މުހައްމަދު ފަލާހަކީ މާލޭގެ ބޮޑެތި އާއިލާތަކުގެ ތެރެއިން އާއިލާއަކަށް އުފަން ބޭފުޅެކެވެ. ހިތްހެޔޮ، އެކުވެރި މިޒާޖެއްގެ ފަލާހުގެ ބައްޕައަކީ އޭރު މާލެ އަށް މަޝްހޫރު މާކުން އަލިފުޅެވެ. މަޖިލިހަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން ފަލާހް 10 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވީ ކޮންސްޓްރަކްޝަން ވިޔަފާރީގަ އެވެ.
އެމްޑީޕީ އުފެދިގެން އައި އިރު، ފަލާހް ވަނީ އެ ޕާޓީގެ މާފަންނު ހުޅަނގު ދާއިރާގެ ނައިބު ރައީސް ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ފަލާހަކީ އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ ރައީސް އެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ކަން ވެސް އެއް ދައުރު ކުރެއްވި އެވެ. ރައްޔިތުން އޭނާ އަށް އިތުބާރުކޮށް މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ދިނީ 2014 ވަނަ އަހަރު އެވެ.
ފަލާހަކީ ވެސް ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލެވުމުގައި ދެގޮތެއް ނެތި ހުންނެވި ބޭފުޅެކެވެ. އިސްލާހީ މަސައްކަތްތަކުގައި އުޅުއްވި އިރު، އެތައް ފަހަރަކު ޖަލަށް ގެންދިޔަ އެވެ.
ފަލާހަކީ ރައްޔިތުންގެ ތަފާތު ބޭނުންތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ހާއްސަކޮށް، އެމްޑީޕީއަށާއި ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަމުގައި އޭނާއަކީ ރަނގަޅު އެހީތެރިއެކެވެ.
"އެޖެންޑާ 19 އަކީ ވެއިތުވެދިޔަ 14 އަހަރުގެ ތެރޭގައި ހެދި ދިރާސާތަކުގައި ރައްޔިތުންނަށް ދިމާވެފައި ހުރި އެންމެ ބޮޑެތި ކަންކަމުގެ ހައްލު،" ފަލާހު ވިދާޅުވި އެވެ.
އެހެންކަމުން އޭނާ ވިދާޅުވަނީ 19 ގާނޫނެއް ފާސްކޮށްފި ނަމަ، އިޖުތިމާއީ މައްސަލަތަކާއި ވަޒީފާ އާއި ގެދޮރު ނުލިބުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.