ހަސަން އަހުމަދުގެ މަޝްހޫރު ނަމަކީ ހަސަންޓޭ އެވެ. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް ކ. ވިލިނގިލީގެ ވެއިޓަރުކަމެވެ. އޭގެ ފަހުން ރެސްޓޯރަންޓްގެ މެނޭޖަރު ކަން ވެސް ކުރެއްވި އެވެ. ޓޫރިޒަމް ދާއިރާގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހު އޭނާ ދެން އުޅުއްވީ ބޯޓުފަހަރު ބަނުމުގެ މަސައްކަތުގަ އެވެ.
އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް ދެގޮތެއް ނެތި ހުންނެވި މެމްބަރުންގެ ތެރެއިން އިސް ސަފުގައި ހަސަންޓޭ ފާހަގަކޮށްލެވޭނެ އެވެ. އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްކަމުގައި އޭނާ ހުންނެވީ ހަމައެކަނި ނަމަކަށެއް ނޫނެވެ. ހައްގުތަކުގެ ދިފާއުގައި އަޑުއުފުއްލަވަން ހުރިހާ މުޒާހަރާތަކެއްގައިހެން ބައިވެރިވެވަޑައިގަތެވެ. އެތައް ފަހަރަކު ޖަލަށް ގެންދިޔަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުރިހާ ރަށަކަށް ވަޑައިގެންނެވި އެއް ބޭފުޅަކީ ހަސަންޓޭ އެވެ.
އޭނާ ސިފަކުރައްވާ ގޮތުގައި ދިވެހި ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލެއްވުމަކީ އިޖުތިމާއީ ގޮތުން ކުޑަ ޚިދުމަތެއް ނޫނެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމުގެ ނިޒާމެއް ގެންނަން އަބަދާއި އަބަދު، އުޖޫރައެއް ނެތި މަސައްކަތްކޮށްދެއްވުނީ މުޅި ގައުމަށެވެ.
ހަސަންޓޭގެ މެސެޖަކީ މި އެވެ: ވައްކަމާއި ހިޔާނާތް ހުއްޓުވައި، ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދޭން ތާ އަބަދު މަސައްކަތްކުރައްވާނެ އެވެ.