ތ. އަތޮޅުގެ ބޮޑު އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ރިޔާޒުގެ ބައްޕައަކީ ވިލުފުށީ ބޭފުޅެކެވެ. މަންމަ ނިސްބަތްވެވަޑައިގަންނަވަނީ މަޑިފުއްޓަށެވެ. ރިޔާޒު އުޅެބޮޑުވީ ވިލުފުށީގަ އެވެ. އެއަށް ފަހު 1982 ގައި މާލެ ވަޑައިގެންނެވި އެވެ. ސިޔާސީ ދާއިރާއަށް ވުރެ ބޮޑަށް ކުރިން ރިޔާޒު މަޝްހޫރީ ފުޓްބޯޅަ ރެފްރީކަމުގަ އެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހޯއްދަވައި، ފީފާގެ ރެފްރީއެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. ރިޔާޒު ފާހަގަކުރެވިފައި އޮންނަނީ ގޮތުގައި ހުންނަވާ، ޖެހިލުން ކުޑަ ރެފްރީއެއްގެ ގޮތުގަ އެވެ.
ރިޔާޒު ވަނީ އިޖުތިމާއީ ގޮތުން ގިނަ އެހީތަކެއް ވެދެއްވައި، އަމަލީ ގޮތުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން މަޑިފުށީ ޒުވާނުންގެ ޖަމިއްޔާ އުފެއްދެވި އެވެ. ވިލުފުށީ ދާއިރާގައި ހިމެނޭ އެހެން ރަށްރަށުގެ ޒުވާނުންގެ ކަންކަމާއި ރަށު ފެންވަރުގައި ހިންގި ހަރަކާތްތަކަށް އޭނާގެ އެހީތެރިކަން ބޮޑެވެ.
ސިޔާސީ ދާއިރާއަށް ރިޔާޒު ނުކުމެވަޑައިގެންނެވީ ރައްޔިތުންގެ ހާއްސަ މަޖިލީހުން 2004 ވަނަ އަހަރެވެ. އާ ގާނޫނު އަސާސީ ހަދަން އެކުލަވާލި އެ މަޖިލިހުގައި ރިޔާޒުގެ ހަރަކާތްތެރިކަން ބޮޑެވެ. ގިނަ ކަންކަމުގައި އަޑުއުފުއްލެވި އެވެ. އޭގެ ފަހުން 2009 ގެ މަޖިލިސް އިންތިހާބާއި 2014 ގެ އިންތިހާބު ކާމިޔާބުކުރެއްވި އެވެ. ރިޔާޒު ފާހަގަކުރެވެނީ މަޖިލީހަށް ގިނަ ބިލްތައް ހުށަހެޅުއްވި އެއް މެމްބަރުގެ ގޮތުގަ އެވެ.
ތ. އަތޮޅުގެ މެމްބަރުކަން އެހެން ބޭފުޅުން ވެސް ކުރައްވާފައިވެ އެވެ. ނަމަވެސް އޭނާ ނޫނީ އެހެން މެމްބަރަކަށް ދާއިރާއަށް ގެންނެވުނު ބަދަލެއް ނެތެވެ.
"އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދެވޭނީ ނަތީޖާ ދައްކުވައިދީފައި ހުރި މީހަކަށް" ކަމަށް ރިޔާޒު ވިދާޅުވެ އެވެ.