ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Saudhu Hussain

Vilingili Dhaairaa Gaafu Alif Atoll

ޕްރޮފައިލް

ވިލިނގިއްޔަށް އުފަން ސައުދު މަތީ ތައުލީމު ހާސިލްކުރެއްވީ މެރިޓައިމް ދާއިރާއިންނެވެ. އޭނާ ވަނީ ބޯޓު ކެޕްޓަނެއްގެ ގޮތުގައި މިފްކޯގައި ނުވަ އަހަރު ހޭދަކުރައްވައިފަ އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގެ އޮފިސަރެއްގެ ގޮތުގައި ވެސް އުޅުއްވި އެވެ. އެއަށް ފަހު 2011 ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ޑީއާރްޕީގެ މެންބަރެއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި އެވެ. ވިލިނގިލީ ކައުންސިލްގެ ރައީސެއްގެ ގޮތުގައި 2014 އާ ހަމައަށް މަސައްކަތްކުރެއްވި އެވެ. އޭނާ މަޖިލިހަށް ހޮވިވަޑައިގަތީ 2014 ގެ އިންތިހާބުގަ އެވެ.

ޕާޓީ ނިޒާމް ތައާރަފުވުމާ އެކު އޭރުގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރުޕީއާ ގުޅިވަޑައިގަތެވެ. ޑީއާރްޕީގެ ވިލިނގިލި ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވައިގެން ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގި ދުވަސްވަރު އަމަލީ ގޮތުން ސިޔާސީ މަސައްކަތް ފެއްޓެވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން މަސައްކަތްކުރައްވަމުން އައިސް، ސައުދަށް ގޮންޖެހުނަތަކާ ކުރިމަތިވެވަޑައިގަތީ، ރައީސް އަބްދުﷲ ޔާމީނާ ހިޔާލު ތަފާތުވި ހިސާބުންނެވެ. އެގޮތުން 2017 ގައި އޭރުގެ އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އެހާ ހިސާބުން މެމްބަރުކަން ވަކިވީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ވެސް އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލެވުމުގައި އިސްކޮށް ހުންނެވި އެވެ.

ސައުދު ވަނީ ސިޔާސީ އެ ހަރަކާތްތަކާ ގުޅިގެން ޖަލަށް ވެސް ލައިފަ އެވެ. އޭނާގެ މަންމަ އަވަހާރަވީ ޖަލުގައި ހުންނަވަނިކޮށެވެ. އެއީ އޭނާގެ ހަޔާތަށް ކުރިމަތިވި ވަރަށް ހިތާމަވެރި ދުވަސްތަކެކެވެ. ނަމަވެސް ޔާމީން ބަލިކުރަން އޭރު ކުރި ހުރިހާ މަސައްކަތެއްގައި، ގޮތްދޫނުކުރައްވާ ހުންނެވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ ގައުމު އިސްލާހުކުރަން ކޮށްދެއްވުނު ޚިދުމަތެކެވެ.

ސައުދަކީ ވިލިނގިލީ ރައްޔިތުންނާ ކައިރި ބޭފުޅެކެވެ. އޭނާގެ އެ ގާތްކަން ރަށުގެ ޒުވާނުންނަށް ވެސް އޮވެ އެވެ. އެހެންކަމުން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސައުދު ފައުންޑޭޝަން މެދުވެރިކޮށް ރަށަށް ތަފާތު އެހީތައް ވެދެއްވަ އެވެ.

"އަޅުގަނޑަކީ ރައްޔިތުންގެ މީހެއް،" ސައުދު ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އިއްވާނީ ރައްޔިތުންގެ ބަހެވެ. މަސަައްކަތްކުރައްވާނީ ދާއިރާ ތަރައްގީ އަށެވެ.

Featured Candidates