވަޑައިގަންނަވާ ގޮތުގައި، "ފަހުރުވެރި ދިވެއްސަކަށް ވުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތެރެއަށް އެޖެންޑާ 19 ގެ ކަންކަން ހިމަނަން ޖެހެ" އެވެ. އެ މަސައްކަތް ކުރެވޭނީ އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.