ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hassan Afeef

Vilufushi Dhaairaa Thaa Atoll

ޕްރޮފައިލް

އަފީފަކީ ތ. ވިލުފުއްޓަށް އުފަން ބޭފުޅެކެވެ. އެރަށުގެ މުދިން ހަސަން ކަލޭފާނު އާއިލާއަށް ނިސްބަތްވާ އަފީފު ވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލިހުގައި، ކިރިޔާ ވެސް ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވި މަދު މެމްބަރުންގެ ތެރޭގަ އެވެ. އޭނާ އޭރު ފާހަގަކުރެވުނީ ތަފާތު ސިޔާސީ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އޭރު ކިރިޔާ ވެސް ވަގުތެއް ލިބިވަޑައިގެންފި ނަމަ އިސްލާހީ ކަންކަމާ މެދު ވާހަކަ ދެއްކެވި އެވެ. މަޖީދިއްޔާ އިން ތައުލީމު ހާސިލްކުރެއްވުމަށް ފަހު މަތީ ތައުލީމަށް ކިޔަވާވިދާޅުވީ އީރާނުގެ ޔުނިވާސިޓީއެއް ކަމަށް ވާ ޕަހަލަވި ޔުނިވާސިޓީންނެވެ. އެ ޔުނިވާސިޓީން އަފީފު ޑިގްރީއަށް ކިޔަވާ ވިދާޅުވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ.

އަފީފު މައިގަނޑު ގޮތެއްގައި ކުރައްވަމުން ގެންދެވީ ޓޫރިޒަމް ދާއިރާގެ ވިޔަފާރި އެވެ.

ހަސަން އަފީފު ސިޔާސީ މަސައްކަތުގެ ތެރެއަށް ވެންނެވީ 1990 ގަ އެވެ. އެ އަހަރުން ފެށިގެން 2009 އާ ދެމެދު، 20 އަހަރު، ރައްޔިތުން މަޖިލީހުގައި ތ. އަތޮޅު ތަމްސީލުކުރެއްވި އެވެ. މަޖިލިހުގައި ސަރުކާރާ ދެކޮޅަށް ތަފާތު ބިލްތަކުގައި ވާހަކަ ދެއްކެވި އެވެ. އަދި އިސްލާހީ މަސައްކަތުގައި މަޖިލިހުގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވި އެއް މެމްބަރަކީ ވެސް އަފީފެވެ. އޭނާގެ ވިޔަފާރި އާއި ސިޔާސީ ތަޖުރިބާގެ މައްޗަށް ބިނާކޮށް މަޖިލީހުގެ އެކި ކޮމިޓީތަކުގެ މުގައްރިރުކަން ކުރެއްވި އެވެ. ސުމާނީ ކާރިސާއާ ގުޅިގެން މަޖިލީހުގައި އެކުލަވާލި ކޮމިޓީގެ އިސް މެމްބަރަކަށް ވެސް ހުންނެވީ އޭނާ އެވެ.

އަފީފަކީ 2001 ގައި އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރެއިިން އެކެކެވެ. ރައްޔިތުންގެ މަޖިލިހަށް އެ މައްސަލަ ހުށައެޅުމުން، ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި އެކަމަށް ތާއީދުކުރެއްވި ފަސް މެމްބަރުންގެ ތެރޭގައި ވެސް އަފީފް ހިމެނެ އެވެ. އެމްޑީޕީ ރަޖިސްޓްރީކުރެވޭ ވަރުވީ އޭގެ ހަތަރު އަހަރު ފަހުން ރާއްޖެއަށް އައި އިސްލާހީ މަސައްކަތުގެ ތެރޭގަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި އަފީފު ވަނީ ހޯމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވެސް ހުންނެވި އެވެ.

އިޖުތިމާއީ ގޮތުން ގިނަ އެންޖީއޯތައް ހިންގުމުގައި އޭނާ ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް މަހު މުސާރަ ދޭން ވެލެންސިއާ އިން 1992 ގައި ފެށި މަސައްކަތުގައި އެ ކްލަބްގެ ފަހަތުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. ތ. އަތޮޅުގެ ހުރިހާ ރަށަކަށްހެން ބޮޑެތި އެހީތަކެއް އޭނާ ދެއްވި އެވެ. ސުނާމީއަށް ފަހު ވިލުފުށީ ބަނދަރު ތަރައްގީ ކުރުމާއި ހެލްތު ސެންޓަރު ތަރައްގީކުރަން ވެސް ހޭދަކުރެއްވި އެވެ.

ވިލުފުށީ ދާއިރާއަށް އިގްތިސާދީ ތަރައްގީ ގެނައުމަށާއި ރައްޔިތުންނަށް އުފާވެރި، ފުދުންތެރި، ހަމަޖެހޭ، އުޖާލާ ދިރިއުޅުމެއް ހޯދައިދޭން އަޅުގަނޑު މަސައްކަތްކުރާނަން،" އަފީފް ވިދާޅުވި އެވެ.

Featured Candidates