އައްޑޫ ޝަރީފް ނުވަތަ މަވޯޓާ ޝަރީފޭ ބުނީމާ ދިވެހިންނަށް އެނގޭ ވަަރަށް އޭނާއަކީ ސިޔާސީ ދާއިރާގައި މަޝްހޫރު ބޭފުޅެކެވެ. މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި އަންނައުނުގެ ވިޔަފާރި ކުރެއްވި އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ޝަރީފަކީ ސިޔާސީ މިނިވަންކަން ނެތް ދުވަސްވަރު ވަރަށް ހިތްވަރުގަދަ މެމްބަރެކެވެ. އޭނާ އައްޑޫގެ މެމްބަރުކަން 1989 ގެ އިންތިހާބުން ހޯއްދެވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މެމްބަރަކު ކެމްޕޭންގައި ބޭނުންކުރެއްވި ސުލޯގަންއާ އެކު އެވެ؛ "މަ ވޯޓާ ޝަރީފަށް" މިއީ އޭނާގެ އޭރުގެ ސުލޯގަން އެވެ. އެއީ މިހާރު އޭނާގެ ވަނަން ވެސް މެ އެވެ.
އޭގެ ފަހުން އައްޑޫ ރައްޔިތުންނާއި އެހެން ދިވެހިންގެ މެދުގައި ވެސް ޝަރީފަކީ މަޝްހޫރު މެމްބަރެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފާޅާއެރުމުގެ ކުރިން ރާއްޖޭގައި އެންމެ ބޮޑު ހިޔާނާތަކަށް އޮތީ އޭރުގެ އެފްޕީއައިޑީގެ ހިޔާނާތެވެ. އެ ހިޔާނާތް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލިހުން ނެގި ކޮމިޓީގައި ވެސް ޝަރީފް އިންނެވި އެވެ.
ޝަރީފަކީ ރާއްޖޭގައި ސިޔާސީ ގޮތުން މަޝްހޫރު ހިސާބަކުން ވަޑައިގެންނެވި މަޝްހޫރު ސިޔާސީ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލިސް ވެސް މިނިވަންނުވާ ދުވަސްވަރެއްގައި އޭނާ އައްޑު އަތޮޅު ތަމްސީލްކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑު ވެސް ކިއުއްވަމުންނެވެ. ސަރުކާރުން ފޮނުވާ ބިލްތަކަށް ސަރުކާރުގެ ވިސްނުން ނޫން އެހެން ގޮތަކަށް ވަކާލާތުކުރެއްވި މަދު މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަނެ އެވެ. މައުލޫމާތު މުއްސަނދި، ދުނިޔޭގެ ސިޔާސީ ހަގީގަތްތައް ވެސް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖޭގައި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވަން ޝަރީފް އަބަދު ވެސް މަސައްކަތްކުރެއްވި އެވެ. އެމްޑީޕީ އުފައްދަން 2001 ގައި އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ހުށައެޅުމުން، މަޖިލިސް ތެރޭގައި އެކަމާ އެއްކޮޅަށް ވާހަކަ ދެއްކެވި މަދު މެމްބަރުންގެ ތެރެއިން އެކަކީ ޝަރީފެވެ. އެފަހަރު އެކަން ނާކާމިޔާބުވި އެވެ. އެކަމަކު 2005 ގައި ސިޔާސީ މިނިވަންކަން އައިސް އެމްޑީޕީ ރަޖިސްޓްރީކުރި އެވެ. އޭރު ވެސް އޭނާ ހުންނެވީ އެ ޕާޓީގަ އެވެ.
އެމްޑީޕީން އޭނާ ވަކިކުރީ 2007 ގައި، އޭރު ބާއްވަން އުޅުނު މުޒާހަރާއަކާ ގުޅިގެންނެވެ. އެމްޑީޕީއާ ދުރުވެވަޑައިގަތުމުގެ ސިޔާސީ ނަތީޖާ 2009ގެ އިންތިހާބުގައި ފެނިވަޑައިގަތެވެ. އައްޑޫގެ ގޮނޑި 20 އަހަރު ފުރުއްވި ފަހުން އޭނާއަށް ނާކާމިޔާބުވެވަޑައިގަތެވެ. އެކަމަކު 2014 ގައި އެމްޑީޕީން ނުކުމެވަޑައިގެން އަނެއްކާސް ގޮނޑި ހޯއްދެވި އެވެ. މިއީ ޝަރީފް ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވާ ހަތް ވަނަ ފަހަރެވެ.
"ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނަން،" ޝަރީފްގެ މެސެޖް، ދާއިރާގެ ރައްޔިތުންނަށް ދެއްވި އެވެ.