ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Firushan

Madaveli Dhaairaa Gaafu Dhaalu Atoll

ޕްރޮފައިލް

ގދ. ހޯނޑެއްދޫ ސްކޫލުން ތައުލީމް ހާސިލް ކުރައްވަމުން ގެންދެވި އިރު ވެސް ހުސައިން ފިރުޝާނަކީ އިޖްތިމާއީ ކަންކަމަށް ލޯބި ހުންނެވި ބޭފުޅެކެވެ. ނަތީޖާއަކީ ގްރޭޑް 9 ގައި އުޅުއްވަމުން، 2006 އިން ފެށިގެން ހޯނޑެއްދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގައި މަސައްކަތް ކުރެއްވުމެވެ. ފިރުޝާން ޚާއްސަވެފައި ވަނީ ވެބް ޑިވެލޮޕިން އާއި ޑިޒައިންގެ ދާއިރާ އިންނެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީ އާއި ރާއްޖެ އޮންލައިން ފަދަ އިދާރާތަކުގައި ވެބް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު 2008 ގައި އޮތް އިރު ސިޔާސީ ކަންކަމަށް އޭނާގެ ހިތް ޖެހުނެވެ. އުމުރުން 18 ފުރުމާ އެކު އޭނާ ފުރަތަމަ ވެސް ގުޅިވަޑައިގެންނެވީ އެމްޑީޕީއާ އެވެ. އެމްޑީޕީ ސަރުކާރު 2012 ގައި ވެއްޓުނު ފަހުން ހިންގި ސިޔާސީ ހުރިހާ އިހްތިޖާޖެއްގައިހެން އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ފަހުން ރަށަށް ވަޑައިގެން 2014 ގައި ރަށު ކައުންސިލް އިންތިޚާބުގައި ވާދަކުރައްވައި ހޯނޑެއްދޫ ކައުންސިލަށް ހޮވިވަޑައިގެންނެވި އެވެ. ކައުންސިލްގެ ބާރުތައް ކުރީގެ ސަރުކާރުން ނަގަން ފެށުމުން ފިރުޝާން ވަނީ 2017 ގައި މަގާމުން އިސްތިއުފާ ދެއްވައި މާލެ ވަޑައިގެން ސިޔާސީ ހަރާކްތަކުގައި ބައިވެރިވާން ފައްޓަވައިފަ އެވެ. ފެބްރުއަރީ 1، 2018 ގައި ސިޔާސީ ފަރާތްތައް ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ހައްޔަރުކުރުމުގެ ތެރޭގައި މާޗް 8، 2018 ގައި އޭނާ ވެސް ހައްޔަރުކުރި އެވެ. އޭރު އޭނާ އަކީ އެމްޑީޕީ ޔޫތު ވިންގުގެ ހަރަކާތްތެރި މެންބަރެކެވެ. އޭނާ ދޫކޮށްލީ 11 ދުވަހު ޖަލު ގޮޅީގައި ބޭއްވުމަށް ފަހު އެވެ.

ފިރުޝާންގެ އިޖްތިމާއީ ޚިދުމަތްތައް ރަށަށް ފޯރުކޮށްދެއްވަނީ ހޯނޑެއްދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީގެ ތެރެއިންނެވެ. އެ ޖަމިއްޔާ އިން ހިންގި ކުޅިވަރު ހަރަކާތްތަކާއި ކުނި ނައްތާލުމުގެ ޕްރޮގްރާމްތަކުގައި އޭނާ އަމަލީ ގޮތުން އުޅުއްވި އެވެ. ރަށު ކައުންސިލްގައި އުޅުއްވި ދުވަސްވަރު އޭނާގެ ބެއްލެވުމުގެ ދަށުން ކުޑަ ކުދިންގެ ޕާކެއް ތަރައްގީކުރެއްވި އެވެ.

"ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑު ވާނީ ރައްޔިތުން ބޭނުންވާ ފަދަ ނަޒާހަތްތެރި މެންބަރަކަށް،" ފިރުޝާން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުންވާނެ ކޮންމެ ކަމެއްގައި ވަކާލާތު ކުރާނަން."

Featured Candidates