ގެމަނަފުއްޓަށް ނިސްބަތްވާ އިލްހާމް އަހުމަދަކީ ކުރިން ވަރަށް މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރެކެވެ. ޓީވީއެމްގައި އުޅުއްވި އިރު އެދުވަސްވަރު ރާއްޖެއަށް މަޝްހޫރުވި ގިނަ ލަވަތަކެއްގެ ޑައިރެކްޓަރަކީ އިލްހާމެވެ. އެގޮތުން އެތައް ސަތޭކަ ލަވައެއް އޭނާ ޓީވީއެމަށް ތައްޔާރުކޮށްދެއްވާފައިވެ އެވެ.
ޓީވީއެމްގައި އުޅުއްވި އިރު ސިޔާސީ ދާއިރާއަށް އިލްހާމް ވަދެވަޑައިގެންފާނެތޯ ވެސް ސުވާލު އުފެދުނެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ އެކު އޭނާގެ ވިސްނުން ވެސް އެ ދާއިރާއަށް އެނބުރުނެވެ. ޑީއާރުޕީއާ ގުޅިވަޑައިގެން 2009 ގެ އިންތިހާބުގައި ވާދަކުރަައްވާ ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެވެ. އެކަމަކު މަޖިލިހުގެ ދެ ވަނަ ދައުރު އޭނާ ފުރިހަމަކުރައްވަނީ ދަނގެތީ ދާއިރާގެ މެމްބަރުގެ ގޮތުންނެވެ.
އިލްހާމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ކުރި ބައެއް ކަންކަމާ ފާޅުގައި ދެކޮޅު، އަދި ގަދައަށް އަޑުއުފުއްލެވި ބޭފުޅެކެވެ. ހަމަ އެގޮތަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އުސޫލުތަކާ ދެކޮޅަށް ވެސް ތެދުވެންނެވި ބޭފުޅެކެވެ. އެގޮތުން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމުން ގޮނޑި ގެއްލުނު ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެއް މެމްބަރެވެ. އަދި ޖަލުގައި ވެސް އެތައް ދުވަހަކު އޮންނެވި އެވެ.
އިލްހާމް އަހުމަދު އިޖްތިމާއީ ޚިދުމަތް ފަށާފައި ވަނީ ރަށުގެ ޒުވާނުންނަށާއި ރަށު ރައްޔިތުންނަށް ހިންގެވި ތަފާތު ކަންކަމުގެ ތެރެއިންނެވެ. އެގޮތުން ޒުވާނުންނަށް އެކި މުބާރާތްތައް ބާއްވާދިނެވެ. އަދި ރަށުގައި ތަރައްގީކުރި ހިތްގައިމު ބީޗަކީ ރައްޔިތުން މުނިފޫހިފިލުވަން ލިބުނު ރަނގަޅު މާހައުލެކެވެ. މެސެޖް
އުނގޫފާރު ދާއިރާއަކީ އިލްހާމް ވާދަކުރައްވާ ތިން ވަނަ ދާއިރާ އެވެ. އެކަމަކު އޭނާ ދެއްވާ ޔަގީންކަމަކީ ރައްޔިތުންގެ ހައްގެއް ގެއްލޭނެ ފަދަ އެއްވެސް ގާނޫނެއް ފާސްކުރަން އެއްބާރުލުން ނުދޭނެކަމެވެ. ދާއިރާގެ ހައްގުގައި ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި ބޭރުން ވެސް މަސައްކަތް ކުރައްވާނެ ކަމެވެ.