އަހުމަދިއްޔާ ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މުހައްމަދު ކާރިމް އަނބިކަނބަލުންނާއި ދެ ކުދިން ގޮވައިގެން 2011 ގައި ހިޖުރަކުރެއްވީ ނައިފަރަށެވެ. ނައިފަރު ކައުންސިލްގެ ރައީސް ކަމުގައި މިހާރު ހުންނެވި ކާރިމް ވަނީ ކައުންސިލްގައި ދެ ދައުރު ފުރިހަމަކުރައްވައިފަ އެވެ.
މާލެ އަށް އުފަން ކާރިމް ކައުންސިލަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ އެއާޕޯޓުތަކުގެ ޕްރޮކިއުމަންޓްސް އާއި ފިނޭންސްގެ ކަންކަން ބެލެހެއްޓެވުމުގަ އެވެ.
ކާރިމް އަކީ އެމްޑީޕީގެ ސަޕޯޓަރެކެވެ. އެމްޑީޕީގެ ފިކުރުގައި ސިޔާސީ ދާއިރާއަށް ވަންނަވައި، އިންތިހާބުތަކުގައި މީގެ ކުރިން ވަނީ ކާމިޔާބު ވެސް ހޯއްދަވައިފަ އެވެ. އެގޮތުން ނައިފަރު ކައުންސިލްގެ ރައީސް ކަމުގެ އިތުރުން އޭނާއަކީ އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ވެސް މެ އެވެ.
ނައިފަރަށް ދިރިއުޅުއްވަން ބަދަލުކުރައްވައި އެންމެ ފުރަތަމަ އޭނާ އަދާކުރެއްވި ވަޒީފާއަކީ ޅ. އަތޮޅު ހޮސްޕިޓަލްގެ އެކައުންޓް އޮފިސަރު ކަމެވެ. ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިވަޑައިގަތުން އޭނާ ބަލައިގަންނަވަނީ އިޖުތިމާއީ ހިދުމަތެއްގެ ގޮތުގަ އެވެ. ކާރިމް ވިދާޅުވި ގޮތުގައި އެ ވަޒީފާގައި އުޅުއްވި އިރު، ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރުގެ ހިދުމަތެއް ކުރެއްވުނެވެ.
ކާރިމް ވިދާޅުވަނީ ކައުންސިލްގައި އޭނާ އަދާކުރައްވާ ޒިންމާ އަކީ މީހަކު ކަމެއްގައި އައުމުން "ބޮލާލައި ޖެހުމުގެ" ބަދަލުގައި އެމީހުންނަށް މަގު ކޮށައިދެއްވުން ކަމަށެވެ.
"ރައްޔިތުންގެ މީހެއް އަޅުގަނޑަކީ. ރައްޔިތުންނާ އެކީގައި އަބަދުވެސް ހުންނާނީ،" ކާރިމް ވިދާޅުވި އެވެ.