ގދ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު، އަބުޅޯ ސިއްހީ ދާއިރާގެ އެކި މަގާމުތައް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފުރުއްވި އެވެ. އެމްޓީޑީސީގެ ބޯޑު މެމްބަރުކަން ދެ އަހަރު ކުރެއްވި އެވެ. އަބުޅޯ ހޯމް މިނިސްޓްރީގެ ނައިބުކަމުން ވަކިވެވަޑައިގަތީ، ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރުމުންނެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ހާސިލް ކުރެއްވި އަބުޅޯ ވަނީ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރީގެ ތެރޭގައި ގާތްގަނޑަކަށް ހައެއްކަ އަހަރު އުޅުއްވައިފަ އެވެ.
ސިޔާސީ ގޮތުން ރާއްޖެ އެންމެ ހަލަބޮލިވި ދުވަސްވަރު އިސްލާހީ މަސައްކަތުގެ ތެރޭގައި އުޅުއްވި އަބުޅޯގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ނުކުންނަވައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ނަމަވެސް، ފަހުން ޕީޕީއެމާ ގުޅިވަޑައިގަތެވެ.
އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ އަށް ދިއުމާ އެކު، ޕީޕީއެމާ ފެޔަށް ޖެހިވަޑައިގެންނެވި މަދު މެމްބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ހަރަކާތްތަކުގެ ސަބަބުން ތިން ފަހަރު ޖަލުގައި އޮންނެވި އެވެ. ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން އެކަކީ އޭނާ އެވެ.
ތިނަދޫގެ އިޖުތިމާއީ ގިނަ ހަރަކާތްތަކެއްގައި އަބުޅޯ އުޅުއްވަ އެވެ. ރަށުގެ ފުޓްބޯޅަ އާ ހަރުފަތަކަށް ގެނެސް ދެއްވައި، ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން ދީނީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު ދާއިރާގެ ތިން މިސްކިތަށް ހާފިޒުން ގެނެސްދެއްވީ އޭނާގެ އަމިއްލަ ހަރަދުގަ އެވެ.
"ދެ ވަނަ ދައުރަކަށް އިންތިހާބުކޮށް ދެއްވައިފި ނަމަ އަޅުގަނޑުގެ ތަސައްވަރުތަކެއް އެބަހުރި. އަޅުގަނޑު އިންތިހާބުކޮށްގެން އެ ތަސައްވަރު ހަގީގަތަކަށް ހެދޭނީ،" އަބްޅޯ ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ މަދަދާއި އެހީތެރިކަން. ރައްޔިތުންގެ ކުރިމަގު އުޖާލާކޮށް، ބަޖެޓުގެ ތެރެއިން ކަންކަން ފަހިކޮށްދޭނަން."